ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ އަސްކަރިއްޔާ ޒަމާނީކުރުމަށް ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި 300 ބިލިއަން ޕައުންޑް (ގާތްގަނޑަކަށް 400 ބިލިއަން ޑޮލަރު) ހަރަދުކުރައްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ މިއަދު އިއުލާނުކުރައްވައިފިއެވެ. މިއީ އިނގިރޭސިވިލާތުގެ ދިފާއީ ބާރުތައް ވަރުގަދަކުރުމަށް އެކުލަވާލާފައިވާ 10 އަހަރުގެ 'ޑިފެންސް އިންވެސްޓްމަންޓް ޕްލޭން' ގެ ދަށުން ކަނޑައަޅާފައިވާ ބަޖެޓެކެވެ.

މި ޕްލޭންގެ ދަށުން ދިފާއީ ދާއިރާއަށް އިތުރު 15 ބިލިއަން ޕައުންޑް ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އިނގިރޭސި ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މީގެ ތެރޭގައި ޑްރޯން ޓެކްނޮލޮޖީއަށް 5 ބިލިއަން ޕައުންޑް، ޖަޕާނާއި އިޓަލީއާ ގުޅިގެން އުފައްދާ ސްޓެލްތް ފައިޓަރ ޖެޓްތަކަށް 8 ބިލިއަން ޕައުންޑް، އަދި ހަތިޔާރުގެ ސްޓޮކް އިތުރުކުރުމަށް 11 ބިލިއަން ޕައުންޑް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ނިއުކްލިއަރ ހަތިޔާރު ޒަމާނީކުރުމަށް 64 ބިލިއަން ޕައުންޑް ހަރަދުކުރާނެކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ރަޝިއާ ފަދަ ގައުމުތަކުން ކުރިމަތިވެދާނެ ނުރައްކާތަކަށް ތައްޔާރުވުމުގެ ގޮތުންނާއި، ޔޫކްރެއިން ހަނގުރާމައިން ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ހަބަރުތަައް ބުނެއެވެ. އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ޑޭން ޖާވިސް ވިދާޅުވި ގޮތުގައި، އާ ޓެކްނޮލޮޖީއާއި އަމިއްލައަށް މަސައްކަތްކުރާ ނިޒާމުތަކުގެ ސަބަބުން އިނގިރޭސި ފައުޖުތަކަށް ހަނގުރާމައިގެ މައިދާނުގައި ކުރިއެރުން ލިބިގެންދާނެއެވެ.

މި ބޮޑު އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށްޓަކައި، ސަރުކާރުގެ އެހެން ބައެއް މަޝްރޫއުތައް، ހާއްސަކޮށް މަގުހެދުމާއި ހަކަތައިގެ ބައެއް މަޝްރޫއުތައް މަޑުޖައްސާލާނެ ކަމަށް ބޮޑުވަޒީރު ސްޓާމަރ ފާހަގަކުރެއްވިއެވެ. މާލީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ސަރުކާރުގެ އެހެން ދާއިރާތަކުގެ ބަޖެޓުތައް ކުޑަކޮށްގެން އަސްކަރިއްޔާއަށް ފައިސާ ހަމަޖެއްސުމަކީ ގައުމީ ބަޖެޓަށް އޭގެ އަސަރުކުރާނެ ކަމެކެވެ. ނަމަވެސް، މި އިންވެސްޓްމަންޓާއެކު އިނގިރޭސިވިލާތުގެ އަސްކަރީ ސިނާއަތް ކުރިއަރައި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން 60،000 ވަޒީފާ އުފެދިގެންދާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

ސަރުކާރުގެ މި ނިންމުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ޑިފެންސް ސްޕޯކްސްޕާސަން ޖޭމްސް ކާޓްލިޖް ވިދާޅުވި ގޮތުގައި މިއީ މާ ލަހުން ނިންމި، އަދި ފުދޭވަރަށްވުރެ ކުޑަ އަދަދެކެވެ. އަދި 2029 ވަނަ އަހަރާ ހަމައަށް ދާއިރުވެސް ދިފާއީ ހަރަދުތައް ހުންނާނީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 2.7 އިންސައްތައިގައި ކަމަށްވާއިރު، މިއީ އަސްކަރީ އިސްވެރިން އެދުނު 28 ބިލިއަން ޕައުންޑުގެ އިތުރުވުމާ އަޅައި ބަލާއިރު ކުޑަ މިންވަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.