ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްދާކަން ކަށަވަރުކުރުމަށާއި، ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަސައްކަތްތައް ނިންމުމަށްޓަކައި ކޮންމެ ވުޒާރާއެއްގައި ހާއްސަ "ކޯޑިނޭޝަން ޔުނިޓު" ތަކެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެގޮތަށް ނިންމީ، މަޝްރޫއުތަކުގެ ދުވެލި ދުވަހުން ދުވަހަށް މޮނިޓާކޮށް، ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ. ރައީސް އޮފީހުން ބުނީ ކެބިނެޓުގެ އެ ނިންމުމާއެކު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

މަޝްރޫއުތަކުގެ މައުލޫމާތުތައް ދެފުށް ފެންނަ ގޮތަކަށް ބެލެހެއްޓުމަށްޓަކައި، "ދުވެލި" ޕޯޓަލް އާއި ފިނޭންސް މިނިސްޓްރީގެ "ޕީއައިއެމްއެސް" ސިސްޓަމް މި ހަފުތާގެ ނިޔަލަށް އެއްކޮށް އަދާހަމަކުރަން އަންގާފައިވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، މަޝްރޫއުތައް ހިންގުމުގައި މިނިސްޓްރީތަކާއި ކުންފުނިތަކަށް ކުރިމަތިވާ މާލީ އަދި އިދާރީ މައްސަލަތައް ހައްލުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީގައި ހާއްސަ އެކްސްޕާޓް ޓީމެއް ގާއިމުކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއަދުގެ ނިންމުންތަކުގެ ތެރޭގައި ހައުސިން މިނިސްޓްރީގެ މަޝްރޫއުތަކަށް ހާއްސަ އިސްކަމެއް ދީގެން، ކުންފުނިތަކާއެކު ގާތުން މަސައްކަތް ކުރުމަށް ވަނީ ނިންމާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރައްޔިތުންނާ ގުޅިފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ އާރްޓީއެލް ފެރީގެ ނިޒާމު، ޖެނުއަރީ 2027 ގެ ކުރިން މުޅި ރާއްޖެއަށް ފުޅާކޮށް ނިންމުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ބާރުދުވެލީގައި ކުރިއަށް ގެންދިއުމަށްވެސް ކެބިނެޓުން ވަނީ އިގުރާރުވެފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކެމިކަލް ގުދަން ކުރުމުގެ އުސޫލަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައި ކަމަށާއި، އެގޮތުން ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގައިވެސް ކެމިކަލް ގުދަން ކުރަން ހުއްދަ ދެވޭނީ، މީހުން ދިރިއުޅޭ ސަރަހައްދުތަކާ އެކަށީގެންވާ ދުރުމިނެއްގައި ހުންނަ ރައްކާތެރި ބިންތަކުގައިކަމަށް ވަޒީރުންގެ މަޖިލީހުންވަނީ ނިންމާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.