ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ އަނބިކަނބަލުން ކިމް ކޮން ހީ، ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 7 އަހަރަށް ޖަލަށްލުމަށް ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ހުކުމްކޮށްފިއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިޔާސީ އަދި ވިޔަފާރީގެ މަންފާތަކެއް ހޯދައިދިނުމުގެ ބަދަލުގައި އަގުބޮޑު ހަދިޔާތަކެއް ހޯދިކަން ކޯޓުގައި ވަނީ ސާބިތުވެފައެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ނިންމީ، ސަރުކާރުގެ އިސް ވަޒީފާތައް ހަމަޖައްސައިދިނުމާއި އެކި ފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ބަދަލުގައި ގާތްގަނޑަކަށް 300 މިލިއަން ވޮން (195،000 އެމެރިކާ ޑޮލަރު) ގެ އަގުބޮޑު ތަކެތި ކިމް ހޯއްދަވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ޑިއޯ ބްރޭންޑުގެ އަތްދަބަހަކާއި، ވެން ކްލީފް އެންޑް އާޕެލްސް ފަށަކާއި، ގްރާފް ބްރޭންޑުގެ އެހެނިހެން އަގުބޮޑު ގަހަނާތައް ހިމެނެއެވެ. ޖަލު ހުކުމުގެ އިތުރުން 64.8 މިލިއަން ވޮން އިން ޖޫރިމަނާކޮށް، ރިޝްވަތުގެ ގޮތުގައި ހޯދި ތަކެތި ދައުލަތަށް ނެގުމަށްވެސް ފަނޑިޔާރު ޗޯ ސުން ޕްޔޯ ވަނީ އަމުރުކުރައްވައިފައެވެ.

ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވި ގޮތުގައި، ފަސްޓް ލޭޑީގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާ ހޯދުމަކީ އާންމުންގެ އިތުބާރު ގެއްލިގެންދާނެ ކަމެކެވެ. އާންމު ރައްޔިތަކަށް މުޅި އުމުރުގައިވެސް ނުހޯދޭނެ ފަދަ އަގުބޮޑު ތަކެތި ކިމް ހޯއްދަވާފައިވަނީ އެއްވެސް ޖެހިލުމެއް ނެތިކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ދައުލަތުގެ ނިންމުންތަކަކީ ފައިސާއަށް ގަނެވޭނެ އެއްޗެއް ކަމުގެ ތަސައްވުރު އުފެދިފައިވާ ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.

ނަމަވެސް، ކިމްގެ ގާނޫނީ ޓީމުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ދިފާއީ ވަކީލުން ބުނި ގޮތުގައި، ހަދިޔާ ލިބުނު ނަމަވެސް އެއީ ވަކި ކަމެއް ކޮށްދިނުމަށް ޝަރުތުކޮށްފައި ދީފައިވާ ތަކެއްޗެއް ނޫނެވެ. މި ހުކުމަކީ ސިޔާސީ މަގުސަދެއްގައި، ހެކިތައް ނުބައި ގޮތަކަށް މާނަކޮށްގެން އިއްވާފައިވާ ހުކުމެއް ކަމަށް ބުނެ، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ވަކީލުން ބުނެފައިވެއެވެ.

ގާނޫނީ ތަޖުރިބާކާރުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހުކުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ނިންމުންތަކާމެދު އާންމުންގެ މެދުގައި އޮތް އިތުބާރު އިތުރަށް ކުޑަވެގެންދާނެއެވެ.

ކިމްގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލްވެސް މިހާރު ހުންނެވީ، 2024 ވަނަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި މައްސަލައިގައި އުމުރުދުވަހުގެ ޖަލު ހުކުމެއްގައެވެ. މި މައްސަލަތަކާ ގުޅިގެން ދެކުނު ކޮރެއާގެ ސިޔާސީ މަސްރަހަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.