ރާއްޖޭން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.

ސަރުކާރުން އެކަން އިއުލާނުކޮށްފައިވަނީ އިއްޔެ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ 'އަންރުވާ ޕްލެޖިންގް ކޮންފަރަންސް' ގައި ވާހަކަ ދައްކަވަމުން ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ އަލީ ނަސީރު މުހައްމަދުއެވެ.

އެ ފައިސާ ދޭން ހަމަޖެހިފައިވަނީ އަންރުވާ މެދުވެރިކޮށެވެ.

މަންދޫބުގެ ވާހަކަފުޅުގައި އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މަލީ ނިންމުމެއް ނޫން ކަމަށާއި އެއީ އިންސާނީ ކަރާމާތާއި ބައިނަލްއަގުވާމީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ހިމާޔަތްކުރުމާ ގުޅުންހުރި ކަމެއްކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން، މަންދޫބު ވަނީ މިހާރު އަންރުވާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަންރުވާ އާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތައް ފާހަގަކޮށް، އަންރުވާގެ މުހިންމު މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައިފައެވެ. އަދި ރާއްޖޭގެ ރައްޔިތުން ތިއްބެވީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަމަށް ވިދާޅުވެފައެވެ.

2024 ވަނަ އަހަރުވެސް ރާއްޖެއިން ވަނީ އަންރުވާއަށް އެހީ ގެ ގޮތުގައި 50,000 އެމެރިކާ ޑޮލަރު ހަމަޖައްސައިފައެވެ.