ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިކީ ކޯޝަލް، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ" ގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. މިގޮތުން ފިލްމުގެ ކެރެކްޓާއަށް ފިޓުވުމަށްޓަކައި އޭނާ ފުރަތަމަ 12 ކިލޯ ބަރުކޮށް، އޭގެ ފަހުން 15 ކިލޯ ލުއިކޮށްފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ހިންދުސްތާން ޓައިމްސްއަށް މައުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި، ފިލްމުގެ ޝޫޓިން ފެށިއިރު ކެރެކްޓާއާ ގުޅޭގޮތަށް ވިކީ ވަނީ 12 ކިލޯ ބަރުކޮށްފައެވެ. ނަމަވެސް ފިލްމުގެ ކްލައިމެކްސް މަންޒަރުތައް ނެގުމަށްޓަކައި އޭނާ ވަނީ ވަރަށް ބޮޑަށް ބަރުދަން ލުއިކޮށް، 15 ކިލޯ ލުއިކޮށްފައެވެ. މި ބަދަލުތައް ގެނެސްފައިވަނީ ފިލްމުގެ ޝޫޓިން ކުރިއަށްދިޔަ މުއްދަތުގެ ތެރޭގައެވެ.
"ލަވް އެންޑް ވޯ" ގައި ވިކީ ކުޅެނީ އެއާ ފޯސް ޕައިލެޓެއްގެ ރޯލު ކަމަށް ރިޕޯޓުތައް ބުނާއިރު، މި ރޯލުގެ ދެ ދުވަސްވަރެއް ދައްކުވައިދިނުމަށްޓަކައި ހަށިގަނޑަށް ގެންނާން ޖެހުނު ބަދަލުތައް ގެނައުމުގައި ވިކީގެ ފަރާތުން ފެނުނީ ވަރަށް ބޮޑު ޕްރޮފެޝަނަލް ޑިސިޕްލިންއެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
މިހާ އަވަސް މުއްދަތެއްގެ ތެރޭގައި ބަރުދަނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ވިކީގެ ޓްރެއިނަރު ތޭޖަސް ލަލްވާނީ ބުނި ގޮތުގައި، މިއީ ވަރަށް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިޔަ ކަމެކެވެ. ދުވާލެއްގެ މައްޗަށް 2000 އާއި 2500 އާ ދެމެދުގެ އަދަދަކަށް ކެލަރީ މަދުކޮށްގެން، ހަށިގަނޑަށް ގެއްލުން ނުވާނެ ގޮތަށް ކެއުމުގެ އާދަތައް ބައްޓަންކުރި ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ޝޫޓިން އޮންނަ ދުވަސްތަކާއި ނޯންނަ ދުވަސްތަކަށް ބަލައިގެން ޑައިޓަށް ބަދަލު ގެނެސްފައިވާއިރު، މިކަމުގައި ނިއުޓްރިޝަނިސްޓް އަލްކޭޝްގެ އެހީތެރިކަންވެސް ހޯދާފައިވާ ކަމަށް ތޭޖަސް ބުންޏެވެ.
"ލަވް އެންޑް ވޯ" އަކީ ވިކީ ކޯޝަލް އާއި ރަންބީރު ކަޕޫރުގެ އިތުރުން އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ރިޕޯޓުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް