މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޭ "މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް" ގެ "އެކްސެލެންސް އިން އެމާޖިން ފައިނޭންޝަލް އިނޮވޭޝަން" އެވޯޑް ފަހިޕޭއަށް ލިބިއްޖެއެވެ.

މި އެވޯޑަކީ އެމްއެމްއޭ ގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ޒަމާނީ ކުރުމަށް ފާހަގަކޮށްލެވޭ ފަދަ މުހިންމު ހިދުމަތްތަކެއް ކޮށްދީފައިވާ މުއައްސަސާތަކާއި ފަރުދުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.

އެމްއެމްއޭއިން މިއަދު ބުނިގޮތުގައި "އެކްސެލެންސް އިން އެމާޖިން ފައިނޭންޝަލް އިނޮވޭޝަން" ކެޓަގަރީއަކީ މާލީ ހިދުމަތްތައް ތަރައްގީ ކުރުމަށާއި މި ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގާބިލުކަން ހުރި އަދި މުސްތަގުބަލުގައި މާލީ ސިނާއަތް ކުރިއެރުވުމަށް މަސައްކަތްކުރާ އުންމީދީ ކުންފުނިތަކާއި އާ އީޖާދުތަކަށް ހާއްސަ ކެޓަގަރީއެކެވެ. ފަހިޕޭ އަށް މި އެވޯޑް ލިބުނީ މާލީ މުއާމަލާތްތައް ހިންގުމުގައި ކުރިމަތިވާ ދަތިތަކަށް އާ އީޖާދީ ހައްލުތަކެއް ހޯދައިދިނުމަށާއި އާވަމުންދާ މާލީ ޓެކްނޮލޮޖީގެ ދާއިރާގައި އެ ކުންފުންޏުން ދައްކަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

"މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް" ތައާރަފުކުރެވުނީ މާލީ ދާއިރާގެ މުހިންމު ރަންގަޅު މަސައްކަތްތަކުގެ އަގުވަޒަންކޮށް، މި ދާއިރާގައި އައު އީޖާދުތައް އުފެއްދުމަށާއި މެދުނުކެނޑި ހިދުމަތްތައް ފެންވަރު ރަނގަޅު ކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައެވެ.