ހޮރުމުޒް ކަނޑުއޮޅި ދިގު މުއްދަތަކަށް ބެލެހެއްޓުމާ ގުޅޭ އާ އޮނިގަނޑެއް އޮމާނުން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް ރަސްމީކޮށް ހުށަހަޅައިފިއެވެ. ނިއު ޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހުށަހެޅުމުގެ ދަށުން އެ ކަނޑުއޮޅި ހުރަސްކުރާ ވިޔަފާރި ބޯޓުފަހަރުން ހިދުމަތުގެ ފީއެއް ނެގުމަށް ވަނީ ރާވައިފައެވެ. މިއީ ފަހަކަށް އައިސް އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކަށްފަހު، ކަނޑުދަތުރުފަތުރުގެ ކަންކަން އާންމު ހާލަތަކަށް އަންނަ ދަނޑިވަޅެއްގައި ހުށަހެޅި ޕްލޭނެކެވެ.
ޑިޕްލޮމެޓިކް މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، އޮމާނުގެ މި ޕްލޭން ބިނާކޮށްފައިވަނީ މަލަކާ ކަނޑުއޮޅީގައި އަމަލުކުރަމުން އަން އުސޫލާ އެއްގޮތަށެވެ. އެގޮތުން، ނެގޭ ފީ ބޭނުންކުރާނީ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އޮމާނުން ބުނާ ގޮތުގައި މިއީ އަމިއްލަ އިހުތިޔާރުގައި ދައްކާ ފީއަކަށް ވިޔަސް، އީރާނުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އީރާނުން ބޭނުންވަނީ މިއީ މަޖުބޫރު ފީއަކަށް ހެދުމަށެވެ.
މި ހުށަހެޅުމާ ގުޅިގެން އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ކަނޑުއޮޅިއެއްގެ ގޮތުގައި އޮންނަ ހޮރުމުޒް ކަނޑުއޮޅީގައި އެއްވެސް ހުރަހަކާ ނުލައި މިނިވަންކަމާއެކު ދަތުރުފަތުރުކުރެވެން ޖެހޭނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ކަނޑުއޮޅިން ފީ ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ޔޫރަޕްގެ ގައުމުތަކުންވެސް މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ގައުމުތަކުން އިސްކަންދެނީ މިފަދަ ކޮންމެ ނިންމުމަކީވެސް ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާ އެއްގޮތަށް ނިންމާ ނިންމުމަކަށް ހެދުމަށެވެ.
އެމެރިކާއާއި އީރާނާ ދެމެދު ހިނގި ކުރިމަތިލުންތަކަށްފަހު، މިހާރު އިއުލާނުކޮށްފައިވާ 60 ދުވަހުގެ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން އެއްވެސް ފީއެއް ނެގުން ވަނީ މަނާކޮށްފައެވެ. ނަމަވެސް، މި މުއްދަތު ހަމަވުމަށްފަހު އަމަލުކުރާނެ ގޮތަކާމެދު އޮމާނާއި އީރާނުން އަންނަނީ މަޝްވަރާކުރަމުންނެވެ. މި މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި ސަރަހައްދީ ގައުމުތަކާއި ހުޅަނގުގެ ބާރުތަކުން ދަނީ ވާހަކަދައްކަމުންނެވެ.
އޮމާން
އޮމާން
އޮމާން
އޮމާން
ކޮމެންޓް