މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ހިންގާ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާނެ ދެ ޑިރެކްޓަރަކު ހޯދުމަށް އެ އޮފީހުން މިއަދު އިއުލާންކޮށްފިއެވެ.
ޕެންޝަން އޮފީހުން ބުނީ އެ ފުރުސަތު ހުޅުވާލީ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ ދެ މަގާމަކަށް މީހުން އައްޔަންކުރުމުގެ ގޮތުން ކަމަށެވެ. އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގެ މަސައްކަތް ކުރިއަށްދާނީ އެ އޮފީހުގެ ސިލެކްޝަން ކޮމިޓީންކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
އެ ކޮމިޓީން ތިން މީހެއްގެ ނަން ޝޯޓްލިސްޓް ކުރުމަށްފަހު، އެ މީހުންގެ ޝަރުތުތައް ހަމަވާކަން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ކަށަވަރު ކުރާނެކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ޝަރުތުތައް:
- އުމުރުން 35 އަހަރު ފުރިފައިވާ ދިވެއްސަކަށްވުން
- އިގްތިސޯދީ، ވިޔަފާރި ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ އޮތުމާއެކު ފަސް އަހަރުގެ ތަޖުރިބާ ހުރުން
- ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުން
- ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން
ޕެންޝަން އޮފީހުން ބުނީ ބޯޑު މެންބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އެ އޮފީހުން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހޭނެ ކަމަށެވެ. ބޯޑު މެންބަރުންގެ ޒިންމާތަކާއި މާކްސް ދެވޭނެ ގޮތުގެ ތަފުސީލުތައް އެ އޮފީހުގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަކީ 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޕެންޝަން ނިޒާމު ހިންގުމަށް ހާއްސަ ކޮށްފައިވާ މުއައްސަސާއެކެވެ. ގާނޫނުގައިވާ ގޮތުގެ މަތިން އެ އޮފީސް ހިންގަނީ އަށް މެންބަރުންގެ ބޯޑަކުންނެވެ. އޭގެ ތެރޭގައި ޕްރައިވެޓް ސެކްޓަރުގެ ހަތަރު މެންބަރުން ހިމެނެން ޖެހޭއިރު، އެ މެންބަރުން ބޯޑަށް އައްޔަންކުރައްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ކޮމެންޓް