މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުރަތަމަ ފަހަރަށް ބޭއްވި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް" ގައި، ރާއްޖޭގެ މާލީ ނިޒާމު ފުޅާކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުންނާއި މުއައްސަސާތަކުގެ އަގުވަޒަންކޮށް، "ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓާ" އެވޯޑް ދީފިއެވެ.
އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި، ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކޮށް، އިތުބާރު ހިފޭ، ހަރުދަނާ އަދި ޒަމާނީ ދާއިރާއަކަށް ހެދުމަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ފަރާތްތަކަށް ވަނީ އެވޯޑް އަރުވައިފައެވެ.
އެމްއެމްއޭ އިން މިއަދު ބުނިގޮތުގައި މި އެވޯޑް މައިގަނޑު ދެ ބަޔަކަށް ބަހާލެވިފައިވެއެވެ. އެއީ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައި ފަރާތްތަކަށް އަރުވާ "ސްޕެޝަލް އެވޯޑް" އާއި ވޭތުވެދިޔަ 45 އަހަރު ތެރޭގައި އެމްއެމްއޭ ހިންގެވުމުގައި އިސްކޮށް އުޅުއްވި ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަން ކުރުމުގެ ބައެވެ.
ހާއްސަ އެވޯޑުތައް ލިބުނު ފަރާތްތައް:
- ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) - ރާއްޖެއަށް ބޭންކިން ހިދުމަތް ތައާރަފުކޮށް، ޒަމާނީ މާލީ ނިޒާމެއްގެ ބިންގާ އެޅުމުގައި އަދާކުރި މުހިންމު ދައުރާއި ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށް އެ ބޭންކުން ވެދީފައިވާ ދިގު މުއްދަތުގެ ހިދުމަތުގެ އަގުވަޒަން ކުރުމަށް
- ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް - 1981 ވަނަ އަހަރު އެމްއެމްއޭ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ޒަމާނީ އަދި ވަރުގަދަ މާލީ ނިޒާމެއްގެ ބިންގާ އެޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމަށް
- އަލްމަރްހޫމް އިސްމާއީލް ފަތުހީ - ބީއެމްއެލް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ވިޔަފާރި ބޭންކިން ހިދުމަތް ފުޅާކުރުމަށް މަގުފަހިކޮށްދެއްވައި، ބޭންކިން ދާއިރާ ތަރައްގީ ކުރެއްވުމަށް ކުރެއްވި ހިދުމަތުގެ އަގުވަޒަން ކުރުމަށް
- އިލްޔާސް އިބްރާހީމާއި އިބްރާހީމް ޝަފީގް - ރާއްޖޭގެ ފުރަތަމަ އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވައި، ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ކުރިއެރުވުމަށާއި މާލީ ރައްކާތެރިކަމުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރެއްވި އަގުހުރި މަސައްކަތުގެ އަގުވަޒަން ކުރުމަށް
- ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް - "ރަންދިހަފަހެއް" ނޫޓު ސީރީޒް ތައާރަފުކުރެއްވުމުގެ އަގުވަޒަންކުރުމުގެ ގޮތުން
ކުރީގެ ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަން ކުރުން:
މި އެވޯޑް އެމްއެމްއޭ އުފެދުނީއްސުރެ ގަވަރުނަރުކަމާއި ޑެޕިއުޓީ ގަވަރުނަރުކަން ކުރެއްވި ބޭފުޅުން، މަރުކަޒީ ބޭންކުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކޮށް އެވޯޑް އަރުވާފައިވެއެވެ.
އެވޯޑް ލިބިވަޑައިގެންނެވި ކުރީގެ ގަވަރުނަރުންނަކީ:
- ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް - ގަވަރުނަރު (1981-2004)
- މުހައްމަދު ޖަލީލް - ގަވަރުނަރު (2004-2005) އަދި ޑެޕިއުޓީ ގަވަރުނަރު (2000-2004)
- ގާސިމް އިބްރާހީމް - ގަވަރުނަރު (2005-2007)
- އަބުދުﷲ ޖިހާދު - ގަވަރުނަރު (2007-2008) އަދި ޑެޕިއުޓީ ގަވަރުނަރު (2005-2007)
- ޑރ. ފަޒީލް ނަޖީބް - ގަވަރުނަރު (2008-2013)
- ޑރ. އަޒީމާ އާދަމް - ގަވަރުނަރު (2014-2017)
- އަހްމަދު ނަސީރު - ގަވަރުނަރު (2017-2019)
- އަލީ ހާޝިމް - ގަވަރުނަރު (2019-2024)
އެވޯޑް ލިބިވަޑައިގެންނެވި ކުރީގެ ޑެޕިއުޓީ ގަވަރުނަރުންނަކީ:
- އަލްމަރްޙޫމް އިސްމާއީލް ފަތުހީ - ޑެޕިއުޓީ ގަވަރުނަރު (1981-1993)
- އަރިފް ހިލްމީ - ޑެޕިއުޓީ ގަވަރުނަރު (1993-2000)
އާއިޝަތު މާހާ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް