އެއްވެސް ޓެސްޓެއް ހެދުމަކާ ނުލައި، ފައިސާ ނަގައިގެން ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބަޔަކަށް ލައިސަންސް ދޫކުރި މައްސަލަތަކެއް ފަޅާއެރުމާ ގުޅިގެން ގދ. ގައްދޫގައި ލައިސަންސް ދޫކުރުމުގެ ހުރިހާ މަސައްކަތެއް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ގައްދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ރަށުން ދޫކުރަމުން އައި އެއްގަމު އަދި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހިދުމަތް ހުއްޓާލަން މަޖުބޫރުވީ، ޒިންމާދާރު މަގާމުތަކެއްގައި ކުރިން ތިބި ބަޔަކު ނާޖާއިޒު މާލީ މަންފާތަކެއް ހޯދުމަށް ގާނޫނާ ހިލާފަށް ހިންގާފައިވާ ބޮޑެތި ޖަރީމާތަކެއްގެ ސަބަބުން ކަމަށެވެ.

ކައުންސިލުން ބުނީ، ހިނގަމުންދާ ފަސްވަނަ ދައުރުގެ ކައުންސިލް އިންތިހާބުވި ފަހުންވެސް އެފަދަ ޝަކުވާތައް ލިބެމުންދިޔަ ކަމަށެވެ. އެގޮތުން މި މަހުގެ ހަވަވަނަ ދުވަހު ލިބުނު މައުލޫމާތަކާ ގުޅިގެން ބެލިބެލުމުން، މާލޭގައި ހުރި މީހަކު އޮގަސްޓް 30 ގައި ލައިސަންސަށް އެދުމުން، އެއްވެސް ޓެސްޓަކާ ނުލައި ޖެހިގެން އައި ދުވަހު އޭނާއަށް ގައްދޫން ލައިސަންސް ދޫކޮށްފައިވާކަން ވަނީ ސާބިތުވެފައި ކަމަށެވެ.

ކައުންސިލުން ތުހުމަތުކުރާ ގޮތުގައި މިއީ ހަތަރުވަނަ ދައުރުގެ ބައެއް ކައުންސިލަރުން އިސްވެ ތިބެ ހިންގާފައިވާ ކަމެކެވެ. އަދި އޭރުގެ ސިވިލް ސާވިސް މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ގަވާއިދާ ހިލާފު ކަންކަން ކުރުވާފައިވާކަމަށްވެސް ކައުންސިލުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ކަމާބެހޭ މިނިސްޓްރީގެ ޓީމެއް މިދިޔަ ބުރާސްފަތި ދުވަހު ގައްދޫއަށް ޒިޔާރަތްކޮށް ހިންގި އިންސްޕެކްޝަނުން އެނގުނު ގޮތުގައި، ވޭތުވެދިޔަ އެއް އަހަރު ތެރޭގައި އެ ރަށުން 1،600 އަށް ވުރެ ގިނަ ލައިސަންސް ވަނީ ދޫކޮށްފައެވެ. މިއީ މާލެއާ އެއްވަރުގެ އަދަދަކަށް ވީ ނަމަވެސް، ޓެސްޓު ހަދަން ތިބި އެގްޒާމިނަރުން ބުނެފައިވަނީ ހަފްތާއަކު ދެތިން މީހުންވެސް އަމަލީ ޓެސްޓު ހަދަން ހާޒިރުނުވާ ކަމަށެވެ.

ކައުންސިލުން ބުނީ ރައްޔިތުންނަށް ދެމުން އައި މި ހިދުމަތް އަލުން އިއާދަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ އެކު މިހާރު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އަދި މިހާރުގެ ކައުންސިލްގެ ދައުރުގައި އެފަދަ ކޮރަޕްޝަނާއި ހިޔާނާތުގެ އެއްވެސް އަމަލަކަށް ފުރުސަތު ނުދޭނެ ކަމަށާއި، ހުރިހާ ކަމެއްވެސް ގެންދާނީ ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިންކަމަށް ކައުންސިލުން ބުންޏެވެ.