ގޯތި ގެދޮރު އެޅުމަށް އިކުއިޓީ ފައިނޭންސް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައ މިއަދު ނޫސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އިކުއިޓީ ފައިނޭސް ދިނުމުން ގޯތީގެ އިމާރާތް އެޅުމަށް "ބޭންކަށް ވަދެވޭނެ" ކަމަށެވެ.

ރައީސް ވިދާޅުވީ ހައުސިން މަޝްރޫއުތައް އެޅުމަށް އެކިއެކި ފައިނޭސްސިން މޮޑިއުލްތައް މިހާރު ތައާރަފުކޮށްފައިވާ ކަމަށެވެ.

އަދި ގޯއްޗާއި ފްލެޓުތަކަށް ބޭންކުގެ ތެރެއިން މިދިޔަ އަހަރު ވެސް އެފޯޑަބަލް ހައުސިން ލޯނުގެ ތެރެއިން ވަރަށް ގިނަ ލޯނު ދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިސާލަކަށް އަޅުގަނޑުމެން މަސައްކަތް އެބަކުރަން ފަންޑު އިތުރަށް ބޮޑުކޮށްފައި އަދި މިއަހަރު ތެރެއިން އޮތް ފަންޑުން އަޅުގަނޑުމެން މަސައްކަތް ކުރާނަން އިކުއިޓީ ފައިނޭންސިން ދޭ ގޮތަށް. އިކުއިޓީ ފައިނޭސް ދިނީމަ ބޭންކަށް ވަދެވޭނެ ގޯތީގެ އިމާރާތް އެޅުމަށްޓަކައި. މިއީ ވަރަށް ގިނަ ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމެއް. ގިނަ ރައްޔިތުންނަށް ބޭންކަށް ވަދެވޭ ވަރަށް ފައިނޭންސް ހަމަޖައްސައިދެވިއްޖެ ނަމަ ދެން ވަރަށް ފަސޭހަވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 13 ރަށެއްގައި ހައުސިން މަޝްރޫއުތައް ހިންގަން މިދިޔަ އަހަރު ފަހުކޮޅު ވާނީ ހަވާލުކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

އަދި އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ މިހާރު ހަމަޖައްސައި ނިމިފައިވާ ކަމަށާއި އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އަލަށް ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި ހަދާ ފްލެޓްތައް 2028 ގެ މެދު ތެރޭގައި ނިންމައިލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެއިތުރުން ވެރިކަމާ ހަވާލުވިއިރު ހުއްޓިފައި ހުރި ހައުސިން މަޝްރޫއުތައް ވެސް ފަށައިގެން އެބަކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.