ފުލުހުންގެ މުއައްސަސާގެ ތެރޭގައި ހުރި މަސްތުވާތަކެއްޗާ ގުޅުންހުރި ނޭދެވޭ ނުފޫޒުތައް މިހާރު އެއްކޮށް ނައްތާލެވިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ހާއްސަކޮށްގެން މިއަދު އާންމުކުރި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފުލުހުންގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި ކަންބޮޑުވާންޖެހޭ ފަދަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

"މިސާލަކަށް ރޭޑުކޮށްގެން މި ހޯދާ ތަކެތި އަނެއްކާވެސް އަނބުރާ މުޖުތަމައަށް ދިޔުމާއި، ނުބައި ނުފޫޒުތައްވެސް ހުރި، އެ ކަންކަންވެސް އެ ވަކިތައްވެސް ނައްތާލައި، އިރާދަކުރެއްވިއްޔާ ފުލުހުންގެ އިދާރާތެރޭގައި މިހާރު ވަރަށް ނީވޭނެ މި ދެންނެވި ނުބައި އަމަލުތަކަށް ފުރުސަތު ލިބޭ ވާހަކަ" ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު ކުށްތަކުގައި މަރުވާ މީހުންގެ އަދަދުވެސް މިހާރު މަދުކުރެވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ގެންގުޅެނީ މި މައްސަލަ ވަށާޖެހޭ ގޮތަކަށް ހައްލުކުރުމުގެ ސިޔާސަތެއް ކަމަށާއި، އެ ސިޔާސަތުގެ މައިގަނޑު ބޭނުމަކީ މަސްތުވާތަކެތީގެ ތެރެއަށް ވަދެފައިވާ ޒުވާނުން އެކަމުން ސަލާމަތްކޮށް، އެއީ މުޖުތަމައަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ އޭގެ އަސްލު ސަބަބުތައް ދެނެގަނެގެން ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމާއި، ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ހޯދޭނެ މަގުތައް ޒުވާނުންނަށް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި މި މަސައްކަތަކީ ތައުލީމީ އަދި ސިއްހީ ނިޒާމާވެސް ގުޅިފައިވާ ކަމަކަށް ވާތީ، ހުރިހާ ދާއިރާއަކުން ގުޅިގެން ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.