ފުލުހުންގެ ހާގީގީ ކާމިޔާބީއަކީ ކޮނޑުގައި ޖަހާ ރޭންކެއް ނޫން ކަމަށާއި، ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރުކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ ތަމްރީނުގެ ދުވަސްތަކުގައި ހޫނު އަވީގައާއި ފިނި ރޭގަނޑުތަކުގައި ދަސްކުރި އުކުޅުތަކާއި ހުނަރުތަކަކީ ފުލުހުންގެ ހަށިގަނޑުގައި ހިނގަންޖެހޭނެ ގައުމީ ލޭ ކަމުގައި ހަދަންޖެހޭނެ ކަމަށެވެ.
"ތަމްރީނު މައިދާނުގައި އޮހޮރުވާލި ކޮންމެ ދާ ތިއްކަކީ މަގުމަތީގެ އަމާންކަމާއި ރައްޔިތުންގެ ހިތްހަމަޖެހުމަށްޓަކައި ވާންޖެހޭ ގުރުބާނީގެ ފެށުން" ކޮމިޝަނަރު ވިދާޅުވިއެވެ.
"ހިތްވަރު ވަރުގަދަކޮށް އަޒުމް އާކުރަންވީ. ފުލުހުންގެ ހަގީގީ ކާމިޔާބަކީ މެޑައްޔާއި ކުލައެއް ނޫން. ޖަހާ ޕްރޮމޯޝަނެއްވެސް ނޫން. ފުލުހެއްގެ ކާމިޔާބަކީ ރައްޔިތު މީހާގެ ހިނިތުންވުން. އެ އިތުބާރު ހޯދޭނީ މަސައްކަތްކޮށްގެން"
ކޮމިޝަނަރު ވިދާޅުވީ ފުލުހުން ލައިގެން ތިބޭ ނޫކުލައިގެ ޔުނިފޯމަކީ ހަމައެކަނި ފޭރާމެއް ނޫން ކަމަށާއި، އެއީ މަގުމަތީގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރަ ކަމަށެވެ. ފުލުހުންގެ ހިދުމަތަކީ އާއްމުންނާއި ގުޅުންހުރި މުހިންމު ޒިންމާއެއްކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
ފުލުހުން ނެތްތަނެއްގައި އަމާންކަން ގާއިމް ނުވާނެ ކަމަށާއި، އެތަނެއްގައި ބިރުވެރިކަން ފެތުރިގެންދާނެކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. ރައްޔިތުންނަށް ހިދުމަތްކުރުމަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުން ނޫންކަމަށާއި، ހުރިހާ ގޮތަކުން ބެލިޔަސް ފުލުހުން ވާންވާނީ ނަމޫނާ ބަޔަކަށްކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
ފުލުހުންނަކީ ދިމާވާ ދަތިތަކުގެ ސަބަބުން ފަހަތަށް ޖެހިގަންނަ ބަޔަކަށް އެއްވެސް ގޮތަކަށް ވެގެންނުވާނެކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
"ގޮންޖެހުންތަކަކީ އަޅުގަނޑުމެންގެ ސަފުތައް ބަލިކަށިކޮށްލާނެ އެއްޗެއް ނޫން. އެއީ އަޒުމް އާލާކޮށްދޭނެ އިމްތިހާނެއް. ފުލުހުންގެ ޝަަރަފު ހިފެހެއްޓުމަކީ ގައުމީ، ދީނީ ވާޖިބެއް. އެ ވާޖިބަށް ހިޔާނާތްތެރި ނުވާތި" ކޮމިޝަނަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކޮމިޝަނާ އޮފް ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް
ކޮމެންޓް