އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކްރިޕްޓޯކަރަންސީއާ ގުޅުންހުރި ވިޔަފާރިތަކުން 1.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިވަޑައިގެންފިއެވެ. އެމެރިކާގެ އޮފީސް އޮފް ގަވަރންމަންޓް އެތިކްސްއިން އިއްޔެ އާންމުކުރި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ފަހުގެ މާލީ ބަޔާނުން އެނގޭގޮތުގައި، 927 ސަފުހާގެ މި ރިޕޯޓަކީ 2025 ވަނަ އަހަރުގެ މާލީ ހިސާބުތަކުގެ މައްޗަށް އެކުލަވައިލާފައިވާ ރިޕޯޓެކެވެ.
މި ރިޕޯޓުގައިވާ ގޮތުން، ޓްރަމްޕްގެ އާއިލާއިން ހިންގާ ކްރިޕްޓޯ ކުންފުންޏެއް ކަމަށްވާ ވޯލްޑް ލިބަޓީ ފައިނޭންޝަލްގެ ޓޯކަން ވިއްކައިގެން 526 މިލިއަން ޑޮލަރު އަދި އެ ކުންފުނީގެ ހިއްސާ ވިއްކައިގެން 65 މިލިއަން ޑޮލަރު ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ނަންފުޅުގައި ނެރެފައިވާ ޓްރަމްޕް މީމް ކޮއިން ލައިސަންސް ކުރުމުގެ އެއްބަސްވުންތަކުން 635 މިލިއަން ޑޮލަރު ލިބިވަޑައިގެންފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. ޓްރަމްޕްގެ މިލްކިއްޔާތުގައި 50 މިލިއަން ޑޮލަރުގެ ބިޓްކޮއިން އަދި 5 މިލިއަނާއި 25 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އިތީރިއަމް ހުރިކަން ވެސް މި ބަޔާނުން ހާމަވެއެވެ.
މިވަރުގެ ބޮޑު އާމްދަނީއެއް ކްރިޕްޓޯކަރަންސީން ލިބިވަޑައިގަތުމާ ގުޅިގެން، މަސްލަހަތު ފުށުއަރާ ކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. ޕަބްލިކް ސިޓިޒަން ޖަމާއަތުގެ ކޯ-ޕްރެޒިޑެންޓް ރޮބަޓް ވައިސްމަން ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ އަމިއްލަ މާލީ ފައިދާތައް ކްރިޕްޓޯ ސިނާއަތާ ގުޅިފައިވުމަކީ ނުރައްކާތެރި ސިޔާސަތުތަކަކަށް މަގުފަހިވެދާނެ ކަމެކެވެ. އަދި މިއީ ރައީސްކަމުގެ މަގާމުގެ އަގުވައްޓައިލާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އޮފިޝަލުން ޑިޖިޓަލް އެސެޓްތަކުގެ ވިޔަފާރިކުރުން މަނާކުރާ ގާނޫނެއް ގެނައުމަށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުން އަންނަނީ ގޮވައިލައްވަމުންނެވެ.
މާލީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ކްރިޕްޓޯކަރަންސީއަކީ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ އެއްޗަކަށް ވުމުން، ރައީސްގެ މިލްކިއްޔާތުގައި މިފަދަ އެސެޓްތައް ގިނަ އަދަދަކަށް ހުރުމަކީ މާލީ ނިޒާމުގެ ހަމަޖެހުމަށް އަސަރުކޮށްފާނެ ކަމެކެވެ. މި މައްސަލައާ ގުޅިގެން އެމެރިކާގެ ވައިޓް ހައުސްއިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް