ހޮލީވުޑްގެ މަޝްހޫރު ބަތަލާ މިލީ ބޮބީ ބްރައުން، އިންޑިއާގެ ބޮލީވުޑް ކޮމެޑީ ފިލްމެއްގައި ހަރަކާތްތެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ. އޭނާ މިކަން ހާމަކުރީ އޭނާގެ ކޮމެޑީ ހުނަރު ރަނގަޅުކަން ފާހަގަކުރަމުންނެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމު 'އިނޯލާ ހޯމްސް 3' ޕްރޮމޯޓުކުރުމަށް 'ވެރައިޓީ އިންޑިއާ' އަށް ދިން އިންޓަވިއުއެއްގައި، 'ސްޓްރޭންޖަރ ތިންގްސް' އިން މަޝްހޫރުކަން ހޯދި ބަތަލާ ބުނި ގޮތުގައި އިންޑިއާއަށް ޒިޔާރަތްކުރުމަކީ އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. އަދި ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިއްޖެނަމަ އެކަމަށް ނޫނެކޭ ނުބުނާނެ ކަމަށް އޭނާ ބުންޏެވެ.
ބޮލީވުޑްގައި ކުޅެން ބޭނުންވަނީ ކޮން ކަހަލަ ރޯލެއްތޯ އެހުމުން، މިލީ ބުނީ ކޮންމެ ކަހަލަ ރޯލަކަށް ވެސް އޭނާ ތައްޔާރަށް ހުރި ކަމަށެވެ.
“އަހަރެން ކޮންމެ ކަމަކަށް ވެސް ތައްޔާރު. ކޮމެޑީއެއް. އަހަންނަކީ މަޖާ މީހެއް،” އޭނާ ބުންޏެވެ. މީގެ އިތުރުން، ބޮލީވުޑް ފިލްމުތަކުގައި އާންމުކޮށް ފެންނަ ނެށުމުގެ ހަރަކާތްތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ނެށުމަކީ އޭނާ ވަރަށް ކުރާހިތްވާ ކަމެއް ކަމަށް ވެސް މިލީ ފާހަގަކުރިއެވެ.
މި އިންޓަވިއުގައި މިލީއާއެކު ބައިވެރިވި އޭނާގެ ކޯ-ސްޓާ ލުއިސް ޕާޓްރިޖް ވެސް ވަނީ އިންޑިއާއަށް ޒިޔާރަތްކުރުމަށް ޝައުގުވެރިވާކަން ހާމަކޮށްފައެވެ. މިލީ ބޮބީ ބްރައުން މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ އާ ފިލްމު 'އިނޯލާ ހޯމްސް 3' ނެރުމަށެވެ. މި ފިލްމު ނެޓްފްލިކްސްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. މީގެ އިތުރުން، ނެޓްފްލިކްސްގެ އާ ރޮމޭންޓިކް ކޮމެޑީ 'ޖަސްޓް ޕިކްޗަރ އިޓް' ގައި ވެސް އޭނާ ހަރަކާތްތެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ކޮމެންޓް