މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފު ކުރި 'މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް'ގެ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ދޭ 'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެއެވެ.

މި އެވޯޑްތަކަކީ އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކޮށް ޒަމާނީ ކުރުމަށް ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކޮށްދީފައިވާ މުއައްސަސާތަކާއި ފަރުދުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދިން އެވޯޑްތަކެކެވެ.

އެމްއެމްއޭއިން މިއަދު ބުނިގޮތުގައި 'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' ދާއިރާއިން އެވޯޑް ދެނީ ތިމާވެއްޓާ ރައްޓެހި، މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުކަންދޭ އަދި ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މާލީ ހިދުމަތްތަކާއި އުފެއްދުންތަކާއި މަޝްރޫއުތައް ކުރިއަރުވާ ފަރާތްތަކަށެވެ.

ބީއެމްއެލަށް މި އެވޯޑް ލިބުނީ ދެމެހެއްޓެނިވި ތަރައްގީއަށް އެ ބޭންކުން ދެމުންގެންދާ ބޮޑު އެއްބާރުލުމާއި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށްގެންދާ އެކި ހަރަކާތްތަކަށް މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުންދާތީ ކަމަށެވެ.

'ގްރީން ފައިނޭންސް' ނުވަތަ ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމަކީ މިހާރުގެ މާލީ އޮނިގަނޑުތަކުގެ މުހިންމު ބައެކެވެ. މީގެ ސަބަބުން ދެމެހެއްޓެނިވި މާލީ ހައްލުތައް މެދުވެރިކޮށް، ވިޔަފާރިތަކާއި ފަރުދުން ތިމާވެއްޓާ ރައްޓެހި އުސޫލުތައް އިހުތިޔާރު ކުރުމަށް ބާރުއެޅެއެވެ.

މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް ތައާރަފްކުރީ ރާއްޖޭގެ މާލީ ދާއިރާގެ ތަރައްގީއަށް އާ އީޖާދުތަކާއި ދެމެހެއްޓެނިވި އުސޫލުތައް މެދުވެރިކޮށް ހިދުމަތްތައް ފުޅާކުރާ މުއައްސަސާތަކުގެ އަގުވަޒަންކޮށް، އެފަދަ މަސައްކަތްތަކަށް ހިތްވަރު ދިނުމަށެވެ.