ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެސްޓީއޯ އިން ހިންގަމުން އައި ހުރިހާ ފާމަސީތަކެއް، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް (ސްޓޭޓްފާމާ) ގެ ދަށަށް ބަދަލުކޮށް މިއަދު ހިދުމަތް ދޭން ފަށައިފިއެވެ.

ސްޓޭޓްފާމާ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެސްޓީއޯގެ ފާމަސީތައް އެ ކުންފުނީގެ މެނޭޖްމަންޓުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މިއަދުން ފެށިގެން އެ ތަންތަނުން ހިދުމަތް ދެމުންދާނީ ސްޓޭޓްފާމާގެ ދަށުން ކަމަށެވެ.

ސްޓޭޓްފާމާއިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޭހުގެ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރާނެ ކަމަށެވެ.

ކުންފުނީގެ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް 1505 ހޮޓްލައިން މެދުވެރިކޮށް 24 ގަޑިއިރު ގުޅޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައިކަމަށް ސްޓޭޓްފާމާއިން ބުންޏެވެ.

ބޭހާއި ސިއްހީ ސާމާނު އެތެރެކުރުމުގެ މައިގަނޑު ޒިންމާ މީގެ ކުރިން އުފުލަމުން އައީ އެސްޓީއޯއިންނެވެ. ނަމަވެސް، ބޭސް ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށާއި، މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން ބޭސް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ސްޓޭޓްފާމާ އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.