ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި ހިތްވަރާއެކު ފަހަތުން އަރައި ސެނެގާލް ބަލިކޮށް، ބެލްޖިއަމުން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.

ބެލްޖިއަމް ވަނީ 14 ފީފާ ވޯލްޑް ކަޕެއްގައި އަދި ހަ ޔޫއެފާ ޔޫރޯގައި ކުޅެފައެވެ. ފުރަތަމަ ރަން ޖީލުގައި ޔޫރޯ 1980 ގެ ފައިނަލަށް ގޮސް، 1986 ވޯލްޑް ކަޕްގައި ހަތަރު ވަނަ ހޯދިއެވެ. ދެ ވަނަ ރަން ޖީލުގައި 2015 ވަނަ އަހަރު ފީފާ ރޭންކިންގެ އެއް ވަނައަށް ފުރަތަމަ ފަހަރަށް އެރިއެވެ. 2018 ވޯލްޑް ކަޕްގައި ތިން ވަނަ ހޯދިއެވެ. އެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ބެލްޖިއަމް ބަލިވީ ޗެމްޕިއަންކަން ހޯދި ފްރާންސް އަތުންނެވެ.

އޭގެ ކުރިން ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް 2014 ގައި ކުއާޓާ ފައިނަލަށް ވެސް ދަތުރުކުރިއެވެ. ކުއާޓާގައި ބެލްޖިއަމް ބަލިވީ އާޖެންޓިނާ އަތުންނެވެ. ދެ ވޯލްޑް ކަޕެއްގައި ރަނގަޅު ނަތީޖާތަކެއް ހޯދި ނަމަވެސް އެންމެ ފަހުން ބޭއްވި 2022 ގެ ވޯލްޑް ކަޕް ބެލްޖިއަމަށް ނިންމާލަން ޖެހުނީ ގްރޫޕު ސްޓޭޖާ ހިސާބުންނެވެ.

ސެނެގާލް ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގައި އޮތް އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ބާރެވެ. ސެނެގާލް ޓީމަކީ، ފަހުގެ ތާރީހެއްގައި އެފްރިކާގެ ފުޓުބޯޅައިގެ އެންމެ ކުރީ ސަފުން ޖާގަ ހޯދާފައިވާ ޓީމެކެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި ސެނެގާލުން ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން 2002، 2019 އަދި 2025 ގެ މުބާރާތުގެ ފައިނަލްގައި ކުޅެފައިވާ އިރު، އެ ޓީމުން ވަނީ 2021 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށް، އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެފްކޮންގެ ތަށި އުފުލާލައިފައެވެ.

މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގައިވެސް ސެނެގާލުން ވަނީ އެ ޓީމުގެ ފެންވަރު ސާބިތުކޮށްދީފައެވެ. މިއީ ސެނެގާލުން ވާދަކުރާ ހަތަރު ވަނަ ވޯލްޑް ކަޕެވެ. އެ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2002 ވަނަ އަހަރުގެ މުބާރާތުގައި ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ފްރާންސް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. އޭރު އެއީ އެފްރިކާގެ ޓީމަކަށް ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ. އެފަހަރު ކުއާޓާގައި ސެނެގާލް ބަލިވީ ގޯލްޑަން ގޯލުގައި ތުރުކީ އަތުންނެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގެ ވެސް ގަދަ 16 އަށް ސެނެގާލް ދަތުރުކޮށްފައިވާ އިރު، ގަދަ 16 ގައި ބަލިވީ އިންގްލެންޑް އަތުންނެވެ.

ބެލްޖިއަމުން ގަދަ 32 ގެ ޖާގައެއް ހޯދީ، ގްރޫޕު އެއްވަނަ ހޯދައިގެންނެވެ. ގްރޫޕު ސްޓޭޖުގެ ފަހު މެޗަށް ނުކުތް އިރު، ބެލްޖިއަމް ތިންވަނައިގައި ހަނި ފުރުސަތެއް އޮތް ނަމަވެސް، ފަހު މެޗުގައި ނިއު ޒިލޭންޑް ބޮޑު ތަފާތަކުން މޮޅުވުމާއެކު ވަނީ ގޯލުގެ ތަފާތުން ގްރޫޕުގެ އެއްވަނަ ހޯދައިފައެވެ.

ސެނެގާލަކީ ވެސް ހަނި ގޮތަކަށް ގަދަ 32 ގެ ޖާގައެއް ކަށަވަރުވި ޓީމެކެވެ. އެއީ ގްރޫޕުގެ ފަހު މެޗުގައި ބޮޑު ތަފާތަކުން އިރާގު ބަލިކޮށްގެން ތިން ޕޮއިންޓާއެކު، އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ސެނެގާލު ހިމެނުނު ގްރޫޕުގައި ވަރުގަދަ ފްރާންސާއި ނޯވޭ ވެސް ހިމެނުނެވެ.

ވޯލްޑް ކަޕް 2018 އާއި ވޯލްޑް ކަޕް 2018 ގެ ކާމިޔާބަށްފަހު، މިއީ މެދުކެނޑުމަކަށްފަހު ބެލްޖިއަމުން ނޮކްއައުޓް ބުރަކަށް ދަތުރުކުރި ފަހަރެކެވެ. ވޯލްޑް ކަޕް 2022 ގައި ބެލްޖިއަމް ނިންމާލީ ގްރޫޕު ސްޓޭޖާ ހިސާބުންނެވެ. ސެނެގާލުން ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގެ ނޮކްއައުޓް ބުރުގައި ވެސް ވާދަކޮށްފައެވެ. ނަމަވެސް އޭރު ނޮކްއައުޓްގެ ފުރަތަމަ ބުރުގެ ގޮތުގައި އޮތް ގަދަ 16 އާ ހިސާބުން ސެނެގާލުން ވަނީ މުބާރާތް ނިންމާލައިފައެވެ.

މި މެޗަށް ބެލްޖިއަމުން ވަނީ އެޓީމުގެ އެޓޭކަށް ބަދަލެއް ގެނެސްފައެވެ. އެގޮތުން ރޮމެލޫ ލުކާކޫގެ ބަދަލުގައި ފޯވަޑެއްގެ ގޮތުގައި މި މެޗުގެ ފުރަތަމަ 11 އިން ފެނިފައިވަނީ ޗާލްސް ޑި ކެޓެލާރޭ އެވެ. ފުރަތަމަ 11 ގައި ބެލްޖިއަމުން ވަނީ ކެވިން ޑި ބްރޭނާ، ލިއާންޑްރޯ ޓްރޮސާޑް، ޖެރެމީ ޑޯކޫ، ކެޕްޓަން ޔޫރީ ޓިލެމަންސް ފަދަ ޓީމުގެ މުހިންމު ކުޅުންތެރިން ހިމަނައިފައެވެ. މި މެޗުގައި ވެސް ބެލްޖިއަމްގެ ގޯލު ބަލަހައްޓާފައިވަނީ ތިބޯ ކޯޓުވާ އެވެ.

މިރޭގެ މެޗަށް ސެނެގާލްގެ ގޯލްކީޕަރު އަދި ޑިފެންސަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ސެނެގާލްގެ އެއް ނަމްބަރު ކީޕަރު އެޑުއާޑް މެންޑީއަށް ލިބުނު އަނިޔާއަކާ ގުޅިގެން މިރޭގެ މެޗުގައި ގޯލު ބަލަހައްޓާފައިވަނީ މޯރީ ޑިއާއު އެވެ. އަދި މުހިންމު ޑިފެންޑަރު، ކެޕްޓަން ކަލިދޫ ކުލިބާލީ ވެސް މެޗު ފެށީ ބެންޗުންނެވެ. ނަމަވެސް ސާޑިއޯ މާނޭ އާއެކު އިސްމާއީލާ ސާ އަދި އިލިމަން އެންޑިއާޔޭ ހިމަނައިގެން ސެނެގާލް ނުކުތީ ވަރުގަދަ އެޓޭކިން ލައިނަކާއެކުއެވެ.

އެމެރިކާގެ ސިއޭޓަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ މެޗުގައި ސެނެގާލްގެ މައްްޗަށް ބެލްޖިއަމުން ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި ބެލްޖިއަމްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލިއާންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާ، ސެނެގާލްގެ ކީޕަރު މޯރީ ޑިއާއު ވަނީ މަތަކޮށްފައެވެ. އޭގެ ފަސް މިނެޓު ފަހުން ސެނެގާލްގެ ނުރައްކާތެރި ހުރަހެއް ބެލްޖިއަމް ކީޕަރު ތިބޯ ކޯޓުވާ އަތުގައި ޖެހި ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނުކުތުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ސެނެގާލްގެ އިސްމާއީލާ ސާއަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ، ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ވަރުގަދަ އެޓޭކުތަކެއް ކުރަމުންދިޔަ ސެނެގާލުން ވަނީ މެޗުގެ 24 ވަނަ މިނެޓުގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ސާޑިއޯ މާނޭ ނަގައިދިން ހުރަހަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އިސްމާއީލާ ސާ ބޮލުން ފޮނުވާލި ބޯޅަ، ބެލްޖިއަމްގެ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނުކުތުމާއެކު ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސެނެގާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހަބީބް ޑިއާރާ އެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ސެނެގާލަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ސާޑިއޯ މާނޭ ފޮނުވާލި ހަމަލާ އަމާޒުވީ ބެލްޖިއަމް ކީޕަރު ކޯޓުވާއާ ދިމާއަށެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ބެލްޖިއަމުން އެޓޭކަށް މަސައްކަތްތަކެއްކޮށް ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ތެރެއިން ޖެރެމީ ޑޯކޫ ފޮނުވާލި ހަމަލާއެއް ސެނެގާލްގެ ޑިފެންސުން ބްލޮކްކުރި އިރު، ޕެނަލްޓީ އޭރިއާ ބޭރުން މެކްސިން ޑި ކުއިޕާ ފޮނުވާލި ހަމަލާ، ސެނެގާލގެ ކީޕަރު ޑިއާއު ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސެނެގާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ބެލްޖިއަމުން ނުކުތީ އެޓީމުގެ އެޓޭކިން ލައިނަށް ބަދަލެއް ގެނެސްގެންނެވެ. އެގޮތުން ޓީމުގެ އެންމެ ކުރިން ފުރަތަމަ ހާފުގެ ފެނުނު ޑި ކެޓެލާރޭގެ ބަދަލުގައި ކުޅެން އަރުވާފައިވަނީ ބެލްޖިއަމްގެ ފުޓުބޯޅަ ތާރީހުގައި އެޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިފައިވާ ރޮމެލޫ ލުކާކޫ އެވެ.

ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ ސެނެގާލުން ވަނީ ނުރައްކާކޮށްފައެވެ. ހުރަހެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ލިބުނު ބޯޅައަކުން އެންޑިއާޔޭ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ ހަތަރު މިނެޓު ފަހުން ވެސް ސެނެގާލަށް ހުސް ފުރުސަތެއް ލިބުނު އިރު، މާނޭ ދިން ބޯޅައަކުން ޕެނަލްޓީ

މެޗުގެ 51 ވަނަ މިނެޓުގައި ސެނެގާލުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މޫސާ ނިއަކާޓޭ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ރީތިކޮށް ކޮންޓްރޯލުކޮށްލުމަށްފަހު ބެލްޖިއަމްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ސެނެގާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިސްމާއީލާ ސާ އެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ބެލްޖިއަމްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޑޮޑީ ލުކެބަކިއޯ ފޮނުވާލި ހަމަލާ ދިޔައީ ސެނެގާލް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން ޓިމޮތީ ކަސްޓާންޔޭ އަދި ޔޫރީ ޓިލެމަންސް ފޮނުވާލި ހަމަލާ ވެސް ސެނެގާލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 86 ވަނަ މިނެޓުގައި ބެލްޖިއަމުން ވަނީ ގޯލެއް ޖަހައި އުންމީދެއް އާކޮށްފައެވެ. ތޯމަސް މުނިއޭ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރީތިކޮށް ސެނެގާލްގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.

އޭގެ ތިން މިނެޓު ތެރޭ ބެލްޖިއަމުން ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޓްރޮސާޑް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ޔޫރީ ޓިލެމަންސް އެވެ. ފުރިހަމަ ވަގުތުގެ ކުޅުން ހަމަވި އިރު، 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން، ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބެލްޖިއަމުން ގޯލު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި އިރު، އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ލުކާކޫ އަށެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ސެނެގާލްގެ ކީޕަރު ޑިއާއު ވަނީ މަތަކޮށްފައެވެ.

މެޗުގެ 109 ވަނަ މިނެޓުގައި ސެނެގާލަށް ލީޑު ހޯދުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ބަރާ ސަޕޯކާ އެންޑީޔޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއިން އިބްރާހިމް އެމްބާޔޭ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފަައެއް ނުވެއެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ބަރާ ސަޕޯކާ އެންޑީޔޭ ފޮނުވާލި ހަމަލާ އަމާޒުވީ ބެލްޖިއަމް ކީޕަރު ކޯޓުވާއާ ދިމާއަށެވެ.

މެޗުގެ 117 ވަނަ މިނެޓުގައި ބެލްޖިއަމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ލުކެބަކިއޯ ފޮނުވާލި ހަމަލާ އަމާޒުވީ ސެނެގާލް ގޯލުގެ ހުރަސް ދަނޑިއަށެވެ.

އޭގެ ކުރިން ޕެނަލްޓީ އޭރިއާ ތެރެއިން ޓިލެމަންސްއަށް ސެނެގާލްގެ ލަމީން ކަމާރާ ފައުލުކޮށްފައިވޭތޯ ވީއޭއާރްއަށް ބެލުމަށްފަހު ރެފްރީ ވަނީ ބެލްޖިއަމަށް ޕެނަލްޓީއެއް ދީފައެވެ. ބެލްޖިއަމަށް ޕެނަލްޓީ ކާމިޔާބުކޮށްދީ، މޮޅު ޔަގީންކޮށްދިނީ ނަތީޖާ ހަމަހަމަކޮށްދިން ކެޕްޓަން ޓިލެމަންސް އެވެ.