ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާނީ މަޖީދީ މަގުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނީ މަޖީދީ މަގާއި މާލޭގެ މައި ބޮޑެތި މަގުތައް (ކީ އާޓެރީ ރޯޑްސް) ހެދުމުގެ މަސައްކަތްތައް ކަމަށެވެ.

މިއީ މާލެގެ ތަރައްގީއަށްޓަކައި އެ މަނިކުފާނު ވެވަޑައިގެންނެވި މުހިންމު ވައުދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެބޭފުޅުންގެ މަސައްކަތުގެ ތެރޭގަ އެންމެ ފުރަތަމަ، އަޅުގަނޑަށް ލިބިފަ އޮތް މައުލޫމާތުގެ އަލީގަ ދަންނަވަންޏާ، މަޖީދީ މަގާ މިހެން ގޮސް ބައެއް ކީ އާޓެރީ ރޯޑްސް ނޫނީ މައި މަގުތަކެއް ހެދިގެން ދާނެ. މަގުހެދުމުގެ މަޝްރޫއަކީ އަޅުގަނޑު ވައުދުވި އެންމެ މުހިންމު ދެވަނަ ކަންތައް މާލެއަށް. އެހެންވީމާ މި މަސައްކަތް ކާމިޔާބު ވެގެން ދާތަން ފެންނާތީ އަޅުގަނޑު ވަރަށް އުފާ ކުރަން" ރައީސް ވިދާޅުވިއެވެ.

މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނުގެ ދަށުން، ބޭރުމަގުގެ މަސައްކަތް އެއްކޮށް ވީހާވެސް އަވަހަކަށް ނިންމާލުމަށް އަމާޒު ހިފާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ބޭރުމަގުގެ ހުރިހާ ސަރަހައްދެއް ދެކޮޅަށް ދެ ލޭނު އޮންނާނެހެން ހަދާ ނިމުމުން، ބާޒާރުމަތީގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އަދި މިހާރު މަސައްކަތް ހިނގަމުންދާ އެމްޕީއެލް ސަރަހައްދުގެ ބޭރުން ޕާކިންގްއަށް ހާއްސަ ފުޅާ ސަރަހައްދެއް ތަރައްގީ ކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން މަގުމަތީގައި ޕާކުކުރުން ހުއްޓި ދުއްވާ އުޅަނދުތަކަށް މަގު ހުސްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަސްލު ޕާކު ކުރާ ގޮތަކަށް ނޫން، މީގެ ކުރިން ރިންގް ރޯޑު ހަދަން ފެށި އިރު ޕްލޭން ކުރީ. ފުރަތަމަ މަގު ހެދި އިރު ފުރަތަމަ އަހަރުތައް ދިޔައީ ވަރަށް ރަނގަޅަށް އެކަން މެއިންޓެއިން ކުރެވެމުން. އެހެންނަމަވެސް މީގެ ތިން ހަތަރު އަހަރު ކުރިން ފެށިގެން މަޑު މަޑުން ޕާކު ކުރަން ފަށައިފި. ދެން މުޅި ރިންގް ރޯޑު އެއްކޮށް ނިމިގެން ދާއިރުގަ އަޅުގަނޑުމެން އެކަމަށްވެސް ހައްލުތަކެއް ގެންނާނަން،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ރިންގް ރޯޑުގެ މަސައްކަތް އަންނަ ޖުލައި މަހުގެ 26 އަށް ނިންމުމަށް ވަނީ އަމާޒު ހިފައިފައެވެ.

އެމްޓީސީސީން ބުދަ ދުވަހުގެ ރޭ ބުނެފައިވަނީ އަންނަ ހަފުތާގެ ބުދަ ދުވަހު އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.