އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަން ސާބިތުވެ، ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލާގައި މޭރީގެ ފިރިމީހާ މާވިން އެސްވައި (ޔޫސުފް) 25 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ލަމްހާގެ މައްޗަށް އިއްވީ ޖުމްލަ 15 އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެކެވެ. މީގެ ތެރޭގައި ހިމެނެނީ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށަށް އިއްވި 15 އަހަރާއި، މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށަށް އިއްވި ތިން މަހާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށަށް އިއްވި އެއް މަހުގެ ހުކުމެވެ. ނަމަވެސް ލަމްހާ ބަންދުގައި ހޭދަކުރި ތިން އަހަރަށްވުރެ ގިނަ ދުވަސް މި މުއްދަތުން އުނިވާނެއެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން ވިދާޅުވީ، ލަމްހާ މި އަމަލު ހިންގީ މާވިންއާ އޮތް ލޯބީގެ ގުޅުން ކުރިއަށް ގެންދިއުމަށްޓަކައި ދުރާލާ ރާވައިގެން ކަމަށެވެ. މޭރީ މަރާލި ވަގުތު އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން ލަމްހާ އެހެން ގެއަކަށް ދިޔަ ކަމަށާއި، މިއީ އެއްވެސް ކުލުނެއް ނެތް އަމަލެއްގެ ގޮތުގައި ދައުލަތުން ސިފަކުރިއެވެ.
އަދި ލަމްހާ އަކީ ނަރުހަކަށް ވެ ހުރެ މިފަދަ ކަމެއްގައި ބައިވެރިވުމުން އޭނާއަށް އެންމެ ބޮޑު އަދަބު ދިނުމަށް ދައުލަތުން އެދުނެވެ.
ލަމްހާގެ ފަރާތުން އޭނާގެ މަންމަ ބެލެހެއްޓުމަށާއި، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަދަބު ލުއިކޮށްދީ ގޭ ބަންދަށް ބަދަލުކޮށްދޭން އެދުނެވެ.
ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނިންމެވީ އަދަބު ލުއިކޮށްދޭންޖެހޭ ހާލަތެއް ނެތް ކަމަށެވެ. ގާޒީ ވިދާޅުވީ މޭރީގެ މަރު ފޮރުވަން ލަމްހާ މަސައްކަތް ކޮށްފައިވާތީ އާއި އެކަމުގައި އޭނާގެ ދައުރު ބޮޑުކަމުން އަދަބުގެ ދަރަޖަ މަތިކުރަން ޖެހޭ ކަމަށެވެ.
މޭރީ ގްރޭސް މަރާލާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެމީހުން ދިރިއުޅޭ ގޭގެ ތެރޭގައެވެ. ފުރަތަމަ މިކަން ރިޕޯޓްކުރީ މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބުނެއެވެ. ނަމަވެސް ތަހުގީގަށް ފަހު އެނގުނީ އެއީ ރާވައިގެން ހިންގި މަރުގެ އަމަލެއް ކަމެވެ.
މުހައްމަދު އިޝާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް