މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ކުޑަކުދިންގެ ހަވީރަކާއި ހަވާ އެރުވުން މިއަދު ކުރިއަށްގެންދިއުމަށް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 އިން 6 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ކުޑަކުދިންގެ ހަވީރުގައި ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޅިވަރުގެ އިތުރުން އެތައް އިނާމެއް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ކުރިއަށްދާ އިރު، އެކްސްޕޯގެ މައި ހަރަކާތްތައް ވެސް ކުރިއަށް ދާނެއެވެ.

ހަވާ އެރުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ ރޭގަނޑު 10:00 ގައި ސެންޓްރަލް ޕާކުގައެވެ.

އިއްޔެ ފެށި މި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކު 25000 ރުފިޔާގެ ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު އޮވެއެވެ. އަދި ކޮންމެ ދުވަހަކު ފަސް އައިޕެޑާއި އެ ނޫން ވެސް އެތައް އިނާމެއް ހުށަހެޅިފައިވެއެވެ.