"މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ފަށައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެކްސްޕޯ މިއަދު ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެކްސްޕޯ ހުޅުވައިދެއްވުމަށް ފަހު ރައީސް ވަނީ އެކްސްޕޯ ބައްލަވާލައްވައިފައެވެ.

"މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" އަކީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯގައި މާލީ ދާއިރާގެ 30 ފަރާތަކުން ބައިވެރިވެއެވެ.

އެމްއެމްއޭއިން ބުނީ މި އެކްސްޕޯއަކީ، ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓާގައި މަސައްކަތް ކުރައްވާ މުހިއްމު ހުރިހާ ފަރާތްތައް އެއްތަނެއްގައި ބައްދަލުވެ ހިންގާ ހަރަކާތެކެވެ.

"އެމްޕަވަރިން ސަސްޓެއިނަބަލް ފިއުޗާސް: އިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް" މި ޝިއާރުގެ ދަށުން ބާއްވާ މި އެކްސްޕޯގައި ކޮމާޝަލް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ޚހިދުމަތްދޭ ފަރާތްތަކާއި ގާނޫނީ ނިޒާމު ބަލަހައްޓާ އިދާރާތަކާއި ސަރުކާރުގެ މުހިންމު އިދާރާތަކުން ބައިވެރިވެއެވެ.

އެމްއެމްއޭއިން ބުނީ މި އެކްސްޕޯގެ ޒަރީއާއިން އާންމުންނަށް ރާއްޖޭގެ ފައިނޭންޝަލް ނިޒާމުގައި ބައިވެރިވާ މުހިންމު މުއައްސަސާތަކާ ސީދާ ގުޅި، އެ ފަރާތްތަކުގެ ހިދުމަތާއި މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.