ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝިމީގެ ކާމިޔާބު ފިލްމު "އާވާރާޕަން"ގެ ދެވަނަ ބައިގެ ޓީޒާ ނެރެފިއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2007 ވަނަ އަހަރު ނުކުތް ފިލްމަށް 19 އަހަރު ފުރުނު ދުވަހާ ދިމާކޮށް ނެރުނު މި ޓީޒާއިން އިމްރާންގެ ކުރީގެ ކެރެކްޓަރ ކަމަށްވާ ޝިވަމް ޕަންޑިޓް އެނބުރި އަންނަތަން ފެނެއެވެ.
ވިޝޭޝް ފިލްމްސް އިން ޕްރޮޑިއުސްކޮށް ނިތިން ކައްކަރް ޑައިރެކްޓުކުރާ މި ފިލްމުގެ ޓީޒާގައި އިމްރާންގެ ވަރުގަދަ ޑައިލޮގްތަކެއް ހިމަނާފައިވެއެވެ. އެގޮތުން، “ވޭނާއި އަހަންނާ ދެމެދު އޮތީ ވަރަށް ކުރީގެ ގުޅުމެއް” ކަމަށާއި، “މިފަހަރު ނިމިގެންދާނީ މި އާވާރާކަން ނުވަތަ އަހަރެން” ކަމަށް އޭނާ ބުނާ އަޑު އިވެއެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ދިޝާ ޕަޓާނީ އާއި ޝަބާނާ އާޒްމީ ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ފުރަތަމަ ފިލްމަށް ލިބިފައިވާ މަގުބޫލުކަމުގެ ސަބަބުން މި ފިލްމަށް ގިނަ ބައެއްގެ އިންތިޒާރު އެބައޮތެވެ. އަދި ދިޝާ ޕަޓާނީ މި ފިލްމުގައި ހިމެނުމަކީ އާ ޖީލުގެ ބެލުންތެރިން ފިލްމަށް ޝައުގުވެރިކުރުވުމަށް ނިންމި ވިޔަފާރީގެ ނިންމުމެއް ކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ. މީގެ އިތުރުން، ފުރަތަމަ ފިލްމުގެ މަޝްހޫރު ލަވަތައް ކަމަށްވާ "ތޯ ފިރް އާއޯ" އަދި "ތޭރާ މޭރާ ރިޝްތާ" ގެ އާ ބައިތަކެއް މި ފިލްމުގައި ހިމެނޭނެ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
މި ފިލްމުގެ ޝޫޓިން މިދިޔަ ޖޫން މަހުގެ ތެރޭގައި އެއްކޮށް ނިންމާލާފައިވާއިރު، މަންޒަރުތައް ނަގާފައިވަނީ އިންޑިއާގެ ރާޖަސްތާނާއި އިރުދެކުނު އޭޝިއާގެ ގައުމުތަކުގައި ކަމަށް ހަބަރުތައް ބުނެއެވެ.
މި ފިލްމު ފުރަތަމަ ނެރުމަށް ހަމަޖެހިފައި އޮތީ މިއަހަރުގެ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ނަމަވެސް، ޕްރޮޑަކްޝަންގެ މަސައްކަތްތައް ދިގުލައިގެން ދިއުމާ ގުޅިގެން ތާރީހަށް ވަނީ ބަދަލު ގެނެސްފައެވެ. ރަސްމީކޮށް އިއުލާންކޮށްފައިވާ ގޮތުގައި "އާވާރާޕަން 2" ސިނަމާތަކަށް އަންނާނީ މި އަހަރުގެ އޮގަސްޓު މަހުގެ 14 ވަނަ ދުވަހުއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް