މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ ސަގާފީ ތަރިކައަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް، އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު އެދިވަޑައިގެންފިއެވެ.
މިނިސްޓަރު މިކަމަށް އެދިވަޑައިގެންނެވީ ޗައިނާގެ ހަންގްޖޯގައި މިއަދު ފެށި ލިއާންގްޖޫ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޝިއަން އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް (އޭސީއެޗްއޭ)ގެ ކައުންސިލާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުންނެވެ. މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "މާޒީއާއި މުސްތަގުބަލާ ގުޅުވައިދިނުން: މި ޒަމާނަށް ފެތޭގޮތަށް ސަގާފީ ތަރިކަ ރައްކާތެރިކުރުން" މިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަކީ ގައުމީ ވަންތަކަމުގެ މައިބަދައެވެ. އެގޮތުން ރާއްޖޭގެ ބަހާއި، އާދަކާދަތަކާއި، ފަންނުވެރިކަމުގެ އިތުރުން ހިރިގަލު މިސްކިތްތަކުން އެކަން ސާފުކޮށް ފެންނަން ހުރިކަން ފާހަގަކުރެއްވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށް އަމާޒު ހިފާފައިވާ އިރު، އެ ތަސައްވުރުގައި ތަރިކަ ރައްކާތެރިކުރުން ހިމެނޭކަމަށް ހީނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހިރިގަލު މިސްކިތްތަކަށް ބައިނަލްއަގުވާމީ ދަރަޖަ ހޯދުމުގެ މަސައްކަތް ކުރަމުންދާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމީ ބަދަލުތައްކަން ފާހަގަކުރައްވައި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށް ގިރުމުގެ ސަބަބުން ތާރީހީ ބިނާތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުގެ މިސާލެއްގެ ގޮތުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ތ. ވިލުފުއްޓާއި ދ. ގެމެންދޫ ފަދަ ރަށްރަށަށް ލިބުނު ގެއްލުންތަކާއެކު، ސަގާފީ ހަނދާންތަކާއި ތާރީހީ ތަންތަން ދާއިމީކޮށް ގެއްލިގެން ދިޔަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ރައީސްގެ "މޯލްޑިވްސް 2.0" ތަސައްވުރުގެ ދަށުން ޑިޖިޓަލްކޮށް ތަރިކަ ރައްކާތެރިކުރުމަށް އިސްކަންދޭ ކަމަށް ހީނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ޑިޖިޓަލް އިންވެންޓްރީތައް އުފެއްދުމާއި، ތްރީ-ޑީ ޑޮކިއުމެންޓޭޝަނާއި، އާކައިވްކުރުމުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުން ހިމެނެއެވެ.
ނަމަވެސް، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ޑިޖިޓަލް މާހައުލުގައިވެސް ސަގާފީ ހައްގުތައް ހިމާޔަތްކުރަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ދިވެހިބަހާއި ކުދި މުޖުތަމައުތަކުގެ ސަގާފީ ސިފަތައް ޑިޖިޓަލް ދުނިޔޭގައި ތަމްސީލުވާންޖެހޭނެ ކަމަށާއި، އާޓިފިޝަލް އިންޓެލިޖެންސް ވާންޖެހޭނީ ސަގާފީ ތަފާތުތައް މުއްސަނދިކޮށްދޭ ވަސީލަތަކަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ، ރަށްތައް ބެހިފައިވާ ގޮތުންނާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން ތަރިކަ ބެލެހެއްޓުމަށް ކުދި ގައުމުތަކަށް ދަތިތަކެއް ހުރިކަން ފާހަގަކުރައްވައިފައެވެ. އެހެންކަމުން، އޭސީއެޗްއޭ ފަދަ ޖަމާއަތްތައް މެދުވެރިކޮށް ފަންނީ އަދި މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އެކަމަނާ ގޮވާލެއްވިއެވެ. ގައުމެއްގެ ޖިއޮގްރަފީގެ ނާޒުކުކަމުން ނުވަތަ ވަސީލަތްތައް މަދުވުމުގެ ސަބަބުން، އެ ގައުމެއްގެ ސަގާފީ ތަރިކަ ނެތިގެން ދިއުމުގެ ބިރު ކުރިމަތިލާންޖެހިގެން ނުވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ކޮމެންޓް