އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގެ ފުރަތަމަ ގައުމީ ފަސިންޖަރު ރޭލުގެ ހިދުމަތް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. "އިއްތިހާދު ރެއިލް" އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފުރަތަމަ ފަށާފައިވަނީ އަބޫދާބީގެ މުހައްމަދު ބިން ޒައިދު ސިޓީން ފެށިގެން ފުޖައިރާގެ އަލް ހިލާލް ސިޓީއާ ދެމެދު ކުރާ ދަތުރުތަކެވެ.

މި ހިދުމަތް އޮޕަރޭޓުކުރަނީ އިއްތިހާދު ރެއިލް އާއި ބައިނަލްއަގުވާމީ ޓްރާންސްޕޯޓް ކުންފުންޏެއް ކަމަށްވާ "ކިޔޯލިސް" ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކުންނެވެ. ގަޑިއަކު 200 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާ މި ރޭލުތަކުގެ ސަބަބުން އަބޫދާބީ އާއި ފުޖައިރާއާ ދެމެދު ކުރާ ދަތުރުގެ ވަގުތު އެއް ގަޑިއިރާއި 45 މިނެޓަށް ކުޑަވެގެންދާނެއެވެ. މިއީ އެއްގަމު މަގުން ކުރާ ދަތުރުތަކަށްވުރެ ގާތްގަނޑަކަށް އެއް ގަޑިއިރު އަވަސް ދަތުރެކެވެ.

މި ނެޓްވޯކްގައި ބޭނުންކުރުމަށް 400 މީހުންގެ ޖާގައިގެ 13 ރޭލު ގެނެސްފައިވާއިރު، ޓިކެޓުގެ އަގު އުޅެނީ 55 ދިރުހަމާއި 120 ދިރުހަމާ ދެމެދުގައެވެ. އިއްތިހާދު ރެއިލް މޮބިލިޓީގެ ޑެޕިއުޓީ ސީއީއޯ އައްޒާ އައްސުވައިދީ ވިދާޅުވި ގޮތުގައި، މި ރޭލު ނެޓްވޯކަކީ ޔޫއޭއީގެ އިގުތިސޯދީ އަދި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް އެހީތެރިވެދޭނެ މުހިންމު ވަސީލަތެކެވެ. އަދި މިއީ މުޅި ގައުމުގެ ދަތުރުފަތުރުގެ ނިޒާމު ގުޅާލުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫއު ފުރިހަމަވާއިރު ޔޫއޭއީގެ ހަތް އިމާރާތް ގުޅާލުމަށް 11 ސްޓޭޝަނެއް ގާއިމުކުރާނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން، އަންނަ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު ދުބާއީ އަދި ޝާރްޖާގެ އަލް ދައިދު ސްޓޭޝަން ހުޅުވާނެއެވެ. އެއަށްފަހު ޑިސެންބަރު މަހު އަލް ދަފްރާ ސްޓޭޝަންތައް ހުޅުވުމަށް ހަމަޖެހިފައިވާއިރު، މުޅި ނެޓްވޯކްގެ މަސައްކަތް އެއްކޮށް ނިމޭނީ 2027 ވަނަ އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހު ޝާރްޖާ ޔުނިވާސިޓީ ސިޓީ ސްޓޭޝަން ހުޅުވުމުންނެވެ.