އޮމާނާ ގުޅިގެން ހޮރުމުޒް ކަނޑުއޮޅީގައި އާ ޝިޕިން ރޫޓެއް ކަނޑައެޅުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ބުދަ ދުވަހު ވިދާޅުވި ގޮތުގައި، ދެ ގައުމުން މިހާރު ވަނީ އާ ކަނޑުމަގުގެ ކޯޑިނޭޓްތަކާ މެދު އެއްބަސްވެފައެވެ. އަދި މިކަމާ ގުޅޭ ގުޅިފައިވާ ބަޔާނެއް އެކުލަވައިލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އިންތިޒާމުގެ ދަށުން ފާރިސީ ގަލްފަށް ވަންނަ ބޯޓުފަހަރު ދަތުރުކުރާނީ އީރާނުގެ ކޮންޓްރޯލް އޮންނަ ސަރަހައްދަކުންނެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ގަރީބްއާބާދީ ވިދާޅުވި ގޮތުގައި، މިއީ ވަގުތީ ގޮތުން ދެ މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތަކަށް ހަމަޖައްސާ އިންތިޒާމެކެވެ. އަދި މި އިންތިޒާމުގެ ދަށުން، މިހާރު ބޭނުންކުރަމުން އަންނަ އުތުރުގެ މަގާއި ދެކުނުގެ މަގު އެއްކޮށްލައި، އެއް މަގަކަށް ބަދަލުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އޮމާނުގެ ރަސްމީ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ސަރަހައްދީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮމާނުން ވަނީ ގަލްފުގެ ގައުމުތަކުގެ ތާއީދާއެކު، މަޖުބޫރު ފީއެއް ނެގުމުގެ ބަދަލުގައި އަމިއްލަ އިހުތިޔާރުގައި ފީ ދެއްކޭނެ ނިޒާމެއް ހުށަހަޅާފައެވެ.

ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު މަގެކެވެ. މި މަޝްވަރާތަކުގައި އެމެރިކާއިން ވެސް ބައިވެރިވާ ކަމަށް އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ވިދާޅުވެފައެވެ.