އެމެރިކާއާއެކު ސުލްހައިގެ މަޝްވަރާތަކަށް އިސްކަންދިން ނަމަވެސް، ހަނގުރާމައަކަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަމަށް އީރާނުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެ ގައުމުގެ އިސް ނެގޯޝިއޭޓަރު އަދި ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެއްޖެއެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ދެ ގައުމުގެ މަންދޫބުންގެ މެދުގައި މަޝްވަރާތައް ފަށާފައިވާއިރު، އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާލިބާފް ވިދާޅުވި ގޮތުގައި، އީރާނުން ބޭނުންވަނީ ވާހަކަދައްކައިގެން މައްސަލަތަކަށް ހައްލެއް ހޯދުމަށެވެ. ނަމަވެސް އެއްބަސްވުންތަކާ އެއްގޮތަށް އަމަލު ނުކުރާނަމަ، އަސްކަރީ ގޮތުން ރައްދުދޭން ތައްޔާރަށް އޮތް ކަމަށް އޭނާ އިންޒާރުދެއްވިއެވެ. މިއީ ޑިޕްލޮމެސީއާއި އަސްކަރީ ބާރުވެރިކަން އެއްވަގުތެއްގައި ބޭނުންކުރުމަށް އީރާނުން ގެންގުޅޭ "ޑުއަލް-ޓްރެކް" ސިޔާސަތުގެ ދަށުން ދިން އިންޒާރެއް ކަމަށް ސަލާމަތީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު ދެ ގައުމުން ސޮއިކުރި 14 ނުކުތާގެ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަންފީޒުކުރުމާ ގުޅޭގޮތުން ދޯހާގައި މަޝްވަރާކުރަމުން އަންނައިރު، މީގެ ތެރޭގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު ދޫކޮށްލުމާއި، ހޮރުމުޒް ކަނޑުއޮޅި އާންމު ދަތުރުފަތުރަށް ހުޅުވާލުން ހިމެނެއެވެ. އެމެރިކާއިން ބޭނުންވަނީ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ކަނޑުއޮޅި ހުޅުވާލުމަށެވެ. އަނެއްކޮޅުން އީރާނުން ބޭނުންވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އިގުތިސޯދު ކޮޅަށްޖެހުމަށެވެ.
ސުލްހައިގެ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ދެ ގައުމުގެ ދެމެދުގައި ވަނީ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އަމާޒުތަކަކަށް ހަމަލާދީފައިވާއިރު، އީރާނުން ވަނީ ގަލްފުގައި ތިބޭ އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ދެ ގައުމުންވެސް މަސައްކަތްކުރަނީ މަޝްވަރާގެ މޭޒުމަތީގައި ބާރުވެރިކަން ހޯދުމަށްޓަކައި އަސްކަރީ ނުފޫޒު ބޭނުންކުރުމަށެވެ.
މި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ހާއްސަކޮށް، ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ނަގާފައިވުމަކީ ދުނިޔޭގެ އިގުތިސާދަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމެރިކާއިން ދެކެއެވެ. މަޝްވަރާތައް ކުރިއަށްދާއިރު، މިވަގުތު ދެ ގައުމުންވެސް ވަނީ އިތުރު އަސްކަރީ ހަމަލާތައް ދިނުން މަޑުޖައްސާލުމަށް އެއްބަސްވެފައެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް