މަޖީދީމަގުގައި ހަދަމުންދިޔަ އިމާރާތަކުން ދެ މަސައްކަތްތެރިން ވެއްޓުނު ހާދިސާގައި، ސަލާމަތީ މިންގަނޑުތަކަށް އިހުމާލުވި ފަރާތްތައް 5،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އިމާރާތުން ވެއްޓި އަނިޔާވި ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގަލްދޭޝް ފިރިހެނެކެވެ. މީގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވީ ނަމަވެސް، ދެވަނަ މީހާއަށް އަދިވެސް ދަނީ ވޯޑުގައި ފަރުވާ ދެމުންނެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ އެ ހާދިސާ ހިނގަން މެދުވެރިވީ އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރު، ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް އޮތުމުގެ ސަބަބުން ކަމަށެވެ. ކައުންސިލުން ބުނީ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.

އެހެންވެ، މި މައްސަލައިގައި އިހުމާލުވި ފަރާތްތައް 5،000 ރުފިޔާއިން ޖޫރިމާނާކޮށްފައިވާކަމަށް ކައުންސިލުން ބުންޏެވެ.