ދެކުނު ޗައިނާ ކަނޑުގައި އޮންނަ ހުއަންޔަން ދާއޯ (ސްކާބަރޯ ޝޯލް) ސަރަހައްދުން، ދުނިޔޭގައި ވެސް މަދުން ނޫނީ ނުފެންނަ ބާވަތުގެ ފަރުގެ "ބްލޫ ހޯލް" އެއް ހޯދައިފިއެވެ. ޗައިނާގެ މިނިސްޓްރީ އޮފް އިކޮލޮޖީ އެންޑް އެންވަޔަރަންމަންޓުން އިއްޔެ އާންމުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މިއީ އެ ގައުމުން މިފަދަ ތަނެއް ހޯދައި ކަށަވަރުކުރި ފުރަތަމަ ފަހަރެވެ.

މި ބްލޫ ހޯލް އެންމެ ފުރަތަމަ ފާހަގަކުރީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހު، ސައުތު ޗައިނާ އިންސްޓިޓިއުޓް އޮފް އެންވަޔަރަންމަންޓަލް ސައިންސަސް އާއި ގުއާންޝީ ޔުނިވާސިޓީގެ ދިރާސާކުރާ ޓީމަކުންނެވެ. ރިޕޯޓުގައިވާ ގޮތުން، ހުއަންޔަން ދާއޯގެ މެދުތެރޭގައި އުފެދިފައިވާ މި ބްލޫ ހޯލްގެ މަތީގެ ބޮޑުމިނުގައި 1،491.7 އަކަމީޓަރު ހުރިއިރު، އެންމެ ފުޅާ ހިސާބުގައި 56.3 މީޓަރު އަދި ފުންމިނުގައި 16.6 މީޓަރު ހުރެއެވެ. ކާބަން ޑޭޓިންގް ފަދަ ތަހުލީލުތަކުން ދައްކާ ގޮތުގައި މިއީ މީގެ 3،200 އަހަރު ކުރިން އުފެދިފައިވާ ތަނެކެވެ.

މި ހޯދުމަކީ ތިމާވެށީގެ ގޮތުންނާއި އިކޮލޮޖިކަލް ގޮތުން ވަރަށް މުހިންމު ހޯދުމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. އެންވަޔަރަންމަންޓަލް ޑީއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހެދި ތަހުލީލުތަކުން، މި ސަރަހައްދުން 2،700 އަށް ވުރެ ގިނަ ކަނޑުގެ ދިރުންތައް ވަނީ ދެނެގަނެވިފައެވެ. މީގެ ތެރޭގައި 165 ބާވަތެއްގެ ހަރު މުރަކައާއި 184 ބާވަތެއްގެ މަސްމަހާމެހީގެ އިތުރުން، ޗައިނާގައި ހިމާޔަތްކޮށްފައިވާ ވެލާގެ ބާވަތެއް ކަމަށްވާ ގްރީން ސީ ޓާޓަލް ވެސް ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ޗައިނާގެ ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަރުޖަމާނު ޕެއި ޝިއާއޯފެއި ވިދާޅުވި ގޮތުގައި، މި ހޯދުމުގެ ސަބަބުން ދެކުނު ޗައިނާ ކަނޑުގެ ތިމާވެށީގެ މާހައުލު ބަދަލުވަމުން އައިސްފައިވާ ގޮތް ދެނެގަތުމަށް އިތުރު އެހީތަކެއް ލިބޭނެއެވެ. އަދި މި ސަރަހައްދުގެ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ގާއިމުކުރި ހުއަންޔަން އައިލެންޑް ނޭޝަނަލް ނޭޗަރ ރިޒާވްގެ ދަށުން އިތުރު ދިރާސާތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.