12 ޖޫންގެ އަދަދާ ގުޅޭ)

ރާމްނާތު ތެދު ވެވަޑައިގެން އިށީނދެވަޑައިގެންފައި ވިދާޅުވިއެވެ. "މަނިކުފާނުގެ ދޫފުޅުން ތިޔަ ފައުޅު ކުރައްވަނީ އަޅުގަނޑުގެ ހިތުގެ އަޑުކަން އެނގިވަޑައިގަންނަވާނެ ނަމައެވެ. سلطان محمود އަކީ ހަމައެކަނި މަނިކުފާނުގެއެއް ނޫނެވެ. އަޅުގަނޑުގެ ވެސް އެންމެ ފަހުގެ އުއްމީދެވެ. އަޅުގަނޑު ކުއްލިޔަކަށް ސޫމްނާތަށް ދާން ޖެހިލުން ވަނީ މަރު ދެކެ ބިރު ގަންނާތީއެއް ނޫނެވެ. އަޅުގަނޑުގެ ކުރިމަތީގައި އަޅުގަނޑުގެ ފުރާނައިގެ އެއްވެސް އަގެއް ނެތެވެ. އަނެއްކާ އެންމެ ދެތިން މިނިޓެއްހައި އިރަށް އަޅުގަނޑު ދުށް އަޅުވެރީންގެ ބަޔަކަށް އަޅުގަނޑު ފެނުމާ އެކު އޮޅުން ފިލުމަކީ ވެސް ލާޒިމު ކަމެއް ނޫނެވެ. އަޅުގަނޑު ފަސް ޖެހޭ ސަބަބަކީ ރޫޕަވަތީ އަކީ އެހެން ކުދީން ފަދައިން އަމިއްލަފުޅަށް ސޫމްނާތަށް ވަޑައިގެން، އަމިއްލަފުޅަށް އެތަނުން ނުކުމެވަޑައިގެންނެވޭނެ ބޭފުޅެއް ނޫނެވެ. އޭނާ ދުނިޔެއަށް ވަޑައިގަތުމުގެ ކުރީން ވަނީ ސޫމްނާތަށް ވެދުމަށް އަރުވައިފައެވެ. އެހެންކަމުން ޕަރައުހަތުގެ ގަބޫލުފުޅާ ނުލައި އިންޑިޔާގެ ހުރިހައި ރަސްރަސްކަލުން އޭނާ އެތަނުން ނެރުއްވާން އުޅުއްވި ކަމުގައި ވިޔަސް ކާމިޔާބު ލިބިވަޑައެއްނުގަންނަވާނެއެވެ. އަޅުގަނޑާއި ރޫޕަވަތީއާ ދެމެދު ޕަރައުހަތުގެ ރުހިވަޑައިގަތުމާއި ފައްޅީގެ ގިރާ ނުކުރެވޭ ފަދަ ފާރުތައް ވަނީ ހުރަސް އަޅައިފައެވެ. އެއް ދުވަސްވަރެއްގައި އަޅުގަނޑު އުއްމީދު ކޮށްގެން ހުރީ ރަސްގެފާނުގެ ސިފައިންގެ ވެރިޔަކަށް ވުމަށެވެ. އެޔަށްފަހު ޕަރައުހަތުގެ އަރިހަށް ޖަވާހިރު ފުންޏެއް ޖަހައިފައި، އަޅުގަނޑު މި އައީ ރޫޕަވަތީގެ މިނިވަންކަމުގެ އަގު އަދާ ކުރާށޭ ދަންނަވާށެވެ. ނަމަވެސް މިހާރު އަޅުގަނޑުގެ އެންމެ ފަހުގެ އުއްމީދަކީ ގުދުރަތުގެ ނުފެންނަ ނޭނގޭ ބާރު އަޅުގަނޑުގެ އުނދަގޫތައް ދުރު ކޮށްދެއްވުމެވެ. މަނިކުފާނު ވާސިދިޔޫގެ ވާހަކަ ވިދާޅުވެދެއްވި ދުވަހު ވެސް އަޅުގަނޑުގެ ހިތަށް އެރީ سلطان محمود غزنوی އަށް މަގު ދައްކަވަމުން ގެންދަވާ އޭނާ ކަލާނގެއޭ ވިދާޅުވާ ބާރު، ކޮންމެވެސް ދުވަހަކުން އޭނާގެ އަހުގެ ލަގަން ސޫމްނާތާ ދިމާޔަށް އަނބުރުއްވާނެ ކަމަށެވެ. ރަންބީރެވެ. އަޅުގަނޑު މިހިރީ މަނިކުފާނާ އެކުގައެވެ.

ރުހަތު ކޯރުގެ އައްސޭރީގައި

ނަންދުނާގެ ހަނގުރާމައިން ލިިބިވަޑައިގެންނެވި ނާކާމިޔާބަށް ފަހު ރާޖާ ތަރުލޯޗަންޕާލް އޭނާގެ ލަޝްކަރުގެ ބާކީ ތިބި މީސްކޮޅާއިގެން ވަޑައިގެން ބަނޑަހަ ޖެއްސެވީ ޝަވާލިކް ފަރުބަދަތަކުގައެވެ. ނަމަވެސް އޭނާއަށް سلطان محمود غزنوی ގެ ލަޝްކަރުގެ ޚަބަރު ލިބިވަޑައިގަތުމާ އެކު އޭނާ ވަޑައިގެންނެވީ ދެކުނު ފަރާތަށެވެ. ގުނޫޖުގެ އާ ރަސްގެފާނާއި (ގުނޫޖުގެ އާ ރަސްގެފާނުގެ ނަންފުޅަކީ ވެސް ތަރުލޯޗަންޕާލެވެ) ކަލަންޖަރާއި ގަވާލިޔާރުގެ ޝަހެންޝާހުންނާ ބައިވެރި ވެވަޑައިގެން އެއް ލަޝްކަރެއް އުފެއްދެވުމުގެ މަގުސަދުގައެވެ. سلطان محمود ހައިރާން ވާފަދަ ހަލުއި ދަތުރުފުޅެއްގައި އޭނާގެ ފަހަތްޕުޅުން ވަޑައިގެން ރުހަތު ކޯރުގެ އައްސޭރިޔަށް ނުކުމެވަޑައިގެންނެވިއެވެ. ނަމަވެސް އޭގެ ކުރީން ތަރުލޯޗަންޕާލްގެ ލަޝްކަރު ކޯރު ހުރަސް ކޮށްފިއެވެ.

ޝަވާލިކްގެ ފަރުބަދަތަކުން ފެށިގެން ރުހަތު ކޯރާ ހަމަޔަށް ކުރެވުނު ދިގު ދަތުރުގެ ސަބަބުން އެތަކެއް އަމީރުންނާއި ކުދިކުދި ރަސްރަސްކަލުން ވަނީ ތަރުލޯޗަންޕާލްގެ ލަޝްކަރުގައި ބައިވެރި ވެވަޑައިގެންފައެވެ. ނަމަވެސް އޭނާ ހުންނެވީ އެއްވެސް މައިދާނެއްގައި އޭނާގެ އަމިއްލަފުޅު ބާރުގައި محمود އާ ހަނގުރާމަ ކުރައްވާން ތައްޔާރަކަށެއް ނޫނެވެ. މިހާރު އޭނާގެ ލަޝްކަރާއި މުސްލިމުންނާ ދެމެދަށް ވަނީ ކޯރު ހުރަސް އަޅައިފައެވެ. އެމީހުން ތިބީ އެއްވެސް ނުރައްކަލަކާ ކުރިމަތި ނުލައި އެތައް ދުވަހެއް ވާންދެން سلطان محمود ކޯރު ހުރަސް ކުރެއްވިޔަނުދީ ހިފެހެއްޓޭނެކަމުގެ ހިތްހަމަޖެހުމުގައެވެ. ތަރުލޯޗަންޕާލް ކޯރާ ތަންކޮޅެއް ދުރަށް ޖެހިވަޑައިގެން ފޭލިގެ ޖެއްސެވުމަށް ފަހު، އޭނާއާ ބައިވެރި ވެވަޑައިގަންނަވާ ރަސްރަސްކަލުންނަށް އެ ތަނަކީ މުސްލިމުންނާ ދޭތިން އެކައްޗަށް ކުރެވޭ ހަނގުރާމަޔަށް ވަރަށް ރަނގަޅު ތަނެއް ކަމުގައި ޚަބަރު ފޮނުއްވިއެވެ. އޭނާ އެންގެވިއެވެ. "ދުޝްމަނުންނަށް ކޯރު ހުރަސް ކުރެވިއްޖެ ކަމުގައި ވާނަމަ އައްސޭރީގައި ދުނިދަނޑިވެރީންނާއި ހަނގުރާމަވެރި އެތްތަކުގެ ފޫ ވައްޓައިނުލެވޭ ފަދަ ފާރެއް ލެވިދާނެއެވެ. މުސްލިމުންގެ ހިތްވަރު އެލިގެން އެނބުރި ދިޔަ ކަމުގައި ވިޔަސް އެއީ އަޅުގަނޑުމެންނަށް ލިބޭ ފަތަޙައެކެވެ. އެބައިމީހުން ބަލި ވެގެން އެނބުރި ހިނގައްޖެ ކަމުގައި ވާނަމަ އެކަމުގެ ސަބަބުން އިންޑިޔާގެ އަހުލުވެރީންނަށް އާ ޢަޒުމެއް ލިބޭނެއެވެ." ތަރުލޯޗަންޕާލް އެންމެ ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގެންފައި ވަނީ سلطان محمود ގެ ހަލުއި ދަތުރު ކުރާ ލަޝްކަރު ފިޔަވައި ބާކީ އެހެން ލަޝްކަރުތައް ތިބީ އެތައް މޭލެއްގެ ފަހަތުގައި ކަމަށް ވާތީއެވެ. އޭނާ ހީފުޅު ކުރެއްވީ سلطان محمود ކޯރު ހުރަސް ކުރެއްވުމުގެ ކުރީން އެ ލަޝްކަރުތަކަށް އިންތިޒާރު ކުރައްވާނެ ކަމުގައެވެ. ތަރުލޯޗަންޕާލްގެ އަރިހުގައި ގާތްގަނޑަކަށް ވިހިހާސް ސިފައިން ތިއްބެވެ. ތިން ސަތޭކަ އެތް އޮތެވެ. އޭނާގެ އަރިހުގައި އެ ވަރުގެ ލަޝްކަރެއް އޮތުމުން، އެތައް ދުވަހެއް ވާންދެން މުސްލިމުން ކޯރު ހުރަސް ކުރިޔަނުދެއްވައި ހިފެހެއްޓެވޭނެއެވެ.

سلطان محمود އިންނެވީ ރުހަތުގެ އައްސޭރީގައި ހުރި ފަރުބަދައެއްގެ މަތީގައެެވެ. އެމަނިކުފާނު އިންނެވީ ހުދު ކުލައިގެ އަސްކޮޅެއްގެ މަތީގައެވެ. އެމަނިކުފާނު ވަށައިގެން ވާ މައިދާންތަކުގެ މައްޗަށް ނަޒަރު ހިންގަވަމުން ގެންދެވިއެވެ. އޭރު ފަރުބަދައިގެ ތިރީގައި މުސްލިމުން ސަފުތައް އެއްވަރު ކުރަމުން ގެންދެއެވެ. ފަރުބަދަމަތީން ފެށިގެން سلطان محمود ގެ ދެ ފަރާތްޕުޅުގައްޔާއި ފަހަތްޕުޅުގައި ލަޝްކަރާ ދެމެދު ބައެއް އޮފިސަރުންނާއި ސިފައިން ތިއްބެވެ. އެމީހުން ތިބީ ރަސްގެފާނާއި ލަޝްކަރުގެ އެކިއެކި ގެމަތަކާ ދެމެދު ޚަބަރު ހިންގައިދިނުމުގެ ވަސީލަތެއްގެ ގޮތުންނެވެ. سلطان محمود އެމަނިކުފާނުގެ އަރިހުގައި ތިއްބަވާ އޮފިސަރުންނަށް އަމުރުފުޅެއް ކުރައްވާ އިރަށް، ވަގުތުން އެ އަމުރުފުޅެއް ލަޝްކަރުގެ ކަނާތް ފަރާތު އަރިމައްޗަށާއި ވާތް ފަރާތު އަރިމައްޗަށާއި މެދުތެރެޔަށް ފޯރައެވެ. ވަގުތުން އެތައް ސަފެއްގެ ތަރުތީބު ބަދަލު ވަމުން ދެއެވެ. ޖާނުން ފިދާ ވާން ތައްޔާރަށް ތިބި އަށްހާސް ސިފައިން ތިބީ ކޯރުގެ ތޫފާނީ ރާޅުތަކާ ކުޅުމަށް ޓަކައި ލަޝްކަރުގެ އަމީރުގެ އިޝާރާތް ކުރެއްވުމުގެ އިންތިޒާރުގައެވެ.

ތަރުލޯޗަންޕާލްގެ ސިފައިން ބައެއް ފަހަރު އެބައިމީހުންގެ ފޭލިގެތަކުން ނުކުމެ ކޯރުގެ އައްސޭރީން ފެނިލައެވެ. މުސްލިމުންނަށް ހަނާ އަޅައި، އަތުގެ އިޝާރާތުން ކޯރު ހުރަސް ކުރުމުގެ ދަޢުވަތު ދިނުމަށް ފަހު ޖަންގަލީގެ ތެރެޔަށް ވަދެ ގެއްލިދެއެވެ.

سلطان محمود ގެ ތުންފަތްޕުޅުމަތީގައި ވާ ލުއިލުއި ހިނިތުންވެވަޑައިގަތުމަކީ އެމަނިކުފާނުގެ އަރިހުގައި ފުރާނަ ޤުރުބާން ކޮށްލާން ތައްޔާރަށް ތިބި މުޖާހިދުންނަށް ފަތަޙައިގެ އުފާވެރި އިލްހާމެކެވެ. އެމަނިކުފާނުގެ މޫނުފުޅުމަތީގައި ވަނީ ހަމަހިމޭންކަމެވެ. ކޯރެއްގެ ހަމަހިމޭންކަމެވެ. ބާރު އަޑުފަށާ އެކު ފަރުބަދަމަތީން ފައިބާ ފެނާރުތަކާއި ފެން އޮހޭ ތަންތަން އޭގެ ބަނޑުދަށު ލަމުންގެންދާ ކޯރެއްގެ ހަމަހިމޭންކަމެވެ. ވޭތު ވެދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި އޭނާ އެތައް ކޯރެއްގެ ފުންކަމާއި، އެތައް ފަރުބަދަތަކެއްގެ އުސްކަމާއި، އެތައް ސަހަރާތަކެއްގެ ތަނަވަސްކަމުގެ ކުރިމަތީގައި އިންސާނެއްގެ ބަލި ކޮށްނުލެވޭނެ ޢަޒުމާއި ހިއްމަތު ވަނީ ސާބިތު ކޮށްދެއްވައިފައެވެ. ފަންސާސް އަހަރުގެ ޢުމުރުފުޅުގައި އޭނާގެ މޫނުފުޅުމަތީން ފެންނަނީ ކަނޑުގެ އައްސޭރީގައި އޮތް ޢަދަދު ނުކުރެވޭހައި ގިނަ ރާޅުތައް ތަޅައިފައި ވާ ހިލައެއްގެ ސާބިތުކަމެވެ. ތަޖުރިބާ އާއި ހަރުދަނާކަމެވެ. މިއަދު ވެސް އޭނާގެ ލޯފުޅުގައި ވަނީ ބާޒެއްގެ ތޫނުކަމާއި، ސިންގާއެއްގެ ކީރިތިމޫރިތިކަމެވެ.

ތަރުލޯޗަންޕާލް ކޯރު ހުރަސް ކުރިޔަނުދެއްވާން އެ އުޅުއްވާ ލަޝްކަރަކީ، އެ ލަޝްކަރުގެ ކޮންމެ ސިފައިންގެ މީހަކު ވެސް ކުރިޔަށް އޮތް ރޭ ކޯރުގެ އަނެއް ފަރާތުގައި ރޭ ކުރުމަށް ޢަޒުމު ކަނޑައަޅައިފައި ވާ ލަޝްކަރެކެވެ. އޭނާޔަށް އެ ކަމެއް އެނގިވަޑައެއްނުގަންނަވައެވެ.

سلطان محمود އެމަނިކުފާނުގެ އޮފިސަރަކާ ދިމާޔަށް އެނބުރިވަޑައިގެންފައި ވިދާޅުވިއެވެ. "މާތްﷲ ގެ އިރާދަފުޅާ އެކު، އަހަރެމެން މެންދުރު ނަމާދު ކުރާނީ ކޯރުގެ އަނެއް ފަރާތުގައެވެ." ހަމަ ވަގުތުން އެ ބަސްފުޅު ލަޝްކަރުގެ ހުރިހައި ސިފައިންނަށާއި ހުރިހައި އޮފިސަރުންނާ ހަމަޔަށް ފޯރައިފިއެވެ.

+ + + +

ދުޝްމަނުންނާ ޙަމަލަ ދިނުމަށް ޓަކައި ރަސްގެފާނުގެ އަމުރުފުޅަށް އިންތިޒާރު ކުރުމެއް ނެތި، ތުރުކުމާނުންގެ ގެމައެއްގެ އަށް މުޖާހިދުން ވައި އަޅައިފައި ވާ ހަންތަކެއްގެ އެހީގައި ފަތައިފއަި ކޯރުގެ އޮއިގަނޑާ ހަމަޔަށް ހިނގައްޖެއެވެ. އައްސޭރި ބަލަހައްޓާން ތިބި ދުޝްމަނުންގެ ޖަމާޢަތެއް، އެބައިމީހުންނާ ދިމާޔަށް ދުނި އުކަމުން ގެންދެއެވެ. سلطان محمود ހިތްވަރުގަދަކަމަށް ގަދަރު ކުރައްވާ ވަރަށް، ހަނގުރާމައިގައި އަމުރުފުޅާ ޚިލާފު ވާ މީހުންނާ މެދު ހަރުކަށިކަން ވެސް ބަހައްޓަވައެވެ. ނަމަވެސް މި ފަހަރު އެމަނިކުފާނު އާދަޔާ ޚިލާފަށް ކެތްތެރި ވެވަޑައިގެން، އެމަނިކުފާނުގެ ވަށައިގެން އެއް ވަމުން ދިޔަ އޮފިސަރުންނާ ދިމާޔަށް ބައްލަވައިލައްވައިފައި ބާރު އަޑުފުޅަކުން ވިދާޅުވިއެވެ. "ކުރިޔަށް އަރާށެވެ!" ވަގުތުން މުސްލިމުންގެ އެއް ބަޔަކު ހަންތަކާ އެކު، އަނެއް ބަޔަކު އަސްމަތީގައި ކޯރަށް ފައިބައިފިއެވެ. ޚުދު ރަސްގެފާނު ވެސް ފަރުބަދަމަތީން ފައިބައިވަޑައިގެން އަސްމަތީގައި ކޯރާ ދިމާ ކޮށްލައްވައިފިއެވެ.

(ނުނިމޭ)