ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު، ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަބަލުން އަދި ޗީފް ގައިޑް ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ ރަސްމިއްޔާޔުގައި ރައީސްވަނީ އޭޝިއާ ޕެސިފިކް ރީޖަން އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގާލްގައިޑްސް އެންޑް ގާލް ސްކައުޓްސް (ވެގްސް) އިން، ދޭ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ އެވޯޑެއް ކަމަށްވާ "އޭޝިއާ ޕެސިފިކް ރީޖަނަލް ޓްރޫޕް ލީޑާ ޔުނިޓް އެވޯޑް" ހާސިލުކުރި ރާއްޖޭގެ ގައިޑަރުންނާ އެވޯޑް ހަވާލުކޮށްދެއްވާފައި ކަމަށެވެ. ރާއްޖޭގެ 14 ގައިޑަރަކު އެ އެވޯޑް ހާސިލުކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

މޯލްޑިވްސް ގާލްގައިޑްސް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން މިރޭ ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޖިދާ ވަނީ، މި އަހަރަކީ ދިވެހި ގާލް ގައިޑް ހިދުމަތަށް 75 އަހަރު ފުރޭ ފަހުރުވެރި އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރާއްޖޭގައި ދިވެހި ގާލް ގައިޑުންގެ އަގުވަޒަންކުރެވި، ފުރަތަމަ ފަހަރަށް ގާލް ގައިޑް ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކުރަން ފެށި ތާރީހީ ދުވަސްކަމަށް ސާޖިދާ ވިދާޅުވިއެވެ.

ގާލް ގައިޑް ހަރަކާތަކީ ފަރުދީ، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައިވެސް މުހިންމު ހިދުމަތެއްކަމަށް ސާޖިދާ ވިދާޅުވިއެވެ. ރާއްޖޭގައި އެ ހިދުމަތަށް 75 އަހަރު ފުރުމަކީ ބޮޑު ޝަރަފެއް ކަމަށާއި، މި އަހަރުން ފެށިގެން ސަރުކާރުން ރަސްމީކޮށް ގާލް ގައިޑް ދުވަސް ފާހަގަކުރަން ފެށުމަކީ ކުރިއަށް އޮތް ތަނުގައި އެ ހަރަކާތަށް އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމެއްކަމަށް ސާޖިދާ ވިދާޅުވިއެވެ.

ގާލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޭނުންތެރި ބިނާކުރުމެއްކަމަށް ސާޖިދާ ވިދާޅުވިއެވެ. ގައުމު ބިނާކުރުމަކީ މީހުން ބިނާކުރުންކަމާއި، މީހުން ބިނާކުރާ އިރު، އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭކަން ފާހަގަކުރައްވާ، ސާޖިދާ ވިދާޅުވީ، ގާލް ގައިޑުން އުފައްދައި ދެމެހެއްޓެމުން އެކަން ހިމެނިގެންދަނީ މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން، އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް އަގުހުރި ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.

ރަސްމިއްޔާތުގައި، ސާޖިދާ ވަނީ "ކޮމިއުނިޓީ ސާވިސް ޓޫލް ކިޓް" އިފްތިތާހުކޮށްދެއްވާފައެވެ. މީގެ އިތުރުން، ގައިޑާޒް ވޮރަންޓް ލިބިވަޑައިގަތް ފަރާތްތަކަށް ބެޖާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވުމާއި، ކުއާޓާ މާސްޓާ އަދި ފަސްޓް އެއިޑް ބެޖް ހަވާލުކޮށްދެއްވުމުގެ އިތުރުން ސާވިސް އެވޯޑް ހަވާލުކޮށްދެއްވައިފައެވެ.

މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ހަނދާނީ ފޮޓޯފުޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.