ދުނިޔޭގެ މަޝްހޫރު ފެޝަން ކުންފުނި ކަމަށްވާ ޝީންގެ އެގްޒެކެޓިވް ޗެއާމަން ޑޮނަލްޑް ޓޭންގް، އެ މަގާމުން ވަކިވެވަޑައިގަތުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ. އޭނާ މަގާމުން ވަކިވެވަޑައިގަންނަވަނީ، ކުންފުނީގެ ހިއްސާ އާންމުކޮށް ވިއްކުމަށް (އައިޕީއޯ) ކުރަމުން އަންނަ މަސައްކަތްތައް ނިމުމަކާ ގާތްވެފައި ވަނިކޮށެވެ.
މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 63 އަހަރުގެ ޓޭންގް ދެން ބަދަލުވެވަޑައިގަންނަވާނީ ކުންފުނީގެ ސީނިއާ އެޑްވައިޒަރެއްގެ ދައުރަށެވެ. ފާއިތުވި ތިން އަހަރު ދުވަހު ޝީންގެ އެންމެ އިސް މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތުމަށްފަހު އޭނާ މަގާމުން ވަކިވެވަޑައިގަންނަވާއިރު، މި ބަދަލު ގެންނާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް، އައިޕީއޯއާ ގުޅިގެން އިންވެސްޓަރުންނާ ބައްދަލުކުރުމަށް ބާއްވާ ހަރަކާތްތަކުގައި ދެން އިސްކޮށް ހަރަކާތްތެރިވާނީ ކުންފުނީގެ ބާނީ ސްކައި ޝޫ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޝީންއިން އެންމެ ފުރަތަމަ މަސައްކަތްކުރީ އެމެރިކާގެ ނިއުޔޯކް އަދި އިނގިރޭސިވިލާތުގެ ލަންޑަނުގައި އައިޕީއޯއެއް ކުރިއަށްގެންދިއުމަށެވެ. ނަމަވެސް، އެ ގައުމުތަކުގެ ރެގިއުލޭޓަރީ އިދާރާތަކުން ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން، މިހާރު އެ ކުންފުނިން އަމާޒު ހިފާފައިވަނީ ހޮންކޮންގުގައި ހިއްސާ ވިއްކުމަށެވެ.
މީގެ ހަތަރު އަހަރު ކުރިން 100 ބިލިއަން ޑޮލަރުގެ އަގެއް ކަނޑައެޅިފައި އޮތް ޝީންގެ އަގު، އެމެރިކާގެ ވިޔަފާރީގެ ސިޔާސަތުތަކަށް އައި ބަދަލުތަކާ ގުޅިގެން މިހާރު ވަނީ 40 ބިލިއަނާއި 50 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ވެއްޓިފައެވެ.
ހޮންކޮންގުގައި އައިޕީއޯ ކުރިއަށްގެންދިއުމަށް ޗައިނާގެ ސެކިއުރިޓީޒް ރެގިއުލޭޓަރީ ކޮމިޝަނުން މިދިޔަ ހުކުރު ދުވަހު ވަނީ ޝީންއަށް ހުއްދަ ދީފައެވެ. އަދި މި ހަފުތާގެ ބުރާސްފަތި ދުވަހު ހޮންކޮންގް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިން ކޮމިޓީގެ އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ކޮމެންޓް