މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލޯތުރާ ޕެރިސް ހޯޓް ކޯޗާ ވީކްގައި ފުރަތަމަ ފަހަރަށް އޭނާގެ ކަލެކްޝަން ދައްކާލި ޝޯގައި، އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިކަނބަލުން އީޝާ އަމްބާނީ ބައިވެރިވެއްޖެއެވެ. އިއްޔެ ޕެރިސްގައި ބޭއްވި މި ތާރީހީ ޝޯގައި އީޝާ އަމްބާނީ ފެނިގެންދިޔައީ އަތުން ތައްޔާރުކޮށްފައިވާ ރަން ކުލައިގެ ހާއްސަ ހެދުމެއްގައެވެ.
ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޝޯގެ އެންމެ ކުރީ ސަފުގައި މަޝްހޫރު ފެޝަން އައިކަން އެނާ ވިންޓުއާއެކު އީޝާ އިންއިރު، އޭނާ ވަނީ މަންމަ ނީތާ އަމްބާނީގެ ހާއްސަ ގަހަނާ ކަލެކްޝަނުން ބައެއް ތަކެތި ބޭނުންކޮށްފައެވެ. މީގެ ތެރޭގައި އަގުބޮޑު އެމަރަލްޑް އަދި ޕޯލްކީ ގަހަނާ ހިމެނޭ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
މަނީޝް މަލޯތުރާގެ މި ޑެބިއު ކަލެކްޝަނަށް ދީފައިވާ ނަމަކީ "މާ" އެވެ. މިއީ ދާދި ފަހުން ނިޔާވި އޭނާގެ މަންމައަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކަލެކްޝަނެއް ކަމަށް އޭނާ ބުނެއެވެ.
ފެޝަން ފާޑުކިޔުންތެރިން ފާހަގަކުރާ ގޮތުގައި، މިއީ އިންޑިއާގެ ސަގާފީ މަސައްކަތްތެރިކަމާއި ބައިނަލްއަގުވާމީ ހޯޓް ކޯޗާ ގުޅުވައިދިން މުހިންމު ހަރަކާތެކެވެ. އިންޑިއާގެ އަތްތެރި މަސައްކަތްތަކާއި ޒަމާނީ ލަގްޒަރީ ފެޝަން އެއްކޮށްލައިގެން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޕްލެޓްފޯމެއްގައި ދެއްކުމަކީ އިންޑިއާގެ ފެޝަން އިންޑަސްޓްރީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފާޑުކިޔުންތެރިން ބުނެފައިވެއެވެ.
މި ޝޯއަކީ 35 އަހަރުގެ ތަޖުރިބާ ހުރި މަނީޝް މަލޯތުރާގެ ކެރިއަރުގައި އައި އެންމެ މުހިންމު އެއް ބަދަލެވެ. އިންޑިއާގެ ފެޝަން ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ މިންވަރު މި ޝޯއިން ސާބިތުކޮށްދީފައިވާއިރު، އީޝާ އަމްބާނީގެ އިތުރުން ބޮލީވުޑްގެ ބައެއް ތަރިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މަނީޝް މަލޯތުރާއަށް މަރުހަބާ ކިޔާފައެވެ.
އެމްޑަބްލިއުއެސްސީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކުށް
ކަނޑު މަތީ
ކޮމެންޓް