ކަސްޓަމަރުންނަށް ފައިދާ ލިބޭ ގޮތަށް ޑޮލަރު އިންވެސްޓު ކުރުމުގެ ފުރުސަތު ​​​ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފިއެވެ.

ބީއެމްއެލުން ވަނީ ​​​ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާ ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބޭންކްގެ މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިން ތެރެއިން ތައާފުކޮށްފައެވެ.

ބީއެމްއެލުން މިއަދު ބުނީ އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެ ކަމަށާއި އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އިންވެސްޓްމެންޓްތައް ހުޅުވާލެވިފައި ވަނީ އެކި މިންވަރަށް ފައިދާ ލިބޭ ޕޫލްތަކުގެ ގޮތުގައި ކަމަށް ވާއިރު، 25 ޕަސަންޓާއާ ހަމައަށް ފައިދާ ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.

​​​މި ހިދުމަތް ތައާރަފު ކުރުމަށް ހޮޓެލް ޖެންގެ ބޯލްރޫމްގައި މިއަދު ހެނދުނު ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖެއިން ބޭރުން ހިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކޭ ޑޮލަރުގެ އަދަދު ފާއިތުވި ފަސް އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެފައިވާ ކަމަށެވެ.

އަދި ކޮންމެ މަހަކު އެވްރެޖްކޮށް 39.3 ވިއްކަމުން އަންނަ އިރު އެ ހިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ އަދަދު ދެ ގުނައަށް އިތުރުވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ކޮންމެ މަހަކު ދެލައްކަ ފަންސާސް ހާހާއި ތިން ލައްކައާ ދެމެދުގެ އަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"​​​މީގެ އެންމެ މުހިންމު ސަބަބަކީ ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑާ އީ-ކޮމާސް) އިތުރުވެގެން ދިޔުން. މިއީ ރާއްޖެއިން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާއެކު ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް. ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި، ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން، މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށްއައި ބޮޑެތި ކުރިއެރުން ތަކުގެ ސަބަބުން، ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވެ، އަގުތައް ވެސް ހެޔޮވެފައި. ދިވެހިން އަންނަނީ މިފަދަޓެކްނޮލޮޖީގެ ކުރިއެރުންތައް މެދުނުކެނޑި ބަލައިގަންނަމުންން. އަދި ބޭރުން މުދާގަތުމަށް ކުރަންޖެހޭ ހޭދަ ކުޑަވަމުން ދިއުމަކީ މި އާދަ އިތުރަށް ހަލުވިވެގެން ދިޔަ މުހިންމު ސަބަބެއް. ޝަރީފް ވިދާޅުވިއެވެ.

"ޗެޓް ވިތު ސީއީއޯ"ގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވާހަކަދައްކަވަނީ-- ފޮޓޯ: ބީއެމްއެލް

ޝަރީފް ވިދާޅުވީ މި ކުރިއެރުމަކީ ރާއްޖޭގެ އިގުތިސޯދަށާއި ޑިޖިޓަލް ބޭންކިން އަދި މާލީ ހިދުމަތްތަކުގެ ދާއިރާއަށް އައި ބޮޑެތި ކުރިއެރުންތައް ހާމަކޮށްދޭ ކަމެއް ކަމަށާއި މިއާއެކު ގިނަ ފަރާތްތަކުގެ ތަނަވަސްކަން އިތުރުވުމާ އެކު ދުނިޔޭގެ ޑިޖިޓަލް ބާޒާރުގައި ހަރަކާތްތެރިކަމާ އެކު ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ފަހިވެފައިވާ ކަމަށެވެ.

ކާޑުގެ ވިޔަފާރި އަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ކާޑުގެ މުއާމަލާތްތައް އިތުރުވެގެން ދިޔުމަކީ ބޭންކުގެ ފައިދާ އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް މި މުއާމަލާތްތަކަށް ބޭންކަށް ޑޮލަރު ވިއްކޭނީ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީ އިންނާއި ބޭންކަށް ޑޮލަރު ގަނެވޭ މިންވަރަކުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ވޭތުވެދިޔަ 36 މަސް ދުވަހުގެ ތެރޭގައި ބޭންކުން މިވަނީ ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރު އާންމު ފަރުދުންގެ ބޭނުން ތަކަށާއި ކާޑުގެ މުއަމަލާތްތަކަށް ވިއްކާފައި. މީގެ ތެރެއިން ގާތްގަޑަކަށް 60 ޕަސަންޓު ވިއްކިފައި ވަނީ ކާޑުގެ މުއަމަލާތްތަކަށް. މިއަދަދު މަހުން މަހަށް މިދަނީ އިތުރުވަމުން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެ އަދަދަށް ޑޮލަރު ވިއްކުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި ބޭންކަށް ގަންނަން ލިބޭ ޑޮލަރު ވެސް މަދު ކަމަށެވެ.

"އެހެންކަމުން ވަރަށްވެސް މުހިންމު ބޭނުމަކަށް އަމާޒުކޮށް ޑޮލަރުން އިންވެސްޓް ކުރާ ފަރާތްތަކަށާއި ކާޑުގެ ހިދުމަތް ބޭނުން ފަރާތްތަކަށާއި އަދި ބޭންކަށް ވެސް ފައިދާ ހުރި ނިޒާމެއް އަޅުގަނޑުމެން މި ގާއިމް ކުރީ. ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިފަދަ ރަނގަޅު ފައިދާއެއް ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގައި އިންވެސްޓް ކުރުމުން" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުއާމަލާތް ތަކާއި ފީނަގާ އެހެން ބައެއް މުއާމަލާތްތަކުގައި އިންވެސްޓް ކުރުމަށްފަހު އެ މުއާމަލާތްތަކުން ލިބޭ ފީ އެ މުއާމަލާތް ހިންގުމުގެ ހަރަދު ކެނޑުމަށްފަހު އިންވެސްޓް ކުރާ ފަރާތަށް ދޭނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެފް.އެކްސް އިންވެސްޓްމަންޓް ހިދުމަތް ބޭނުން ކުރާނެ ގޮތުގެ ޑެމޯއެއްވެސް ދައްކާލައިފައެވެ.