އާއިލާތަކާއި، އެ އާއިލާތަކާ ގުޅުމެއް ނެތް ހުސްހަށިބައި މީހުން އެއް އިމާރާތެއްގައި ދިރިއުޅުން، އޮމާންގެ މަސްކަޓް މުނިސިޕަލްޓީން މަނާކޮށްފިއެވެ. މި ގަވާއިދު އަމާޒުކޮށްފައިވަނީ އާއިލާތައް ދިރިއުޅޭ އިމާރާތްތަކުގައި، އާއިލާއިން ބޭރު އެކަނި އުޅޭ މަސައްކަތްތެރިންނާއި ހުސްހަށިބައި މީހުން ކުއްޔަށް އުޅުން ހުއްޓުވުމަށެވެ. އެހެންކަމުން، އާއިލާއަކާއެކު ދިރިއުޅޭ އެ އާއިލާގެ ހުސްހަށިބައި މެންބަރުންގެ މައްޗަށް މި ގަވާއިދެއް ނުހިނގާނެއެވެ.
މުނިސިޕަލިޓީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ނިންމުމަކީ މަސްކަޓް ގަވަރުނޭޓުގެ އިމާރާތްތައް ބޭނުންކުރުމާ ގުޅޭ ގަވާއިދުތަކުގެ ދަށުން ނިންމި ނިންމުމެކެވެ. މި ގަވާއިދުގެ ދަށުން، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައާއި، ދިރިއުޅުމަށާއި ވިޔަފާރިކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތްތެރިންނާއި ހުސްހަށިބައި މީހުންނަށް ހާއްސަ އެކޮމޮޑޭޝަން ހެދުން ވެސް ވަނީ މަނާކޮށްފައެވެ.
އެ އިދާރާއިން ހަވާލާދީފައިވަނީ ލޯކަލް އޯޑަރު ނަންބަރު 23/92 ގެ 31 ވަނަ މާއްދާއަށެވެ. މުނިސިޕަލިޓީން ބުނި ގޮތުގައި މި ފިޔަވަޅުތަކުގެ ބޭނުމަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މަގުތަކާއި ޕާކިން ސަރަހައްދުތަކަށް ބާރުބޮޑުވުން ކުޑަކުރުމެވެ. އިމާރާތްތަކަށް ހުއްދަ ދީފައިވާ އަދަދަށް ވުރެ ގިނައިން މީހުން ވެއްދުމާއި، ކަނޑައެޅިފައިވާ ކެޓަގަރީއާ ހިލާފަށް އިމާރާތް ބޭނުންކުރުމަކީ އޭގެ ސަބަބުން އާންމު ހިދުމަތްތަކަށާއި ސިއްހީ މިންގަނޑުތަކަށް ބުރޫއަރާނެ ކަމެއް ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
އިމާރާތްތައް ކުއްޔަށް ދިނުމުގެ ކުރިން އެ ތަނެއްގެ ކެޓަގަރީ ޔަގީންކުރުމަކީ ގޭގެވެރިންނާއި އިމާރާތްތަކުގެ ވެރިންގެ ޒިންމާއެއް ކަމަށް މުނިސިޕަލިޓީން ބުންޏެވެ. އަދި ކުންފުނިތަކުން އެ ތަންތަނުގެ މުވައްޒަފުންނަށް ސިއްހީ އަދި ސަލާމަތީ މިންގަނޑުތަކަށް ފެތޭ، އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޯހިޔާވަހިކަން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް އަންގާފައިވެއެވެ.
ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތަކުގެ ތަފުސީލު މި ފަހުގެ ބަޔާނުގައި ހާމަކޮށްފައި ނުވި ނަމަވެސް، މީގެ ކުރިން މުނިސިޕަލިޓީން ވަނީ މިފަދަ ކުށްތަކަށް ޖޫރިމަނާކުރުމާއެކު ޖަލު ހުކުމް އަންނާނެ ކަމުގެ އިންޒާރު ދީފައެވެ.
އޮމާން
އޮމާން
އޮމާން
އޮމާން
ކޮމެންޓް