(22 ޖޫންގެ އަދަދާ ގުޅޭ)

އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ވަނީ قـــــريـش ންގެ އިޢުތިރާޟުތަކަށް ވަރަށް ފުރިހަމަޔަށް ޖަވާބު ދެއްވައިފައެވެ. ބައެއްފަހަރު އެއުރެންގެ އިޢުތިރާޟުތައް ބަޔާންކުރެއްވުމާ އެކުގައެވެ. ބައެއްފަހަރު قـــــريـش ންގެ ވާހިޔާތުތަކަށް ޙަވާލާ ދެއްވުމެއް ނެތިއެވެ.

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ތަނަކަށް ފައިންޕުޅު ބީއްސަވާއިރު ވަރަށްގިނަފަހަރަށް އެމާތް ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހުގައި މިތުރު ޞަޙާބީން ތިއްބަވައެވެ. އެބޭކަލުންގެ ތެރޭގައި ގިނައިން ތިއްބަވަނީ މައްކާގައި ހައިސިއްޔަތެއް ލިބިވަޑައިގެންފައިނުވާ ބަލިކަށިފުޅު ބޭކަލުންނެވެ. މުޝްރިކުންގެ ފަރާތުން އަނިޔާ ލިބިވަޑައިގަންނަވަމުންދާ ބޭކަލުންނެވެ. قـــــريـش ންނަށް އެފަދަ މަންޒަރުތައް ފެނުމުން ވަރަށް މަލާމާތް ކުރެއެވެ. ފުރައްސާރަ ކުރެއެވެ. އެބައިމީހުން ބުނެއުޅެއެވެ.

"އަހަރެމެންގެ ތެރެއިން اللّــــه ނިޢުމަތް ދެއްވައިފައިވާ ބަޔަކީ މިބައިމީހުން ހެއްޔެވެ؟" (الأنــعـــام: 53)

މާތް اللّــــه، قـــــريـش ންގެ މިފަދަ ފުރައްސާރަތަކުގެ ޖަވާބުގައި ވަޙީކުރައްވައިފައިވެއެވެ.

"ޝުކުރުވެރިވާ މީހުން އެންމެބޮޑަށް ދެނެވޮޑިގެންވަނީ اللّــــه ކަމުގައި ނުވޭހެއްޔެވެ؟" (الأنــعـــام: 53)

މިފަދަ މުޝްރިކުންނަކީ އަރަހުށި މާތް اللّــــه މިދަންނަވާ ޢިބާރާތުން ސިފަކޮށްދެއްވައިފައިވާ މީހުންނެވެ.

"ހަމަކަށަވަރުން، ކުށްވެރި، ފާފަވެރީން (ދުނިޔޭގައި) އީމާންވި މީހުންނާ ދިމާޔަށް (މަލާމާތުގެ ގޮތުން) ހީނއުޅޭ ކަމުގައިވޫއެވެ. އަދި އެއުރެން އެ މުއުމިނުންގެ ކައިރީންދާހިނދު، ލޮލުގެ އިޝާރަތުން ފުރައްސާރަ ކުރެތެވެ. އަދި އެއުރެންގެ އަހްލުވެރީންގެ ގާތަށް އެނބުރިދާހިނދު، ހީނސަމާސާ ކުރަމުންދެއެވެ. އަދި އެއުރެން މުއުމިނުން ދެކޭހިނދު ބުނެތެވެ. ހަމަކަށަވަރުން މިބައިމީހުންނީ، މަގު ގެއްލިފައިވާ ބަޔަކުކަން ކަށަވަރެވެ. އަދި މުއުމިނުންގެ މައްޗަށް ރައްކައުތެރިވެ، ބަލަހައްޓާ ބަޔަކު ކަމުގައި އެ ކާފިރުން ފޮނުއްވައިފައެއް ނުވެއެވެ." (اَلْـمُـطَــفِّـــفِــيــن: 29-32)

قـــــريـش ން ރަޙްމަތުގެ ތަޙްރީކާ ކުރިމަތިލާ އެއްގޮތަކީ ކީރިތި قــــــرآن ގެ ބަދަލުގައި ފުލޯކު ވާހަކަތައް މީސްތަކުންނަށް ކިޔައިދިނުމެވެ. ކީރިތި قــــــرآن ގެ ހައިސިއްޔަތު މީސްތަކުންނަށް އޮޅުވައިލުމަށްޓަކައެވެ. މިފަދަ އެއް މިސާލަކީ نَـضْــــرُ بـــن الحـَـــارِثُ ގެ މަސައްކަތެވެ. އޭނާ އެއްފަހަރަކު قـــــريـش ންނާ މުޚާޠަބުކޮށް ވާހަކަ ދައްކަމުން ބުންޏެވެ.

"އޭ قـــــريـش ވަންހައިގެ މީހުންނޭވެ! ތިޔަބައިމީހުންނާ ކުރިމަތިވެފައި މިވަނީ ވަރަށްބޮޑު މުޞީބަތެކެވެ. ތިޔަބައިމީހުންނަކަށް އެކަމުގެ ކަމާދާކަހަލަ ރައްދެއް މިހައިތަނަކަށް ދެވިފައެއްނެތެވެ. محــمّــــد ގެފާނު (صــلّـــــى اللّــــه عــلـيــــه وســلّـــــم) ތުއްޕުޅުއިރުއްސުރެ އުޅުއްވައި ބޮޑުފުޅުވެފައިވަނީ ތިޔަބައިމީހުންގެ ތެރޭގައެވެ. ތިޔަބައިމީހުން އެންމެރުހޭ އެންމެ ތެދުވެރި އެންމެ އަމާނާތްތެރިޔަކީ އެކަލޭގެފާނު ކަމުގައި ވެވަޑައިގެން ހުންނަވައެވެ. މިހާރު އެކަލޭގެފާނުގެ ދެކަންހުޅިފުޅުމަތީން ނުރަފުޅުތައް ދައްކައިލައިފިއެވެ. (ދެވަންފުރަޔަށް އަރައިވަޑައިގެންފިއެވެ.) އެކަލޭގެފާނު އެގެންނަވައިގެން އުޅުއްވާ ވާހަކަފުޅެއް ގެންނަވައިގެން އުޅުއްވާން ފެއްޓެވީ މިހާރުއެވެ. ތިޔަބައިމީހުން މިހާރު ތިޔަ ބުނެއުޅެނީ އެކަލޭގެފާނަކީ ސިހުރުވެރިޔެއް ކަމުގައެވެ. ކަލާކޮށްޓަކައި ބުނަމެވެ. އެކަލޭގެފާނަކީ ސިހުރުވެރިޔެއް ނޫނެވެ. އަހަރެމެންނަށްވަނީ ސިހުރުވެރީން ފެނިފައެވެ. އެބައިމީހުންގެ ކިޔަވައިފައި ފުމުމާއި ގޮށްޖެހުންވެސް ފެނިފައެވެ. ދެން ތިޔަބައިމީހުން ތިޔަ ބުނެއުޅެނީ އެކަލޭގެފާނަކީ ކާހިނަކު ކަމުގައެވެ. ނޫނެކެވެ. ކަލާނގެ ރަސްކަންފުޅަށްޓަކައި ބުނަމެވެ. އެކަލޭގެފާނަކީ ކާހިނެއް ނޫނެވެ. އަހަރެމެންނަށްވަނީ ކަހީނުކަމާއި ކާހިނުންވެސް ފެނިފައެވެ. އެމީހުންގެ ވާހަކަ ދެއްކުން ހުންނަގޮތާއި ކާފިޔާ ހަމަކުރާ ގޮތްތައްވެސް ވަނީ ފެނިފައެވެ. ދެން ތިޔަބައިމީހުން ތިޔަ ބުނަނީ އެކަލޭގެފާނަކީ ޝާޢިރެއް ކަމުގައެވެ. އަހަރެމެންނަކީ ޅެމާއި ޅެންވެރީންވެސް ފެނިފައިތިބި ބަޔެކެވެ. އަހަރެމެން ޅެމުގެ ވައްތަރުތައްވެސް ދަންނަމުއެވެ. އެކަލޭގެފާނަކީ ޝާޢިރެއް ނޫނެވެ. ދެން ތިޔަބައިމީހުން ތިޔަ ބުނަނީ އެކަލޭގެފާނަކީ މޮޔަފުޅުވެފައި ހުންނެވި ބޭކަލަކު ކަމުގައެވެ. އަހަރެމެންނަށްވަނީ މޮޔައިންގެ މޮޔަފަރިކަމުގެ ވައްތަރުތަކާއި އެބައިމީހުންގެ ހޭޑިފޭޑި ހުންނަ ގޮތްވެސް ތަޖުރިބާ ކުރެވިފައެވެ. އެކަލޭގެފާނަކީ މޮޔައެއް ނޫނެވެ. އެކަލޭގެފާނުގެ ކިބައިގައި އެފަދަ ކަމެއް ނެތެވެ. قـــــريـش ވަންހައިގެ މީހުންނޭވެ! ތިޔަބައިމީހުން ވިސްނާށެވެ. މާތްކަލާނގެ ރަސްކަންފުޅު ގަންދެމެވެ. ތިޔަބައިމީހުން ކުރިމަތިވެފައި މިވަނީ ވަރަށް އާދަޔާ ޚިލާފު އުނދަގޫ މައްސަލައެކެވެ."

نَـضْــــرُ بـــن الحـَـــارِثُ އެވާހަކަތައް ދައްކައިފައި ދިޔައީ ޙީރަތަށެވެ. އެރަށަށްގޮސް ފާރިސީ ރަސްރަސްކަލުންގެ ވާހަކަތަކާއި ރުސްތުމާއި އިސްފަންދުޔާރުގެ ފުލޯކު ގިއްސާތައް އުނގެނި ދަސްކުރިއެވެ. އޭނާ އެނބުރި މައްކާއަށް އައިސް ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ފަހަތްޕުޅުން އޮޑާލިއެވެ. އަޅައިގަނެގެން އުޅޭން ފަށައިފިއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ބަޔަކާ ދީނުގެ ވާހަކަފުޅު ދައްކަވައި އަރަހުށި މާތް اللّــــه ގެ ރަސްކަންފުޅަށް ބިރުވެތިކުރުއްވާން ވާހަކަފުޅު ދައްކަވާނަމަ އެކަލޭގެ އެތަނަކަށްގޮސް އިށީނދެއެވެ. އޭނާ ޙީރަތުން ދަސްކުރި ވާހަކަތައް ކިޔައިދޭން ފަށައެވެ. އޭނާ ބުނެއެވެ. "ކަލާނގެތައް ގަންދެމެވެ. محــمّــــد ގެ (صــلّـــــى اللّــــه عــلـيــــه وســلّـــــم) ވާހަކަތަކަށްވުރެ އަހަރެންގެ ވާހަކަ ވަކި ދެރައެއް ނުވާނެއެވެ."

إبـــن عــبّـــاس رضــــى اللّــــه عـــنــــه ގެ އަރިހުން ރިވާވެފައިވާގޮތުގައި نَـضْــــرُ بـــن الحـَـــارِثُ އަޅުއަންހެންކުދީންތަކެއްވެސް ގަތެވެ. މީހަކު ރަޙްމަތުގެ ތަޙްރީކަށް ހިތްލެނބި، ޝައުޤުވެރިވާ ޚަބަރު ލިބިއްޖެކަމުގައިވާނަމަ نَـضْــــرُ އެއިންކުއްޖަކާ އެމީހަކާ ޖާމިނުކުރުވައެވެ. އެކުއްޖަކު އެމީހަކަށް ކާންބޯންދީ ލަވަކިޔައިދީ ހަދައެވެ. ރަޙްމަތު ދީނުގެ ތަޙްރީކު އެމީހެއްގެ ހިތުން ފިލައްޖައުމަށްދާންދެނެވެ. (الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ)

ތިރީގައި އެ އާޔަތެއްގެ މާނަ މިބަޔާންކުރާ މާތް އާޔަތް ބާވައިލެއްވީ نَـضْــــرُ بـــن الحـَـــارِثُ ގެ މަސައްކަތާ ގުޅިގެންނެވެ.

"ނުދަނެތިބެ اللّــــه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަމީހުންވެސް، މީސްތަކުންގެ ތެރެއިންވެއެވެ. އިހާނެތިކަންދެނިވި ޢަޒާބު އެއުރެންނަށް ހުށްޓެވެ." (لــقـمــان: 6)

ދޫކޮށްފައި ހިފުން

ގަނެވިއްކުމުގެ އުސޫލުން ރަޙްމަތުގެ ދީނުގެ ތަޙްރީކާއި ޖާހިލިއްޔަތާ އެއްކޮށްލައިގެން އެދެމެދުގެ ގޮތެއް ހޯދާންވެސް قـــــريـش ން މަސައްކަތްކުރިއެވެ. މުޝްރިކުން ބައެއްކަންތައް ދޫކޮށްލުމުން ނުވަތަ ޤަބޫލުކޮށްލުމުން އެކަހަލަ ގޮތަކަށް ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވެސް ޢަމަލުކުރައްވާނެ ކަމަށެވެ.

"ކަލޭގެފާނު އެއުރެންނަށް ދުލެއް ދެއްވާނެނަމަ ކޮންފަދަހޭހިތައި، އެކަމަށް އެއުރެން އެދުނޫއެވެ. އެއީ އެއުރެންވެސް ކަލޭގެފާނަށް ދުލެއް ދިނުމަށްޓަކައެވެ." (الـــقـــلـــم: 9)

إبـــن جــــريــــر އާއި طـبـــــرانــــى ގެ ރިވާޔެއްގައިވެއެވެ. މުޝްރިކުން ރަޙްމަތުގެ ނަބިއްޔާގެ އަރިހަށް ހުށަހެޅިއެވެ. "އަޅުގަނޑުމެން އަޅުކަންކޮށްއުޅޭ ފަރާތަށް ކަލޭގެފާނުވެސް އެއްއަހަރު އަޅުކަން ކުރައްވާށެވެ. އޭރުން އަޅުގަނޑުމެންވެސް ކަލޭގެފާނުގެ ކަލާނގެއަށް އެއްއަހަރު އަޅުކަންކުރާނީއެވެ." عَــبْــدُ بـــن حُـمَــيْــدُ ގެ އަރިހުން ރިވާވެފައިވެއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހުގައި قـــــريـش ން ދެންނެވިއެވެ. "ކަލޭގެފާނުވެސް އަޅުގަނޑުމެންގެ ކަލާނގެއަށް އަޅުކަން ކުރައްވާށެވެ. އަޅުގަނޑުމެންވެސް ކަލޭގެފާނުގެ ކަލާނގެއަށް އަޅުކަން ކުރާނީއެވެ."

إبـــن إسحـــاق ބަޔާންކުރައްވައިފައިވެއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެއްދުވަހަކު كــعـــبـــة ގައި ޠަވާފުކުރައްވާން ހުންނަވަނިކޮށް قـــــريـش ންގެ ބޮޑުންގެ ބަޔަކު އަތުވެއްޖެއެވެ. އޭގެތެރޭގައި أســــود بــــن مـطّــلــب بــــن أســــود بــــن عــبـد الـــغـــــزّى އާއި ولــيــد بـــن المــغــــيـــرة އާއި أمَــيّـــــة بـــن خَــلَـفُ އާއި عــاص بــــن وائـــل السّــهــمــى އާ މިމީސްމީހުން ހިމެނެއެވެ. އެ އެންމެންނަކީވެސް އެބައިމީހުންގެ ޤައުމުގެ ބޮޑެތި ފުރަދާނައިންނެވެ. އެބައިމީހުން ދެންނެވިއެވެ.

"އޭ محــمّــــد އެވެ! (صــلّـــــى اللّــــه عــلـيــــه وســلّـــــم) ކަލޭގެފާނު އަޅުކަންކުރާ ފަރާތަށް އަޅުގަނޑުމެންވެސް އަޅުކަން ކުރާނީއެވެ. ކަލޭގެފާނުވެސް އަޅުގަނޑުމެން އަޅުކަންކުރާ ފަރާތަށް އަޅުކަން ކުރައްވާނީއެވެ. އޭރުން މިދެބައިމީހުންނަށް އެއްކަމެއްގައި ބައިވެރިވެވުނީއެވެ. ކަލޭގެފާނު އަޅުކަންކުރައްވާ ފަރާތް އަޅުގަނޑުމެން އަޅުކަންކުރާ ފަރާތްތަކަށްވުރެ މަތިވެރިކަމުގައިވާނަމަ އަޅުގަނޑުމެންނަށްވެސް އަޅުގަނޑުމެންގެ ޙިއްޞާވާނީ ލިބިފައެވެ. ކަލޭގެފާނު އަޅުކަންކުރައްވާ ފަރާތަށްވުރެ އަޅުގަނޑުމެން އަޅުކަންކުރާ ފަރާތް މޮޅުކަމުގައިވާނަމަ ކަލޭގެފާނަށްވެސްވާނީ ކަލޭގެފާނުގެ ޙިއްޞާ ލިބިވަޑައިގެންފައެވެ." އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى كــافـــــرون ســـــورة ބާވައިލެއްވީ މިކަމާ ވިދިގެންނެވެ. (الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ)

كــافـــــرون ســـــورة ގެ މާނަ ތިރީގައި މިދަންނަވަނީއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! އޭ ކާފިރުންނޭވެ! ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ. އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ޙައްޤުވަންތަ اللّــــه އަށް އަޅުކަންކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވެސް ނުވަމުއެވެ. އަދި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ޙައްޤުވަންތަ اللّــــه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ. ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ." (الـكــافـــــرون: 1-6)

މި ސޫރަތް ބާވައިލެއްވުމުން قـــــريـش ންގެ މިބާވަތުގެ ދެކޮޅުނުޖެހޭ ހެއްވާ ހުށަހެޅުންތަކުގެ ސިލްސިލާ މެދުކެނޑިއްޖެއެވެ. މި ހާދިސާގެ ވާހަކައިގެ ރިވާޔަތްތަކުގައި ޚިލާފު ހުންނަނީ قـــــريـش ން މިބާވަތުގެ ސޭވާ ހުށަހެޅުންތައް އެތައްފަހަރަކު ހުށަހަޅައިފައިވާތީ ކަމުގައި ވެދާނެއެވެ.

ޙައްޖުވެރީންނާ ގުޅުން އުފެއްދެވިޔަ ނުދިނުން

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ރަޙްމަތުގެ ތަޙުރީކަށް ފާޅުގައި ދަޢުވަތު ދެއްވާން ފެށްޓެވިތާނ މާކަގިނަ ދުވަސްތަކެއް ނުވަނީސް ޙައްޖުމޫސުމެއް އަތުވެއްޖެއެވެ. ޢަރަބި ބައްރުގެ ކަންކޮޅުތަކުން ޙައްޖު މިޝަންތައް މައްކާއަށް އަންނާންފަށާ ދުވަސްޖެހިއްޖެއެވެ. قـــــريـش ންނަށް އެކަން އެނގެއެވެ. އެހެންކަމުން قـــــريـش ން މަޝްވަރާ މަޖިލީހެއް ބޭއްވިއެވެ. ރަޙްމަތުގެ ނަބިއްޔާގެ މުހިންމަތުގެ އަސަރު ޢަރަބި ޤަބީލާތަކުގެ މީހުންގެ ހިތްތަކަށް ފޯރިޔަނުދޭނެގޮތެއް ހޯދާށެވެ. އެބައްދަލުވުން ބޭއްވީ ولــيــد بـــن المــغــــيـــرة ގެ ގޭގައެވެ. އޭނާ ބުންޏެވެ.

"އޭ قـــــريـش ވަންހައިގެ މީހުންނޭވެ! މިކަމުގައި ތިޔަބައިމީހުން އެންމެން އެކައްޗެއް ކިޔާށެވެ. ތަފާތު ރައުޔުތައް ނުނެރޭށެވެ. ތިޔަބައިމީހުންގެ ތެރެއިން އެކަކު ވަކިގޮތަކަށް ބުނުމުން އަނެކަކު އެޚިޔާލާ ދެކޮޅުހަދާން ފަށައިފިކަމުގައިވާނަމަ ތިޔަބައިމީހުންގެ ވާހަކަތަކުގައި އެއްވެސްކަހަލަ ބުރަދަނެއް ހަރުދަނާކަމެއް ނުހުންނާނެއެވެ." قـــــريـش ން ބުންޏެވެ. "ކަލޭގެފާނު ގޮތެއް ވިދާޅުވާށެވެ." ولــيــد ބުންޏެވެ. "ނޫނެކެވެ. ތިޔަބައިމީހުން ގޮތްތައް ކިޔަމުން ގެންދާށެވެ. އަހަރެން އަޑުއަހަމުން ގެންދާނަމެވެ." އެއްބަޔަކު ބުނެފިއެވެ. "އަޅުގަނޑުމެން ބުނާނީ އެކަލޭގެފާނަކީ ކާހިނެއް ކަމުގައެވެ." ولــيــد ޖަވާބުދިނެވެ. "ނޫނެކެވެ. ކަލާކޮށްޓަކައި ބުނަމެވެ. އެކަލޭގެފާނަކީ ކާހިނެއް ނޫނެވެ. އެކަލޭގެފާނު ވާހަކަފުޅު ދައްކަވަނީ ކާހިނުން ވާހަކަދައްކައި އުޅޭގޮތަކަށެއް ނޫނެވެ. ކާހިނުން ވާހަކަދައްކައި އުޅެނީ މީހުން ހަމައަޑުނުވީއްލައި މަޑުމަޑުން ޅެންކިޔާ ގޮތަށެވެ. ކާހިނުން ވާހަކަދައްކައި އުޅެނީ ކާފިޔާ ހަމަކޮށްގެންނެވެ. ވަޒަނަށް ފައްތައިގެންނެވެ."

ولــيــد އެޖަވާބު ދިނުމުން قـــــريـش ވަންހައިގެ މީހުން ބުންޏެވެ. "އެހެންވީއިރު އަޅުގަނޑުމެން ވާހަކަ ދައްކާނީ އެކަލޭގެފާނަކީ މޮޔައަކު ކަމުގައެވެ." ولــيــد ބުންޏެވެ. "އެކަލޭގެފާނަކީ މޮޔައެއްވެސް ނޫނެވެ. އަހަރެމެންނަށްވަނީ މޮޔައިންނާއި މޮޔައިންގެ ކަންތައް ހުންނަގޮތް ފެނި ތަޖްރިބާ ކުރެވިފައެވެ. އެކަލޭގެފާނުގެ ގައިކޮޅުގައި މޮޔަފަރިކަމެއް ނުހުރެއެވެ. މޮޔައިން ފަދައިން އެކަލޭގެފާނުގެ ނޭވާފުޅު ނުލެއްވި ހާސްފުޅުވާގޮތެއް ނުވެއެވެ. ދެކޮޅުނުޖެހޭ ޙަރަކާތްތަކެއް ނުކުރައްވައެވެ. ތަނަކުންތަނަކު ނުޖެހޭ ހާލިބާލި ވާހަކަފުޅެއް ނުދައްކަވައެވެ."

قـــــريـش ން ބުންޏެވެ. "އެހެންވީއިރު އަޅުގަނޑުމެން ވާހަކަ ދައްކާނީ އެކަލޭގެފާނަކީ ޝާޢިރަކު ކަމުގައެވެ." ولــيــد ބުންޏެވެ. "އެކަލޭގެފާނަކީ ޝާޢިރެއްވެސް ނޫނެވެ. އަހަރެމެން ޅެމުގެ ވައްތަރުތައް ދަންނަމުއެވެ. ޣަޒަލެވެ. ވަޞްފެވެ. މަދަޙައެވެ. ރަޘާއެވެ. ހިޖާއެވެ. ޙިކުމަތެވެ. އިޢުތިރާޟެވެ. ފަޚުރެވެ. އަދިވެސް ......"

قـــــريـش ން ބުންޏެވެ. "އަޅުގަނޑުމެން ބުނާނީ އެކަލޭގެފާނަކީ ސިޙުރުވެރިޔެކޭއެވެ." ولــيــد ޖަވާބު ދިނެވެ. "އެކަލޭގެފާނަކީ ސިޙުރު ވެރިޔެއްވެސް ނޫނެވެ. އަހަރެމެންވަނީ ސިޙުރުވެރީންނާއި ސިޙުރުގެ ވައްތަރުތައްވެސް ތަޖުރިބާކޮށްފައެވެ. ސިޙުރުވެރީން ފަދަޔަކުން އެކަލޭގެފާނު އެއްޗެހި މަތުރުއްވައި ސިމިސިމިލައްވައި ގޮށްޖައްސަވައެއްވެސް ނުއުޅުއްވައެވެ."

މީހުންތައް ބުނެފިއެވެ. "ތިޔަހެންވީއިރު ދެން އަޅުގަނޑުމެން ކިޔާނީ ކީކޭތޯއެވެ؟ ولــيــد ބުންޏެވެ. "ކަލާނގެތައް ގަންދެމެވެ. އެކަލޭގެފާނުގެ ވާހަކަފުޅު ވަރަށް ފޮންޏެވެ. އެވާހަކަފުޅުގެ މޫތައް ހުންނަނީ ބިމަށް ވަރުގަދަޔަކަށް ދުވެފައެވެ. ފިސާރިޔަކަށް ބިމުގައި ހަރުލައިފައެވެ. އެވާހަކަފުޅުގެ ގޮފިތައްވަނީ އުޑާހަމަޔަށް މައްޗަށް ހެދިފައެވެ. މާއަޅައި މޭވާގެންފައެވެ. ޝައްކެއްނެތެވެ. ތިޔަބައިމީހުން ތިޔަދެއްކި ހުރިހައި ވާހަކަތަކަކީވެސް އަހަރެންގެ ނަޒަރުގައި ހައްތާވެސް ބާޠިލު ވާހަކަތަކެވެ. ޝައްކެއްނެތެވެ. އެކަލޭގާފާނާ ބެހޭގޮތުން އެންމެ މުނާސަބު ބުނުމަކަށްވާނީ ޖާދޫގަރެކޭ ބުނުމެވެ. އެކަލޭގެފާނު ހުށަހަޅުއްވާ ކަލާމްފުޅަކީ ޖާދޫއެކެވެ. އޭގެސަބަބުން ބައްޕަޔާއި ދަރިފުޅު ވަކިވެއެވެ. ދެމަފިރިން ވަރިވެއެވެ. ޢާއިލާތައް ރޫޅި ބައިބައިވެއެވެ." އެންމެންވެސް އެވާހަކަޔާ އެއްބަސްވެގެން ބައްދަލުވުން ނިންމައިލައިފިއެވެ.

(ނުނިމޭ)