2013 ވަނަ އަހަރު ނެރުނު ފިލްމު "ވޯލްޑް ވޯ ޒީ" ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ޕެރަމައުންޓް ޕިކްޗާސްއިން ކުރަމުން އަންނަ ކަމަށް ހޮލީވުޑްގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މި ފިލްމުގެ ޑައިރެކްޓަރަކަށް އެޑްވަރޑް ބާގަރ ހަމަޖެއްސުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެމެރިކާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ ބުނެފައެވެ.

މި ފިލްމުގެ ލީޑު ރޯލުން ބްރެޑް ޕިޓް އަލުން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ޕެރަމައުންޓް ޕިކްޗާސްއިން މިކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އޮސްކާ އެވޯޑު ހާސިލުކުރި ފިލްމު "އޯލް ކުއަޔަޓް އޮން ދަ ވެސްޓަރން ފްރޮންޓް" ގެ ޑައިރެކްޓަރު އެޑްވަރޑް ބާގަރ މި ޕްރޮޖެކްޓާ ގުޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް 'ވެރައިޓީ' ފަދަ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ބްރެޑް ޕިޓްގެ ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޕްލޭން ބީ އެންޓަޓެއިންމަންޓުން މި ފިލްމު ޕްރޮޑިއުސްކުރުމުގައި ބައިވެރިވާނެ ކަމަށްވެސް އެ ނޫސްތަކުން ބުނެފައިވެއެވެ.

"ވޯލްޑް ވޯ ޒީ" ގެ ދެވަނަ ބައެއް އުފެއްދުމަށް މީގެ ކުރިންވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރު ޑައިރެކްޓަރު ޑޭވިޑް ފިންޗަރއާއެކު މި ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވި ނަމަވެސް، ބަޖެޓުގެ މައްސަލަތަކާ ގުޅިގެން 2019 ވަނަ އަހަރު ޕެރަމައުންޓުން ވަނީ އެ މަސައްކަތް ހުއްޓާލާފައެވެ. 2013 ވަނަ އަހަރު ނެރުނު ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގައި 540 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ރިކޯޑުތަކުން ދައްކައެވެ.

މިހާރު މީޑިއާތަކުން ރިޕޯޓުކުރަމުން އަންނަ އާ ޕްރޮޖެކްޓާ ގުޅޭގޮތުން ޕެރަމައުންޓުންނާއި ބްރެޑް ޕިޓްގެ ފަރާތުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.