ގަތަރު ސަރުކާރުން އެ ގައުމަށް ހަދިޔާކޮށްފައިވާ އާ ރިޔާސީ މަތިންދާބޯޓު 'އެއަރ ފޯސް ވަން' ގައި ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަތުރުފުޅު ކުރައްވައިފިއެވެ. އިއްޔެ ޓްރަމްޕް މި ބޯޓުގައި ދަތުރުފުޅު ކުރެއްވީ ނޯތު ޑެކޯޓާގައި އޮތް ތިއޮޑޯ ރޫޒަވެލްޓް ރިޔާސީ ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ގަތަރުން 2025 ވަނަ އަހަރު އެމެރިކާއަށް ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ އަގުހުރި ބޯއިން 747-8 މަރުކާގެ މި ބޯޓު ބޭނުންކުރަން ފަށާފައިވަނީ، އެމެރިކާއިން އަލަށް ބަންނަމުން އަންނަ ރިޔާސީ ބޯޓުތައް ނިމުން 2028 ވަނަ އަހަރަށް ލަސްވުމާ ގުޅިގެންނެވެ. މީގެ ކުރިން ބޭނުންކުރަމުން އައި ބޯޓުތަކަށް 35 އަހަރު ވެފައިވާއިރު، އާ ބޯޓުތައް ލިބެންދެން މި ބޯޓު ބޭނުންކުރާނީ ވަގުތީ ބޯޓެއްގެ ގޮތުގައެވެ. މޭރީލޭންޑްގެ ޖޮއިންޓް ބޭސް އެންޑްރޫސްގައި މިދިޔަ މަހު ދައްކާލި މި ބޯޓު، ރިޔާސީ ފެންވަރަށް ބަދަލުކޮށް ސަލާމަތީ ނިޒާމުތައް ހަރުކުރުމަށް އެމެރިކާ ސަރުކާރުން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
މި ދަތުރުފުޅުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، މިފަދަ ފުރިހަމަ ބޯޓެއް އެމެރިކާއަށް ނުބަނދެވުނީ އެކަމަށް ބޭނުންވާ ވަރަށް ފައިސާ ހޭދަކުރަން ބޭނުން ނުވާނެތީއެވެ. އަދި މިއީ އެމެރިކާއަށް ވަރަށް ހެޔޮކޮށް ހިތާ ގައުމަކުން ދިން ހަދިޔާއެއް ކަމަށް ފާހަގަކުރެއްވިއެވެ.
ނަމަވެސް، ބޭރު ގައުމަކުން ދޭ ހަދިޔާއާ ގުޅޭ ގާނޫނީ މިންގަނޑުތަކަށް ވުރެ މި ބޯޓުގެ އަގު މާ ބޮޑުވުމުގެ ސަބަބުން، ކޮންގްރެސްގެ އެތިކްސް ކޮމިޓީތަކާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ މަސްލަހަތު ފުށުއަރާ އަދި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް، ވައިޓް ހައުސްއާއި ޕެންޓަގަންއިން ބުނެފައިވަނީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މި ބޯޓާ ހަވާލުވެވަޑައިގަތީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި ޓްރަމްޕްގެ ރިޔާސީ ދައުރު ނިމުމުން މި ބޯޓު ހަދިޔާކުރާނީ ރިޔާސީ ލައިބްރަރީ ފައުންޑޭޝަނަކަށް ކަމަށް އެ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް