ކަރަންޓާ ނުލައި، ހަމައެކަނި އިރުގެ އަލި ބޭނުންކޮށްގެން ލޮނުފެނުން މީރުފެން އުފައްދާ އާ ޓެކްނޮލޮޖީއެއް ޗައިނާގެ ސައިންސްވެރިން އީޖާދުކޮށްފިއެވެ. މިއީ ދުނިޔެއަށް ކުރިމަތިވެފައިވާ ސާފު ބޯފެނުގެ ތަދުމަޑުކަމަށް ހެޔޮ އަގެއްގައި ލިބިގެންދާނެ ބޮޑު ހައްލެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ޗައިނީޒް އެކެޑަމީ އޮފް ސައިންސަސްގެ އިންސްޓިޓިއުޓް އޮފް ޕްރޮސެސް އިންޖިނިއަރިންގް އާއި ޝެންޒެން ޔުނިވާސިޓީ ގުޅިގެން އުފެއްދި މި ޓެކްނޮލޮޖީގެ މައުލޫމާތު ހާމަކޮށްފައިވަނީ 'އެޑްވާންސްޑް މެޓީރިއަލްސް' ޖާނަލްގައެވެ.

މިއީ ނެނޯޕާޓިކަލްސް ހިމެނޭ ތްރީ-ޑައިމެންޝަނަލް ފޮޓޯތާމަލް މެޓީރިއަލްއެއް ބޭނުންކޮށްގެން، ކަރަންޓުގެ އެއްވެސް ހަރަދަކާ ނުލައި ފެން މީރުކުރާ ނިޒާމެކެވެ. ޗައިނާގައި ކުރިއަށްގެންދިޔަ މި ނިޒާމުގެ ޓެސްޓުތަކުގައި، ބޭރުގައި ބެހެއްޓި ޕްރޮޓޯޓައިޕެއް މެދުވެރިކޮށް 5 އަކަމީޓަރުގެ ދަނޑުބިމަކަށް ބޭނުންވާ ފެން ވަނީ ކާމިޔާބުކަމާއެކު ފޯރުކޮށްދީފައެވެ.

މި އާ އީޖާދުގެ ސަބަބުން އިރުގެ ހަކަތަ ބޭނުންކުރާ މިންވަރު 90.2 އިންސައްތައަށް އިތުރުކޮށްދޭއިރު، ފެން އާތްވަށް ހަދަން ބޭނުންވާ ހަކަތަ 45.7 އިންސައްތަ ކުޑަކޮށްދެއެވެ. ދިރާސާ ޓީމުން ބުނި ގޮތުގައި، މި ނިޒާމު ދެ އަހަރު ވާންދެން ބޭނުންކުރުމުން، ފެން އުފައްދަން ހިނގާ ހަރަދު ފުޅީގައި ބަންދުކުރި ފެނަށްވުރެ ކުޑަވާނެއެވެ. އަދި “މި ނިޒާމު ފުޅާ ދާއިރާއެއްގައި ނުވަތަ ދިގު މުއްދަތަކަށް ބޭނުންކުރަން ފަށައިފިނަމަ، އިގުތިސޯދީ ގޮތުން ލިބޭ ފައިދާ އިތުރަށް ބޮޑުވާނެ” ކަމަށްވެސް އެ ޓީމުން ބުނެފައިވެއެވެ.

ފެނުގެ ޓެކްނޮލޮޖީގެ މިނިވަން ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އާންމުކޮށް ލޮނުފެން މީރުކުރުމަކީ ކަރަންޓާއި ބޮޑެތި ވަސީލަތްތައް ބޭނުންވާ، ހަރަދު ބޮޑު ކަމެކެވެ. އެހެންކަމުން، ކަރަންޓާ ނުލައި މަސައްކަތްކުރާ މި ނިޒާމަކީ ފަގީރު ގައުމުތަކަށާއި ކަރަންޓު ނުލިބޭ ހިސާބުތަކަށް ވަރަށް މުހިންމު އީޖާދެކެވެ.

މިހާރު ތައްޔާރުކޮށްފައިވާ ޕްރޮޓޯޓައިޕުން ހަމައެކަނި އިރުގެ އަލި ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް 20 ލީޓަރުގެ މީރުފެން އުފައްދައެވެ. ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ، ޝިންހުއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ގާތްގަނޑަކަށް 10 މީހުންނަށް ދުވާލަކު ބޭނުންވާނެ ފެނުގެ މިންވަރެވެ.