ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ކަމަށްވާ މޫދުވިނައާއި ކުޅި އަދި ޗަސްބިންތައް ރައްކާތެރިކުރުމަކީ އިގްތިސޯދާއި، ދިރިހުރުމާ ގުޅިފައިވާ ކަމެއް ކަމަށާއި، އެ މަސައްކަތުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ކްލައިމެޓް ޗޭންޖު، އެންވަޔަރުމެންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފު ވިދާޅުވެއްޖެއެވެ.

ތައިލެންޑުގެ، ބެންގްކޮކުގައި މިހާރު ކުރިއަށްދާ އދ.ގެ ތިމާވެއްޓާއި ތަރައްގީއާއި ބެހޭ ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި "ބްލޫ ކާބަން ސައިޑް އިވެންޓް" ގައި ވާހަކަދައްކަވަމުން ޝަރީފު ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ހުރި ގޮންޖެހުންތަކާއި ބޭނުންވާ އެހީތެރިކަމަށް އަލިއަޅުއްވާފައެވެ.

ޝަރީފު ވިދާޅުވީ މޫދުވިނައާއި ކުޅި އަދި ޗަސްބިންތަކަކީ ޖައްވުން ކާބަން ދަމައިގަތުމުގެ ބާރު ގަދަ، ތިމާވެށީގެ ގޮތުން ނުހަނު މުހިންމު ތަންތަން ކަމަށެވެ. އެ ތަންތަނަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުން ރަށްތަކަށް ކުރާ ނޭދެވޭ އަސަރުތަކުން ދިފާއުކޮށްދީ، ރާއްޖޭގެ މައިގަނޑު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަމަށް ބޭނުންވާ ދިރޭތަކެތި އާލާވުމަށް އެހީތެރިވެދޭ މުހިންމު ވަސީލަތްތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން މިހާރުވެސް ބްލޫ ކާބަންގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އިތުރުކުރުމާއި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން މޫސުމީ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެމުންދާކަމަށް ޝަރީފު ވިދާޅުވިއެވެ.

އެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސް ކާމިޔާބު ކުރުމަށްޓަކައި ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއި، ކާބަން މިންކުރުމުގެ މިންގަނޑުތައް އެއްގޮތްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ރަށްރަށުގެ މުޖުތަމައުތައް ބާރުވެރިކުރުވުމަށް ސަރަހައްދީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުންވެސް މުހިންމުކަމަށް ޝަރީފު ވިދާޅުވިއެވެ.