ސްޕެއިންގެ 18 އަހަރު ތަރި ލަމީން ޔަމާލަކީ ގަޔާވާ ކުޅުންތެރިއެއް ނަމަވެސް މިރޭ ބޭނުން ވަނީ އޭނާ ހިފަހައްޓަން ކަމަށާއި ސްޕެއިން ހިފަހައްޓަން އެންމެ ފަސޭހަ ގޮތަކީ އެއީ ކަމަށް އޮސްޓްރިއާގެ ތަޖުރިބާކާރު ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.

ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި މިރޭ ސްޕެއިނާއި އޮސްޓްރިއާ ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ. އެމެޗުގެ ކުރިން ވާހަކަ ދައްކަމުން އޮސްޓްރިއާގެ ކޯޗު ރަންގްނިކް ވަނީ ސްޕެއިނާއި ޔަމާލަށް ތައުރީފު ކޮށްފައެވެ.

"ޔަމާލަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަދި ކުރިއަށްދާ ގޮތުން ކުރިއަށް އޮތް 12، 13 ނޫނީ 14 ވަރަކަށް އަހަރުވެސް ޔަމާލް ހުންނާނީ އެ ފެންވަރުގައި. ޔަމާލް ރަނގަޅު ސިއްހަތެއްގައި ހުރެ، ރަނގަޅަށް ފޯކަސް ކޮށްފިނަމަ ގިނަ މެޗުތަކެއް އަދި ކުޅޭނެ. މެޗުގައި އެންމެ ގާތުން ބަލާނެ އެއް ކުޅުންތެރިޔަކީ ޔަމާލް. ޔަމާލް ކޮށްޓާ ނައްޓަން ޖާގަ ނުދޭން އަހަރެމެން ވަރަށް ވިސްނާނަން،" ރަންގްނިކް ބުންޏެވެ.

"ޔަމާލަކީ ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ އެންމެންވެސް ގަޔާވާނެ، ބަލަން ބޭނުންވާނެ ކުޅުންތެރިއެއް. އެކަމަކު މިރޭ އަހަރެމެން ނުކުންނާނީ އޭނާ ހުއްޓުވަން. އެއީ އެންމެ ފަސޭހައިން ސްޕެއިން ހުއްޓުވޭނެ ގޮތަކީ،" ރަންގްނިކް ބުންޏެވެ.

އޮސްޓްރިއާއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ޖޯޑަން ބަލިކުރި އިރު، ދެން އާޖެންޓީނާ ކައިރިންވީ ބައްޔެވެ. އަދި އެންމެފަހު މެޗުގައި އަލްޖީރިއާ ކައިރިން އެއްވަރުވި އިރު، އެޓީމުން ހަ ގޯލް ޖެހިއެވެ. އަނެއްކޮޅުން ނުކުންނަ ސްޕެއިނަށްވެސް މިއީ ފުރިހަމަ ގްރޫޕް ސްޓޭޖެއް ނިންމާލެވުނު ފަހަރެއް ނޫނެވެ.

ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައި ކޭޕް ވާޑް ކައިރިން 0-0 އިން އެއްވަރުވި އިރު، ދެން ކުޅުނު މެޗުތަކުގައި ސައުދީ އަރަބިއްޔާއާއި އުރުގުއާއީ ބަލިކުރިއެވެ.

ރަންގްނިކް ބުނީ ސްޕެއިނާ ދެކޮޅަށް ނުކުންނަ އިރު، ގްރޫޕް ސްޓޭޖުގެ ކުޅުމަށްވުރެ ރަނގަޅު ވާން ޖެހޭ ކަމަށެވެ.