ދިރާގުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއީލް ރަޝީދު، އެ ކުންފުނީގައި ހޭދަކުރެއްވި 40 އަހަރުގެ ދިގު ހިދުމަތަށްފަހު ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.
އިސްމާއިލް ރަޝީދު، ރިޓަޔާ ކުރައްވަން އުޅުއްވާތީ، ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ވަލްޑެމާ ފެރަޑާޒް (ވަލްޑޭ) އާ ސީއީއޯއަކަށް އައްޔަންކުރުމުގެ މަސައްކަތް ދިރާގުން މިހާރުވަނީ ފަށައިފައެވެ.
ދިރާގުގެ މައި ހިއްސާދާރު ކަމަށްވާ "ބިޔޯން" އިން އައްޔަންކުރެއްވި ވަލްޑެމާ ފެރަޑާޒް މިހާރު ވަނީ ސީއީއޯ ޑެޒިގްނޭޓުގެ ގޮތުގައި މަސައްކަތާ ހަވާލުވެވަޑައިގެންފައެވެ.
ދިރާގުން ބުނީ ވަލްޑޭއަކީ ބައިނަލްއަގްވާމީ ފެންވަރުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޓެލެކޮމް ދާއިރާގައި މަސައްކަތްކުރައްވައި، ވޮޑަފޯން ފަދަ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ މީހެއް ކަމަށެވެ.
އޭނާގެ ލީޑަޝިޕްގެ ދަށުން ދިރާގުގެ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާވެ، ކުންފުނީގެ އެތެރޭގެ ސަގާފަތް ވަރުގަދަވާނެކަމަށް ބޯޑުން އުންމީދުކުރާކަމަށް ދިރާގުން ބުންޏެވެ.
ރިޓަޔާކުރައްވާ އިސްމާއީލް ރަޝީދަކީ 1988 ވަނަ އަހަރު ދިރާގު އުފެދުނީއްސުރެ އެ ކުންފުނީގެ ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެކަކެވެ. އޭނާގެ ދައުރުގައި ރާއްޖޭގެ ހުރިހާ ރަށަކަށް މޯބައިލް އަދި ފައިބާ ނެޓްވޯކް ފޯރުކޮށްދިނުމާއި، ބައިނަލްއަގްވާމީ ސަބްމެރީން ކޭބަލްތަކުން ރާއްޖެ ގުޅާލުން ފަދަ މަޝްރޫއުތައް ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ.
2015 ވަނަ އަހަރު ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ ޑިޖިޓަލް އިގްތިސޯދުގެ ބިންގާ އެޅުއްވުމުގައި އޭނާ ވަނީ ނަމޫނާ ދައްކަވާފައެވެ.
އިންތިގާލީ މަރުހަލާގައި، ވަލްޑޭ މަސައްކަތް ކުރައްވާނީ އިސްމާއީލް ރަޝީދުގެ އިރުޝާދުގެ ދަށުންނެވެ.
ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ޔަގީންކަން ދޭ ގޮތުގައި، މި ބަދަލުގެ ސަބަބުން ކުންފުނީގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަކަށް އަދި ކަނޑައަޅާފައިވާ ދިގު މުއްދަތުގެ ސްޓްރެޓެޖީތަކަށް އެއްވެސް ބުރޫއެއް ނާރާނެއެވެ. އަދި ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ހިފަހައްޓައި، އާ އީޖާދުތަކާއެކު ކުންފުނި ކުރިއަށް ގެންދިއުންކަމަށް ދިރާގުން ބުންޏެވެ.
މުހައްމަދު އިޝާން
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް