ޗައިނާގެ ޝީން އަދި ޓީމޫ ފަދަ "އަލްޓްރާ ފާސްޓް ފެޝަން" ކުންފުނިތަކުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް، ފަރަންސޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުން ހަރުކަށި ފިޔަވަޅުތަކެއް ހިމެނޭ ބިލެއް ފާސްކޮށްފިއެވެ.
ދެ އަހަރު ދުވަހުގެ ބަހުސަކަށްފަހު ހޯމަ ދުވަހު ފަރަންސޭސި ސެނެޓުން ފާސްކުރި މި ގާނޫނުގެ ދަށުން، މިފަދަ ކުންފުނިތަކުން ވިއްކާ ކޮންމެ އުފެއްދުމަކުން މިއަހަރު 0.25 ޔޫރޯއާއި 6 ޔޫރޯއާ ދެމެދުގެ އަދަދެއް ޖޫރިމަނާގެ ގޮތުގައި ނަގާނެއެވެ. އަދި 2030 ވަނަ އަހަރާ ހަމައަށްދާއިރު މި އަދަދު 10 ޔޫރޯއަށް އިތުރުކުރާނެއެވެ. ނަމަވެސް މި ޖޫރިމަނާ އުފެއްދުމުގެ އަގުގެ 50 އިންސައްތައަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، މި ބްރޭންޑުތަކުގެ އިޝްތިހާރުކުރުމާއި އިންފްލުއެންސަރުން މެދުވެރިކޮށް ޕްރޮމޯޓުކުރުން ވެސް ވަނީ މަނާކޮށްފައެވެ.
ފަރަންސޭސި ސަރުކާރުގެ ސްމޯލް އެންޓަޕްރައިޒަސް މިނިސްޓަރު ސާޖް ޕަޕިން ވިދާޅުވި ގޮތުގައި، މި ގާނޫނުގެ ބޭނުމަކީ ގިނަ އަދަދަކަށް އަންނައުނު އުފައްދައި އުކާލުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް ބާރުއެޅުމެވެ. ފަރަންސޭސި ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ކުންފުނިތަކުން ދުވާލެއްގެ މައްޗަށް އެތައް ހާސް އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ ސަބަބުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް އިތުރުވެ، ފެން ތަގައްޔަރުވުމުގެ އިތުރުން ކުނިގޮނޑުތަކަށް ޖަމާވާ އަންނައުނުގެ މިންވަރު ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އެހެންކަމުން، ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ ހޭދަކުރާނީ އަންނައުނު ރީސައިކަލްކުރުމުގެ ނިޒާމުތައް ގާއިމުކުރުމަށެވެ.
މި ގާނޫނާ ގުޅިގެން ޝީން އިން ބުނެފައިވަނީ، މިއީ ވިލާތުގެ އިއްތިހާދުގެ އީ-ކޮމާސް ގަވާއިދުތަކާ ފުށުއަރާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި ޓީމޫއިން ބުނެފައިވަނީ އެ ކުންފުންޏަކީ ހަމައެކަނި އުފައްދާ ފަރާތްތަކާއި ގަންނަ ފަރާތްތައް ގުޅުވައިދޭ ޕްލެޓްފޯމެއް ކަމަށެވެ.
ރީޓެއިލް މާކެޓުގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި ގާނޫނުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗޭންތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، ކުންފުނިތަކުން އުފައްދާ މިންވަރު މަޑުޖައްސާލަން މަޖުބޫރުވާނެއެވެ. މީގެ އިތުރުން، އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުންފުނިތަކަށް މަޖުބޫރުވާއިރު، ޖޫރިމަނާތަކުގެ ސަބަބުން ކުންފުނިތަކުގެ ހަރަދު ބޮޑުވެ، ކަސްޓަމަރުންނަށް ތަކެތި ލިބޭ އަގު ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ތަޖުރިބާކާރުން ލަފާކުރެއެވެ. މި ބިލަށް އަމަލުކުރަން ފަށާނީ ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން އެ ތަސްދީގުކުރެއްވުމުންނެވެ.
ފެޝަން
ފެޝަން
ފެޝަން
ފެޝަން
ކޮމެންޓް