އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރައިލިކަމުގެ ކުށުގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް (މިހާރު ޔޫސުފް) 25 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
ދައުލަތުން ބުނެފައިވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.
މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީވެސް ފިރިމީހާ މާވިންއެވެ. އެއިރު އެތަނުގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި އޭނާ ބުނެފައި ވަނީ މޭރީ ގްރޭސް މަރުވެފައި ވަނީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގު ކުރީ މޭރީގެ މަރުގައި ޝައްކުތަކެއް ހުރުމުންނެވެ.
މޭރީ ގްރޭސްގެ މަރާލި މައްސަލައިގައި މާވިން ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.
މި މައްސަލައިގެ ހުކުމް އިއްވުމަށް ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، މާވިންގެ ފަރާތުން ކޯޓުގައި އެދުނީ އެ ކުށަށް ދެވެން އޮތް އެންމެ ކުޑަ އަދަބެއް ކަނޑައަޅައިދިނުމަށެވެ.
ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނިންމެވީ އަދަބުގެ ދަރަޖަ، މަތިކުރުމަށެވެ. އެހެންކަމުން މާވިންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ މޭރީގެ އެއްވެސް ކުށެއް ނެތި އޭނާ މަރާލާފައިވުމާއި އެ މަރު ފޮރުވަން މަސައްކަތް ކޮށްފައިވާތީއެވެ. އަދި އޭނާގެ އަމަލުގެ ސަބަބުން އެމީހުންގެ ދަރިފުޅު މަންމަގެ ލޯބިން މަހުރޫމްވެފައިވާތީ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
އެ މައްސަލާގައި މާވިން ބަންދުގައި ހުންނަތާ ހަތަރު އަހަރާއި ހަ މަހާއި 4 ދުވަސް ވަނީ ވެފައެވެ. އެހެންކަމުން ޖަލު އަދަބުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި ފަސް ދުވަހެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް