އެމެރިކާއާއި އީރާނާ ދެމެދު އިސް ފެންވަރުގެ ސީދާ މަޝްވަރާތަކެއް މިވަގުތު ނުހިނގި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ޓެކްނިކަލް ފެންވަރުގެ މަޝްވަރާތައް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް ގަތަރުގެ ހާރިޖީ ވުޒާރާއިން ބުނެފިއެވެ.

ގަތަރުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ވިދާޅުވި ގޮތުގައި، އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނަރ ދާދި ފަހުން ދޯހާއަށް ކުރެއްވި ދަތުރަކީ އީރާނާ ސީދާ މަޝްވަރާކުރުމަށް ކުރެއްވި ދަތުރެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ގަތަރުގެ މެދުވެރިންނާއެކު ސަރަހައްދީ މައްސަލަތަކާ ގުޅޭގޮތުން ބޭއްވި ބައްދަލުވުންތަކެއް ކަމަށާއި، އޭގެ ތެރޭގައި އީރާނުގެ މައްސަލައިގެ އިތުރުން ލުބުނާނުގެ ހާލަތާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެމެރިކާއާއި އީރާނުގެ އިސް އޮފިޝަލުންގެ މެދުގައި ސީދާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ނުވާކަމަށް އަންސާރީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މެދުވެރިން މެދުވެރިކޮށް ދެ ފަރާތުގެ ދެމެދުގައި ހިނގަމުން އަންނަ ޓެކްނިކަލް ފެންވަރުގެ މަޝްވަރާތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލަތަކަށްކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރޭގައި ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމާއި، އީރާނުގެ ހިފަހައްޓާފައިވާ ފައިސާއާ ގުޅޭ މައްސަލަތައް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާއިރު، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމާ ގުޅޭގޮތުން ޓެކްނިކަލް ފެންވަރުގައި ވާހަކަދެކެވެމުންދާ ކަމަށް އަންސާރީ ވިދާޅުވިއެވެ.