ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނެއްގެ ތެރެއިން، ބަލިމީހާގެ ހުއްދަނެތި އޭނާގެ ކުޑަދޫ ބުރިކޮށްލާފައިވާ ކަމަށް ބުނެ، ލިބުނު ޖިސްމާނީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަސް މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހޯދުމަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ކުމްކޮށްފިއެވެ.
މި މައްސަލައަކީ މާލެ، ދަފްތަރު ނަންބަރު ދރ 3043، ހުސައިން ސަލާހު ވަހީދުގެ ފަރާތުން ޓްރީޓޮޕްއާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ.
ދައުވާގެ ސަލާހުގެ ފަރާތުން ބުނެފައިވަނީ، 13 ފެބްރުއަރީ 2023 ގައި ޓޮންސިލް އިންފެކްޝަން އުފެދިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނެއްގެ ތެރެއިން، އޭނާގެ ހުއްދައެއް ނެތި ކުޑަދޫ ބުރިކޮށްލާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1,080,000 ދިވެހި ރުފިޔާއާއި 4,330,787.98 ޑޮލަރު ނަގައިދިނުމަށް އޭނާ އެދިފައިވެއެވެ.
މި ފައިސާއަކީ ލިބުނު ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ ބަދަލުގެ ގޮތުގައާއި، ކުރިއަށް އޮތް 53 އަހަރު އެމެރިކާގެ މާޔޯ ކްލިނިކުން ފަރުވާ ހޯދުމަށް ހިނގާނެކަމަށް އަންދާޒާކުރާ ހަރަދުތައްކަމަށް ސަލާހު ދައުވާގައި ބަޔާންކޮށްފައިވެއެވެ.
ދައުވާގެ ދިފާއުގައި ޓްރީޓޮޕޮން ބުނެފައިވަނީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން މިފަދަ ޝަކުވާތައް ހުށަހެޅުމަށް ކަނޑައެޅިފައިވާ އިދާރީ މަރުހަލާތައް ދައުވާކުރާ ފަރާތުން ފުރިހަމަކޮށްފައިނުވާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލަށް ޝަކުވާ ހުށަހެޅުމަށްފަހު، އެތަނުން ދޭ ޖަވާބާމެދު ހިތްހަމަނުޖެހޭ ނަމަ، ހެލްތު މިނިސްޓްރީއަށް ނުވަތަ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްއަށް ހުށަހަޅަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާކަމަށް ޓްރީޓޮޕުން ބުނެފައިވެއެވެ.
ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ އަބްދުއްނާސިރު ޝާފިގު ހުކުމުގެ ރައުޔުގައި ވިދާޅުވީ ގާނޫނެއްގައި ވަކި އިޖުރާއަތެއް ނުވަތަ ނިޒާމެއް ކަނޑައެޅިފައިވާ ނަމަ، ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން އެ ނިޒާމެއްގެ ދަށުން މައްސަލަ ހައްލުކުރަން މަސައްކަތް ކުރުމަކީ ލާޒިމް ކަމެއް ކަމަށެވެ. ގާޒީ ވިދާޅުވީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 25 ވަނަ މާއްދާއާއި 45 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، މި މައްސަލާގައި އެ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.
އެހެންވެ ގާޒީ ހުކުމްކުރެއްވީ ޓްރީޓޮޕް ހޮސްޕިޓަލާ ދެކޮޅަށް ސަލާހު ހުށަހަޅާފައިވާ ދައުވާއަކީ، ކޯޓަށް ހުށަހެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށް ހުށަހަޅާފައިވާ ދައުވާއެއްކަން އެނގެން ނެތުމާއެކު، މިހިނދު މި މައްސަލަ ކޯޓުގައި ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މައްސަލަ ނިންމާ ކަމަށެވެ.
ސިވިލް ކޯޓް
ސިވިލް ކޯޓް
ކޮމެންޓް