ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ކާޑުގެ ބާވަތްތައް، ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑުކޮށް ވިއްކާ ވިޔަފާރިވެރިންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ގދ. ގައްދޫ ކައުންސިލުން އިއްޔެ ދީފިއެވެ.
ގައްދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިކޮނޮމިކް މިނިސްޓްރީން ވަކި އަގުތަކެއް ކަނޑައަޅާފައިވާ ހަނޑޫ، ހަކުރު އަދި ފުށް އެ ރަށުގެ ބައެއް ފިހާރަތަކުން ބޮޑު އަގުގައި ވިއްކަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިއީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގަވައިދާ ހިލާފު އަމަލެއްކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ކައުންސިލުން ބުނެފައިވަނީ ކާޑުގެ ބާވަތްތައް ކިރައި، ޕެކެޓުކޮށްގެން ވިއްކި ނަމަވެސް، ޕެކެޓު ކުރުމުގެ ހަރަދު ހިމަނައިގެން އަގު ބޮޑުކުރެވޭނީ އިކޮނޮމިކް މިނިސްޓްރީއަށް އެކަމުގެ ތަފުސީލު ހުށަހަޅައި، ހާއްސަ ހުއްދައެއް ލިބިގެން ކަމަށެވެ. އެފަދަ ހުއްދައަކާ ނުލައި އަގު ބޮޑުކޮށް ވިއްކުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އެ އުސޫލުތަކާ ހިލާފުވާ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީއަށް ރިޕޯޓުކުރާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި ގަވައިދާ ހިލާފުވާ ވިޔަފާރިތައް ފުރަތަމަ ފަހަރު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި، އެކަން ތަކުރާރުކުރާ ނަމަ، ހަ މަސް ދުވަހުގެ މުއްދަތަށް އެ ވިޔަފާރިއެއް ބަންދުކުރުމުގެ ބާރު މިނިސްޓްރީއަށް އޮންނަކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ގދ. ގައްދޫ
ގދ. ގައްދޫ
ގދ. ގައްދޫ
ގދ. ގައްދޫ
ކޮމެންޓް