ފަސޭހަ ކަމާއެކު ނިއު ޒިލޭންޑް ބަލިކޮށް، ބެލްޖިއަމުން ގަދަ 32 ގެ ބުރަށް ދަތުރު ކޮށްފިއެވެ.
ކެނެޑާގެ ވެންކޫވާ، ބީސީ ޕްލޭސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބެލްޖިއަމުން ނިއު ޒިލޭންޑް ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ.
އެއާއެކު ބެލްޖިއަމަށް ގްރޫޕް ޖީގެ އެއްވަނަ ހޯދީ، ތިން މެޗުންފަސް ޕޮއިންޓާއެކު ފައިސާ ތިން ގޯލުންނެވެ. މިސްރުން ދެވަނައިގައި ނިންމާލީ އިރާނާ އެއްވަރުކޮށް، ތިން މެޗުން ފަސް ޕޮއިންޓާއެކު ފައިދާ ދެ ގޯލުންނެވެ. ފައިދާ ގޯލްގެ ފަރަގުން ގްރޫޕް ކަނޑައެޅުނީ މިސްރާއި ބެލްޖިއަމް ކުޅުނު މެޗު އެއްވަރުވެފައި އޮތުމުންނެވެ.
ގްރޫޕްގެ ތިންވަނައިގައި އިރާން ނިންމާލީ، ތިން މެޗުން ތިން ޕޮއިންޓާއެކުގައެވެ. އިރާނަށް ގަދަ 32 ޔަގީންވާނެކަން އެނގޭނީ ގްރޫޕް ސްޓޭޖު ނިމުމުންނެވެ. އެ ގްރޫޕްގެ ފުލުގައި އޮތީ ނިއު ޒިލޭންޑެވެ. އެޓީމަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
މިރޭގެ މެޗަށް ނުކުތް އިރު ބެލްޖިއަމާއި ނިއު ޒިލޭންޑަށްވެސް ގަދަ 32 ގެ ފުރުސަތު އޮތެވެ. ދެޓީމަށް އޮތީވެސް މޮޅުވުމެވެ. އެއީ އަނެއް މެޗުގެ ނަތީޖާއަށް ބަރޯސާ ނުވެ، ގަދަ 32 އަށް ދާން އޮތް އެންމެ ފަހި ފުރުސަތެވެ.
ވަރުގަދަ ނަމެއްގެ ގޮތުގައި ވޯލްޑް ކަޕްގައި ފެނިގެންދާ ބެލްޖިއަމަށް މިފަހަރު އޮތީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ. މިރޭގެ މެޗާ ހަމައަށް ދިޔައިރުވެސް އެޓީމަށް އޮތީ މޮޅެއް ނުހޯދިއެވެ. ފުރަތަމަ މެޗުގައި މިސްރު ކައިރިން 1-1 އިން އެއްވަރުވެފައި އޮތް އިރު، ދެވަނަ މެޗުގައި އިރާން ކައިރިން އެއްވަރުވީ ގޯލެއް ނުޖެހިއެވެ.
އަނެއްކޮޅުން ނިއު ޒިލޭންޑްވެސް އޮތީ ޕޮއިންޓަކާއެކުގައެވެ. އިރާން ކައިރިން 2-2 އިން ފުރަތަމަ މެޗު އެއްވަރު ކޮށްފައި އޮތް އިރު، މިސްރު ކައިރިން ބަލިވީ 3-1 އިންނެވެ.
ނިއު ޒިލޭންޑުން މީގެ ކުރިން ވޯލްޑް ކަޕްގެ ނޮކްއައުޓަށް ދަތުރު ކޮށްފައި ނުވާ އިރު، މިއީ އެޓީމަށް ތިންވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން ވޯލްޑް ކަޕަށް ނުކުތީ 1982 އަދި 2010 ވަނަ އަހަރުއެވެ.
އަނެއްކޮޅުން ބެލްޖިއަމް ނުކުތީ 2022 ވަނަ އަހަރުގެ ހިތްދަތި ހަނދާން ނައްތާލުމަށެވެ. 2018 ވަނަ އަހަރު ތިންވަނަ ހޯދި ބެލްޖިއަމް، 2022 ވަނަ އަހަރު ގްރޫޕް ސްޓޭޖުން ކަޓައިގެން ގޮސްފައިވާ އިރު، މިފަހަރު އެ ހިތި ތަޖުރިބާ އަލުން ތަކުރާރުކުރަން އެޓީމުން ބޭނުން ނުވާނެކަން ޔަގީނެވެ.
އެ ހާލަތު ބަދަލުކުރުމަށް ބެލްޖިއަމުން ނުކުތް އިރު، މިރޭގެ މެޗުގައި އެޓީމުގެ ވިންގް، ޖެރަމީ ޑޮކޫ ވަނީ އަނބުރާ ޓީމާ ގުޅި، ފުރަތަމަ 11 އަށް ނުކުމެފައެވެ. އޭނާ ވޯލްޑް ކަޕް ތެރެއިން ގައުމަށް ދިޔައީ އަލަތު ދަރިފުޅު ލިބޭތީއެވެ.
އޭގެ އިތުރުން ޓިމޮތީ ކަސްޓާންޔާއާއި އާތޫރް ތެއަޓޭ، ހެން ވަނަކެންއާއި ޗާލްސް ޑެ ކަޓަލެއާވެސް ފުރަތަމަ 11 އަށް ނެރެފައިވާ އިރު، ރޮމެލޫ ލުކާކޫއާއި އެލެކްސިސް ސޭލްސްމޭކާސްއާއި ނިކޮލަސް ރާސްކިން މެޗު ފެށީ ބެންޗުންނެވެ.
ފުރަތަމަ ކޮޅުގައި ނުރައްކާ ކުރީ ބެލްޖިއަމުންނެވެ. އެޓީމުން ފުލުފުލުގައި ނިއު ޒިލޭންޑްގެ ފަހަތަށް ނުރައްކާ ކުރަމުން ދިޔަ އިރު، ކުރީކޮޅުގައި ނުރައްކާ ކުރިވެސް މެއެވެ. މެޗުގެ 12 ވަނަ މިނެޓުގައި އަރިމަތިން އޭރިއާ ތެރެއަށް ހުސްވި، ލިއާންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާގައި ކީޕަރު ބީޓްކޮށްލި ނަމަވެސް، ހުރަހަކަށްވީ ހުރަސް ދަނޑިއެވެ. އެ ބޯޅަ ދަނޑީގައި ޖެހި ވެއްޓުނު ވަގުތު ގޯލް ރޮނގު ހުރަސް ކުރަން ދިޔަ ނަމަވެސް، ނިއު ޒިލޭންޑްގެ ޑިފެންޑަރު ވަނީ ސާފު ކޮށްލައިފައެވެ.
އެ ހަމަލާގެ ތެރެއިން ރެފްރީ ވަނީ ޕެނަލްޓީއެއް ދޭން ޖެހޭތޯ ބެލުމަށް ވީއޭއާރް ޗެކްކޮށްފައެވެ. އެހެން ނަމަވެސް ފައުލެއް ދީފައެއް ނުވެއެވެ.
އޭގެ ދެމިނެޓު ފަހުން، އަނެއްކާވެސް ބެލްޖިއަމް ނުރައްކާ ކުރިއެވެ. އަރިމަތިން ހުސްވި ޓްރޮސާޑް ޖައްސާލި ބޯޅަ ޑޮކޫ ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ނިއު ޒިލޭންޑްގެ ކީޕަރު މެކްސް ކްރޮކޯމްބޭ އަތަށެވެ.
ބެލްޖިއަމްގެ އެޓޭކްތަކުގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 20 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީއެއް ލިބިގެން ގޮސްފައިވެއެވެ. އެއީ ޓްރޮސާޑްގެ ހަމަލާ އޭރިއާ ތެރެއިން ފިން ސާމަން އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ ޔަގީންކުރުމަށް ވީއޭއާރް ބަލާފައިވާ އިރު، ބެލުމަށްފަހު ރެފްރީ ނިންމީ އަތުގައި ޖެހުނު ވަގުތު ސާމަންގެ އަތް އޮތީ ނެޗުރަލް ޕޮސިޝަނެއްގައި ކަމުން ޕެނަލްޓީ ކެންސަލް ކުރާށެވެ.
އޭގެ އިރުކޮޅެއްފަހުން ބެލްޖިއަމް ވަނީ މެޗުގެ ލީޑުވެސް ނަގައިފައެވެ. އެޓޭކިން ޕްރެޝަރު ބޮޑުކުރި ބެލްޖިއަމަށް ލީޑު ނަގައިދިނީ ޓްރޮސާޑެވެ. އެ ގޯލަކީ ކޯނަރެއްގައި ނިއު ޒިލޭންޑަށް ރަނގަޅަށް ޑިފެންސް ނުކުރެވިގެން ދިޔަ ވަގުތު އޭރިއާ ތެރެއަށް ވެއްޓުނު ބޯޅައިގައި، ޓްރޮސާޑް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.
އޭގެފަހުން ކުޑަ ވަގުތުކޮޅަކަށް ނިއު ޒިލޭންޑުން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އަނެއްކާވެސް ހާފު ނިމެން ދަނިކޮށް ނުރައްކާކުރީ މެޗު ކޮންޓްރޯލް ކުރަމުންދިޔަ ބެލްޖިއަމެވެ. ހާފު ނިމެން ދަނިކޮށް ޓްރޮސާޑް ކަނޑާލި ބޯޅައެއްގައި އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ކެވިން ޑި ބްރޭނާއަށް ފުރުސަތު ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާބޮޑަށްވެސް މަތިން ބޭރަށެވެ.
ދެވަނަ ހާފު ފެށުމާއެކުވެސް ބެލްޖިއަމުން ބޯޅައިގެ ކޮންޓްރޯލް ހޯދިއެވެ. ހާފުގެ ފުރަތަމަ ފަސްވަރަކަށް މިނެޓް ތެރޭގައި ޑި ބްރޭނާގެ ހަމަލާއަކުން މާބޮޑު ނުރައްކަލެއް ނުވެ ދިޔަ ނަމަވެސް، 50 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖެހިއެވެ.
އެ ގޯލްވެސް ޖަހައިދިނީ ޓްރޮސާޑެވެ. ވަނަކަން ދުއްވާލި ޕާސް، އޭރިއާ ތެރެއިން ޓްރޮސާޑް ފޮނުވާލުމުން ފުރަތަމަ ކްރޮކޯމްބޭ މަތަކުރި ނަމަވެސް ރިބައުންސްވެސް ލިބުނީ ޓްރޮސާޑަށެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒު ކޮށްލީ ގޯލް ތެރެއަށެވެ.
ބެލްޖިއަމުން އެހިސާބުން ހަމަޖެހިލާ، އެޓީމުގެ ގޭމް ކުޅެމުން ގޮސްފައިވާ އިރު، ތިންވަނަ ގޯލަކަށްވެސް ދިޔައީ ފުރުސަތު ފަހި ކުރަމުންނެވެ. ހާއްސަކޮށް މެދުތެރެއިން ޑި ބްރޭނާއަށް ޖާގަތައް ހުސްވަމުން ގޮސް، މެޗުގެ 66 ވަނަ މިނެޓުގައި އޭނާގެ ގޯލެއް ފެނިގެން ދިޔައެވެ.
އޭރިއާ ބޭރުން ލިބުނު ބޯޅައިގައި ކުރިއަށް ޖެހިލާފައި ޑި ބްރޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ތިރީ ކަނަށެވެ. އެހިސާބުން ގްރޫޕްގެ އެއްވަނައާއެކު ބެލްޖިއަމުން ގަދަ 32 ޔަގީންވުމާ ގާތަށް ޖެހިލިއެވެ.
މެޗުގެ ފަހުކޮޅުގައިވެސް ބެލްޖިއަމް ނުރައްކާ އިތުރުކޮށް އިތުރު ގޯލަކަށް މަސައްކަތް ކުރިއެވެ. އެގޮތުން އެލެކްސިސް ސާލްސްމޭކާސްއަށް ލިބުނު ރަނގަޅު ފުރުސަތު އޭނާ ނަގާލިއެވެ.
ބެލްޖިއަމުން ފުރިހަމަ މޮޅެއް ހޯދަން ދަނިކޮށް ފަހުކޮޅުގައި ނިއު ޒިލޭންޑް ގޯލެއް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ އެލީޖާ ޖަސްޓެވެ. އެއީ އޭނާ މި ވޯލްޑް ކަޕްގައި ޖެހި ތިންވަނަ ގޯލެވެ. ނިއު ޒިލޭންޑްގެ ފުރަތަމަ މެޗުގައި އިރާން ކޮޅަށް ޖަސްޓް ދެ ގޯލް ޖެހިއެވެ.
އެ ގޯލް ކޮޅަށް ވަނުމާއެކު ބެލްޖިއަމް ވަނީ ދެވަނައަށް ސޮއްސާލައިފައެވެ. އެހެން ނަމަވެސް އެގޮތަށް މެޗު ނިމެން ދަނިކޮށް، ބަދަލަކަށް އެރި ބެލްޖިއަމްގެ ރެކޯޑު ގޯލް ޖެހުންތެރިޔާ ލުކާކޫ ވަނީ ހަތަރު ވަނަ ގޯލެއް އެޓީމަށް ޖަހައިދިނީ އެއްވަނަ ޔަގީން ކޮށްދީފައެވެ. އޭގެފަހުންވެސް ބެލްޖިއަމްއިން އެންމެ ފަހު ވަގުތު ގޯލެއް ޖަހައި، އިތުރު ޔަގީންކަމެއްވެސް ހޯދިއެވެ. އެ ގޯލް ޖެހީ ސާލްސްމޭކާސްއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް