ޕެރިސް ހޯޓް ކުޓުއަރ ފެޝަން ވީކްގައި އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިކަނބަލުން އީޝާ އަމްބާނީ، 2 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ހާމީސް ބަރކިން އަތްދަބަހަކާއެކު ފެނިއްޖެއެވެ. ރާހުލް މިޝްރާގެ ފެޝަން ޝޯގައި އޭނާ ބޭނުންކުރި މި ދަބަހަކީ 3،025 ޖަވާހިރު ހަރުކޮށްފައިވާ، ދުނިޔޭގައި އުފައްދާފައިވާ އެންމެ އަގުބޮޑު އެއް އަތްދަބަހެވެ.

“ހާމީސް ބަރކިން ސެކް ބިޖޫ” ގެ ނަމުން ނަންދީފައިވާ މި ކުޑަ ދަބަސް ފަރުމާކޮށްފައިވަނީ 18 ކެރެޓުގެ ހުދު ރަނުންނެވެ. އަދި މީގައި ބޭނުންކޮށްފައިވާ 3،025 ޖަވާހިރުގެ ބަރުދަނުގައި 111 ކެރެޓު ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ލަގްޒަރީ ތަކެތީގެ އަގުވަޒަންކުރާ ފަރާތްތަކާއި ސަދަބީސް އިން އަންދާޒާކުރާ ގޮތުގައި، މިއީ އާންމުކޮށް ބޭނުންކުރާ ދަބަހަކަށްވުރެ ބޮޑަށް، ގަހަނާއެއްގެ ގޮތުގައި ބެލެވޭ އުފެއްދުމެކެވެ.

ފެޝަން ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ޕިއަރ ހާޑީ ފަރުމާކޮށްފައިވާ މި ދަބަހަކީ މާކެޓުގައި ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެކެވެ. ދުނިޔޭގައިވެސް މިފަދަ އެންމެ ތިން ދަބަސް އުފައްދާފައިވާއިރު، އީޝާ އަމްބާނީ ބޭނުންކުރި މި ދަބަހަކީ އޭނާގެ މަންމަ ނީތާ އަމްބާނީގެ ލަގްޒަރީ ކަލެކްޝަންގައި ހިމެނޭ އެއްޗެއް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ދަބަހުގެ މަތީ ފަރާތް ކިނބުލުގެ ހަންގަނޑަކާ ވައްތަރުވާ ގޮތަށް ފަރުމާކޮށްފައިވާއިރު، ދަބަހުގެ ބޮޑު ބައެއް ވަނީ ޖަވާހިރުން ޖަރީކޮށްފައެވެ. މަތީ ފަންތީގެ ލަގްޒަރީ މާކެޓުގައި މިފަދަ އުފެއްދުންތަކަކީ މުއްސަނދިކަމާއި ހާއްސަކަން ރަމްޒުކޮށްދޭ ތަކެތި ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.