ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، "މިނިވަން 60" ގެ ނަމުގައި މިދިޔަ އަހަރު ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ހަރަދުވީ 4.1 މިލިޔަން ރުފިޔާ ކަމަށް މިނިސްޓާ އޮފް އާޓްސ،ް ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހީނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ސުވާލު ކުރެއްވީ، "މިނިވަން 60" ފާހަގަ ކުރުމަށް މިނިސްޓްރީން ހަރަކާތްތަކަށް ހަރަދުވި ޖުމްލަ ފައިސާގެ ތަފްސީލާއި މިނިވަން ދުވަހުގެ ހަރަކާތްތައް މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ބޭއްވި ގޮތުގެ ތަފްސީލު ހޯއްދެވުމަށެވެ. އޭގެ ތެރޭގައި، އަތޮޅުތެރޭގައި މި ހަރަކާތްތައް ހިންގުމަށް ހިނގި ހަރަދުގެ ތަފްސީލް ދެއްވުމަށްވެސް މެންބަރު އެދި ވަޑައިގަތެވެ.
ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މާލެ ފިޔަވައި އަތޮޅު ތެރޭގެ އެއްވެސް ތަނެއްގައި "މިނިވަން 60" ގެ މުނާސަބަތާ ގުޅޭ އެއްވެސް ހަރަކާތެއް ކުރިއަށްގެންގޮސްފައި ނުވާނެ ކަމަށެވެ.
މިދިޔަ އަހަރު "މިނިވަން 60" ގެ ހަރަކާތްތައް ކުރިއަށް ގެންދިއައީ 30،000 ރުފިޔާގެ އިނާމަކާއެކު އެކަމަށް ހާއްސަ ލޯގޯއެއް ފަރުމާކުރަން ހުޅުވާލައި، ހާއްސަ ލޯގޯއެއްވެސް ފަރުމާކޮށްގެންނެވެ.
މާލެ އާއި ހުޅުމާލޭގައި އެ ހަރަޔާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ފުޅަނދު ބުރާއި ސަގާފީ ކުޅިވަރިތަކާއެކުގައެވެ.
އިބްރާހިމް ޒަކީ
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ކޮމެންޓް